ވައްކަން

ރިސޯޓު މުވައްޒަފެއްގެ އަތުން 2000 ޑޮލަރު ފޭރިގެންފި

ރިސޯޓު މުވައްޒަފެއްގެ އަތުން 2000 ޑޮލަރު ފޭރިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރިސޯޓު މުވައްޒަފެއްގެ އަތުން ފޭރުމުގެ މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ހުށަަހަޅާފައިވާ ކަަމަށެވެ. އަދި އެކަމާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް އެ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް މިހާރު ޖަހައިފައިވާ ކަމަށެވެ.

ރިސޯޓު މުވައްޒަފުގެ އަތުން ފޭރުނީ އޭނާ މާލޭގައި ހުއްޓައި ގެއަކަށް ވައްދާ ބިރުދެއްކުމަށް ފަހު އެވެ. އަދި އޭނާގެ އެކައުންޓުން 2000 ޑޮލަރު ވަނީ ފޭރިގެންފަ އެވެ.

ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ އިރު މިދިޔަ މަހު 16 ވަނަ ދުވަހު ފުވައްމުލަކު އެއާޕޯޓްގައި މަސައްކަތް ކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފުން ސޭލްސް ނިންމުމަށް ފަހު ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމްކޮށްލައި އެ މީހުންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގެންފަ އެވެ. އަދި މިފަހުން ޓެކްސީ ޑްރައިވަރެއްގެ އެކައުންޓުން ވެސް ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވެ އެވެ.

ފޭރުމުގެ މައްސަލަތައް އިތުރުވަމުންދާތީ ބޭރުގައި އުޅޭއިރު ގިނަ އަދަދެއްގެ ފައިސާ އަތުގައި ނުގެންގުޅުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.