"މި ބިންމަތީގައިވާ އެކެއްވެސް އޭނާގެ އީމާންކަން ނެތި ހިނގައިދާނޭ ކަމަށް ބިރުވެތި ނުވާނަމަ، އީމާންކަން އޭނާގެ ކިބައިން ފިލައިގެން ދާނެއެވެ." މިއީ ދަރުސެއްގައި ބޭރުގެ ޝެއިޚަކު ވިދާޅުވި ބަސްފުޅެކެވެ. މި ބަސްފުޅާ މެދު ފުންކޮށް ވިސްނައިލުން މުހިއްމު ވެއެވެ. އެހެނީ އީމާންކަމުގެ ނިއުމަތް ދެއްވުމަށްފަހު، އެ އީމާންކަން ނެތިގެން ދިޔުމަކީ ކުރިމަތިވާ އެންމެ ބޮޑު މުސީބާތެވެ. އަދި އީމާންކަން ފިލައިގެން ގޮސް ސީދާ މަގު ގެއްލިއްޖެކަން ނޭނގޭ މީހާ އަކީ އެންމެ ބޮޑު އަބާއްޖަވެރިޔާ އެވެ.
އަޅުގަނޑުމެންގެ މުޖުތަމައުގެ ބައެއް މަޝްހޫރު މީހުން ބުނާތީ އަޑުއަހަމެވެ. "އަހުރެންނަށް ސުވަރުގެ ވަދެވޭނޭކަން ޔަޤީނެވެ." އަދި އެނޫން ބައެއް މީހުންވެސް ބުނެއުޅެވެ. "އަހުރެންނަށްވުރެ ވަކީން ބޮޑު މުސްލިމެއް، އަދި އަޅުވެރިއެއް މި ފަސްގަޑަކު ނުހުންނާނެވެ." މިފަދަ ބަސްތައް ބުނެއުޅޭ މީހުންގެ ވާހަކަތައް އަޑުއަހައި، އެވާހަކަތަކަށް ހެއްލޭ އެތައް ބަޔަކުވެސް އުޅެއެވެ.
ނަމަވެސް ވިސްނައިލާށެވެ. އިސްވެދިޔަ ސޯލިހް އަޅުތަކުންގެ ބަސްމަގު ހުރީ މިވާހަކަތަކާ ޚިލާފަށެވެ. ޢުމަރު رضي الله عنه ވިދާޅުވެފައިވެ އެވެ.
"ހަމަ އެންމެ މީހަކު ފިޔަވައި ދުނިޔޭގައިވާ ހުރިހާ އެންމެން ސުވަރުގެ ވަންނާނެއޭ ބުނެވިއްޖެނަމަ، ސުވަރުގެ ނުވަދެވޭ މީހަކީ ތިމަން ކަލޭގެފާނު ކަމުގައި ވެދާނޭ ކަމަށް ބިރުވެތިވަމެވެ." މިއީ ޢުމަރުގެފާނުގެ ހާލަތަވެ. އެކަލޭގެފާނަކީ މުސްލިމުންގެ ދެވަނަ ޚަލީފާ އެވެ. އެކަލޭގެފާނު މަގަކުން ހިންގަވާފައި ވަޑައިގަންނަވާނަމަ، އެމަގުން ޝައިޠާނާ ފިލައިގެން ދާނޭ ކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވާފަ އެވެ. މިފަދަ މަތިވެރި ބޭކަލުންވެސް ސުވަރުގެ ނުވައްދަވާފާނޭކަމުގައި ބިރުވެތިވެލައްވަ އެވެ.
އިސްލާމް ދީނަށް ހިދާޔަތް ދެއްވައި، އީމާންކަމުގެ އަހުލުވެރީންގެ ތެރެއިން ލެއްވުމީ، އިންސާނަކަށް ލިބޭ އެންމެ ބޮޑު ނިއުމަތެވެ. ކޮންމެ ނިއުމަތެއްވެސް ފިލައިގެންދާ ފަދައިން އީމާންކަމުގެ ނިއުމަތްވެސް ފިލައިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، ހިދާޔަތުގެ މަތީގައި ސާބިތުކޮށްދެއްވާތޯ ދުޢާ ކުރުމަކީ ތާއަބަދު ކުރަންޖެހޭ ކަމެކެވެ.
ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދުގެ ކޮންމެ ރަކުޢަތެއްގައި މި ދުޢާ އަޅުގަނޑުމެން ކުރަމުއެވެ. ﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴾ "ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގު ދައްކަވާފާނދޭވެ!" މިއީ ފާތިޙާ ސޫރަތުގެ 6 ވަނަ އާޔަތެވެ. ނަމާދުގައި ފާތިޙާ ސޫރަތް ނުކިޔަވާނަމަ އެ ނަމާދެއް ސައްހައެއް ނުވާނެވެ. އަދިކިއެއްތަ! އެ ރަކުއަތެއްގައި ފާތިޙާ ސޫރަތް ނުކިޔަވައިފިނަމަ ރަކްޢަތްވެސް ފުރިހަމަ ނުވާނެވެ.
ފާތިޙާ ސޫރަތާ ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވިކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްކުރައްވާފައިވެ އެވެ. "قَالَ اللهُ تَعَالَى: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ" (رواه مسلم) މާނައީ: "ތިމަން ﷲ ގެ އަޅާއާއި ތިމަން ﷲއާ ދެމެދުގައި ނަމާދު ދެބަޔަކަށް ބައްސަވައިފީމެވެ." މިޙަދީޘްގައިވާ "ނަމާދޭ" އޮތް ބަސްފުޅުގެ މާނައަކީ ފާތިޙާ ސޫރަތްކަމުގައި ޢިލްމުވެރިން ވިދާޅުވެ އެވެ. އެހެނީ ފާތިޙާ ސޫރަތާ ނުލައި ނަމާދު ސައްހަ ނުވާ ކަމަށްޓަކަ އެވެ.
ދެން އެ ޙަދީޘްފުޅުގައި ވަނީ، ފާތިޙާ ސޫރަތުގެ 1 ވަނަ އާޔަތުން 5 ވަނަ އާޔަތާ ހަމައަށް، ނަމާދު ކުރާ މީހާ ކޮންމެ އާޔަތެއް ކިޔެވުމުން ﷲ ތަޢާލާ، އެ ބަސްފުޅުތަކަށް ޖަވާބު ދެއްވާނޭކަމުގައެވެ. އެ އަޅާ ﴿ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴾ ކިޔައިފިނަމަ މާތް ﷲ ވަޙީކުރައްވާނެއެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާޙަށް ޙަމްދު ކޮށްފިއެވެ. ދެން ﴿ الرَّحْمَنِ الرَّحِيمِ ﴾ ކިޔެވުމުން މާތް ﷲ ވަޙީކުރައްވާނެ އެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ސަނާ ކިޔައިފިއެވެ." ދެން ﴿ مَالِكِ يَوْمِ الدِّينِ ﴾ ކިޔެވުމުން މާތް ﷲ ވަޙީކުރައްވާނެބއެވެ. "ތިމަން އިލާހުގެ އަޅާ ތިމަން އިލާހު މަތިވެރިކަމުން މަދަހަ ދަންނަވައިފި އެވެ."
ދެން ﴿ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴾ ކިޔެވުމުން ވަޙީކުރެއްވާނެ އެވެ. "މިއީ ތިމަން އިލާހުގެ އަޅާއާއި ތިމަން އިލާހުގެ ދެމެދުގައިވާ ކަމެކެވެ. އަދި އެ އަޅާ އެދޭ ކަމެއް އޭނާއަށް ދެއްވާހުށީމެވެ." ދެން ﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴾ ކިޔެވުމުން މާތް ﷲ ވަޙީކުރައްވާނެއެވެ. "މިއީ ތިމަން އިލާހުގެ އަޅާއަށް އޮތް ބައެވެ. އަދި އެ އަޅާ އެދޭކަމެއް އޭނާއަށް ދެއްވައިފީމެވެ."
ފާތިޙާ ސޫރަތުގައިވާ ދުޢާގެ ޢިބާރާތަކީ މިއީއެވެ. ﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴾ "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކާވާނދޭވެ!" އެހެނީ މި ދުޢާގެ ކުރިން އޮތް ފަސް އާޔަތަކީ މާތް ﷲ އަށް މަދަޙަސަނާ ދެންނެވުމެވެ. އަދި މި އާޔަތުގެ ފަހުން އޮތް އާޔަތަކީ ސީދާވެގެންވާ ތެދުމަގަކީ ކޮބައިކަން ބަޔާންކޮށްދެއްވައި، އެއީ މަގުފުރެދުނު މީހުންނާ ކޯފާ ލެއްވި މީހުންގެ މަގު ނޫންކަން ބަޔާންކޮށްދެއްވުމެވެ.
