އިޒްރޭލް

އިޒްރޭލުގެ ބޮޑުވަޒީރު ބެނެޓް ރާއްޖެ ވަޑައިގެންފި

Dec 2, 2021
7

ޔަހޫދީ އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ ވަޑައިގެންފި އެވެ.

އަމިއްލަ ދަތުރުފުޅެއްގައި ބެނެޓް ރާއްޖެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި ކަމަށް އަވަސްއަށް ވަނީ ޔަގީންވެފަ އެވެ. އަމިއްލަ ސެކިއުރިޓީ ޓީމަކާއެކު ބެނެޓް ރާއްޖެ ވަޑައިގެންނެވީ ޗުއްޓީ ހޭދަ ކުރައްވަން އާއިލާއާ އެކުގަ އެވެ.

ބެނެޓް ޗުއްޓީ ހޭދަ ކުރައްވާ ރިސޯޓް ސާފެއް ނުވެ އެވެ. އެކަމަކު އެއާޕޯޓުން ވަޑައިގެންނެވީ މެދު އަތޮޅުތަކުގެ ރިސޯޓަކަށް ކަމަށް ވެއެވެ.

އިޒްރޭލުގެ ބައެއް ނޫސްތަކުގައި ވެސް ވަނީ ބެނެޓް އަދި އާއިލާ ޗުއްޓީއެއްގައި ފުރާވަޑައިގެންފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ވަޑައިގެންނެވި ގައުމެއް އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ހަރުކަށި ޔަހޫދީއެއްގެ ގޮތުގައި ބެލެވޭ ބެނެޓް، އިޒްރޭލުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ބެނެޓް ރާއްޖެ ވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.