ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިޔަ ބްރިޖް ވިއު އިން ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަވަސް އަށް މިއަދު ވިދާޅުވީ އެ މައްސަލަ އިތުރަށް ފުރިހަމަ ކުރަން އޭސީސީއަށް ވަރަށް ފަހުން ފޮނުވާފައިވާ ކަމަށެވެ. އޭގެ ފަހުން އެ މައްސަލަ އަނބުރާ ޕީޖީ އޮފީހަށް އަދި ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެެވެ.
ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހަށް ފޮނުވާ ބައެއް މައްސަލަތައް މީގެކުރިން ވެސް ޕީޖީ އޮފީހުން ވަނީ އެ އިދާރާތަކަށް އަނބުރާ ފޮނުވާލާފަ އެވެ. އެގޮތުން ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ އާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ ފާހަގަކުރެވެ އެވެ. މަހްލޫފްގެ މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދިޔަ ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި މުއިއްޒު އާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ އޮކްޓޫބަރު ހަވަނަ ދުވަހު އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ކުރުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ދައުވާ އެވެ. މީގެއިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ މުއިއްޒާއި ހަބީބްގެ މައްޗަށް އުފުލައިދިނުމަށްވެސް އެދިފައިވެ އެވެ.
މުއިއްޒުގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލަ ތަފްސީލްކޮށްދެމުން އޭސީސީން ބުނީ ބްރިޖް ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސެޕްޓެމްބަރު، 22 2016 ގައި ސޮއި ކުރި ކަމަށެވެ. އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ"ގައި ފިނިބުއިން ވިއްކާ ތަނެއް -- ޗާޓައިމްގެ ނަމުގައި އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ޗާޓައިމް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން 2،464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބި އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އެގޮތަށް އަމަލުކުރައްވާފައިވަނީ އޭރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފަށް އަދި ގާނޫނީ ލަފާ ނުހޯދާ ކަމަށް އޭސީސީން ބުނެ އެވެ.
ކޮމިޝަނުން ބުނީ ސްޓްރާޑާ ކުންފުނިން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި ބިން ކުއްޔަށް ދޫކޮށްފައިވާ ތިން އަހަރުގެ މުއްދަތު އިތުރު ފަސް އަހަރަށް އިތުރު ކުރުމަށް ވެސް ހުށަހެޅި ކަމަށެވެ. އަދި މުއްދަތު އިތުރު ކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމަށާއި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.
މި ހުށަހެޅުމާ ގުޅިގެން ސްޓްރާޑާ އިން އެދިފައިވާ ގޮތަށް އޭޕްރީލް 13، 2017 ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ގެނެސްފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. ނަމަވެސް އެ އިސްލާހު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން އަމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ހޯދުމެއް ނެތި ކަމަށް ފާހަގަކޮށްފައިވެ އެެވެ. ބްރިޖްވިއުއިން ޕްލެޓްފޯމް ހެދުމުގެ ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅި ޕްރޮޖެކްޓެއްކަން އެކަމާ ގުޅިގެން ކޮށްފައިވާ އިއުލާނުން އެނގޭއިރު އެއްބަސްވުމަށް ފަސް އަހަރު އިތުރުކުރުމަކީ ޕްރޮޖެކްޓްގެ މަގުސަދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ތަހުގީގަށް ފާހަގަވާ ކަމަށެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީއެސްއާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެއިތުރުން އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާ މައްސަލަ ވެސް އޭސީސީން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ނޮވެމްބަރު 2017 އިން ޖުލައި 2018ގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00 ރުފިޔާ ނުދައްކާ ކަމަށްވެސް ބުނެފައިވެ އެވެ.