ކުޅިވަރު

ބެޑްމިންޓަންގެ ދުނިޔޭގެ މުބާރާތަށް ދެބެން

Dec 2, 2021

ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއް ރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ އެވެ.

ސްޕޭންގައި މި މަހު ފެށުމަށް ހަމަޖައްސާފައިވާ ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު 12 އިން 19 އަށެވެ.

އެއްމާބަނޑު ދެބެން ކަމަށްވާ ނަބާހާ އާއި ނަބީހާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އެ ދެ ކުޅުންތެރިންގެ ރޭންކް ރަނގަޅުވުމުންނެވެ.

ރޭންކިންގައި ނަބާ އާއި ނަބީ މިވަގުތު 117 ވަނައިގައި އޮތް ނަމަވެސް މީގެ ކުރިން އެ ދެ ކުޅުންތެރިން ވަނީ ދުނިޔޭގެ އެންމެ ގަދަ 100ގެ ތެރޭގައި ވެސް ހިމެނިފަ އެެވެ.

ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ޕެއާއެއްގެ ގޮތުގައި ވާދަކުރުމަށް ރާއްޖެއަށް މުޅިން އަލަށް ލިބުނު ފުރުސަތުގައި ނަބީ އާއި ނަބާ ވާދަކުރާނީ އެލިމިނޭޝަން ރައުންޑްގަ އެވެ.

މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ވާދަކޮށް ނަބާ އާއި ނަބީ މީގެކުރިން ވަނީ މުބާރާތުގައި ރިހި މެޑަލްއާއި ލޯ މެޑަލް ހޯދާފަ އެވެ. އަދި ރާއްޖޭގެ ބެޑްމިންޓަން މުބާރާތްތަކުގައި ޑަބްލްސް އިވެންޓްތަކުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ޕެއާ އަކީ ވެސް ނަބީ އާއި ނަބާ އެވެ.