ކުނބުރުދޫ

ކުނބުރުުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އިފްތިތާހުކޮށްފި

އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ކުނބުރުދޫގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި މަތިވެރި ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ޒަރީރު އެވެ.

ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދޫއަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ފެނުގެ މަޝްރޫއުގެ ދަށުން ކުނބުރުދޫގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް އަޅައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހައްޓައި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާނގީ ވެސް ބަހައްޓާނެ އެވެ. އަދި ގޭގެގައި ފެން މީޓަރު ބަހައްޓައި ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ރައްކާތެރި ބޯފެން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށް ދޭނެއެވެ.

ކުނބުރުދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 2.30 ކިލޯ މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކޮށް 374 މީޓަރގެ ޕަންޕިން ލައިން އަޅައި ނަރުދަމާގެ އިދާރީ އިމާރާތެއްވެސް އަޅާނެ އެވެ.

ނަރުދަމާގެ ނިޒާމް ގާއިމްކުުރުމާ ގުޅޭ އިތުރު މަސައްކަތްތައް

  • ދެ ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމް ކުރާނެ
  • ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް

ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު އަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 45.12 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުގެ މަސައްކަތް ނިމުމުން ކުނބުރުދޫގެ ރައްޔިތުންނަށް ސާފު ބޯފެން އަދި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެ އެވެ.