މުރައިދޫ

މުރައިދޫގެ ފެނުގެ ނިޒާމްގެ މަސައްކަތް އިފްތިތާހުކޮށްފި

ހއ. މުރައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން މަުރައިދޫގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަދި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެވެ.

މުރައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މުރައިދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި އެ ރަށުގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ 44 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން މުރައިދޫގައި 1.9 ކިލޯމީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާނެ އެވެ.

މަޝްރޫއުގެ އިތުރު މަސައްކަތްތައް

  • ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދިނުން
  • ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދިނުން

މުރައިދޫގެ ފެނުގެ މަޝްރޫޢުއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 85.46 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން މުރައިދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެވޭނެ އެވެ.