ސީދާވެގެންވާ ތެދުމަގު ދެއްކެވި މީހުންނަކީ ކޮބައިކަން އަންގަވައި ވަޙީކުރައްވާފައިވެ އެވެ. ﴿ وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ﴾ (النساء: 69) މާނައީ: "ﷲ އަށާއި، ރަސޫލާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ވަނީ، ﷲ އެބަޔެއްގެ މައްޗަށް ނިޢްމަތް ދެއްވި މީހުން ކަމުގައިވާ ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންނާ އެކުގައެވެ."
މާތް ﷲ ގެއްލެނި ކުރައްވައިފި މީހަކަށް ތެދުމަގު ދައްކައިދޭނޭ އެހެން ފަރާތެއް ނުވެ އެވެ. ވަޙީކުރައްވާފައިވެ އެވެ. ﴿ مَن يَهْدِ اللَّهُ فَهُوَ الْمُهْتَدِ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيّاً مُّرْشِداً ﴾ (الكهف: 17) މާނައީ: "ﷲ ތެދުމަގު ދެއްކެވި މީހާ ދަންނާށެވެ! ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި (އެމީހެއްގެ ޢަމަލުތަކުގެ ނުބައިކަމަށްޓަކައި) އެ އިލާހު މަގުފުރައްދަވައިފި މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."
މިދުޢާ އަކީ އިސްވެ ދެންނެވި ފަދައިން ނަމާދުގައި ކުރެވޭ އެންމެ މުހިންމު ދުޢާ އެވެ. އެއީ ސީދާވެގެންވާ ތެދުމަގަށް މަގު ދެއްކެވުން އެދި ކުރާ ދުޢާ އެވެ. ނަމާދުގައި ހުންނަ މީހާ އެ ހުރީ ތެދުމަގުގައި ނޫންތޯ އެވެ؟ އެހެން ވެއްޖެނަމަ، ނަމާދުގައި ކުރާ އެންމެ މުހިންމު ދުޢާ އަށް މިދުޢާ ވުމުގައި މަތިވެރިވެގެންވާ ޙިކުމަތެއް ވާނޭކަން ކަށަވަރެވެ.
﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴾ "އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކާވާނދޭވެ!" މިއާޔަތާ ބެހޭ ގޮތުން އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެ އެވެ. "މި އާޔަތުން ދޭހަކޮށްދެނީ އަޅުތަކުންނަށް ބާއްޖަވެރިކަމަށް ވާސިލުވުމުގެ މަގަކީ ސީދާވެގެންވާ ތެދުމަގުގައި ސާބިތުވެ ހުރުންކަމުގަ އެވެ. އަދި އެމަގުގައި ދެމިހުރެވޭނީ ތިމާގެ ވެރި ރައްބު އެކަމަށް ހިދާޔަތް ދެއްކެވުމުން އެކަންޏެވެ. އެހެނީ، މާތް ﷲ އަށް އަޅުކަން ކުރުމުގައި ދެމިހުރެވޭނީވެސް އެކަމަށް އެއިލާހު މަގުފަހިކޮށްދެއްވުމުން ކަމުގައިވާ ފަދައިންނެވެ. ވީމާ، ސީދާވެގެންވާ ތެދުމުގައި ދެމިހުރުމަށްޓަކައި މާތް ﷲގެ ހިދާޔަތަށް ވަނީ ބޭނުން ޖެހިފަ އެވެ."
ހިދާޔަތުގެ މަގަށް މަގުދައްކަވައި، މުސްލިމެއް ކަމުގައިވުމުގެ ނިޢްމަތް މާތް ﷲ ތިބާއަށް ދެއްވުމުން، އެ ދީން މަތީ ސާބިތުކޮށްދެއްވުން އެދި ދުޢާ ކުރާށެވެ. އަދި އެ ނިޢްމަތް ފިލައިގެން ނުގޮސް އަބަދަށް ދެމިގެންދާނޭ ކަމުގައި ހީނުކުރާށެވެ. އަދި އެއީ ތިބާގެ މޮޅުކަމާއި މަތިވެރިކަމުން މާތް ﷲ ތިބާއަށް ކޮއްދެއްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމުގައި ނުދެކޭށެވެ. އެހެނީ މާތް ﷲ އީ، އެއިލާހުގެ މަތިވެރިކަމުގެ މައްޗަށް އަމުރުވެރި އެއްވެސް އެހެން ފަރާތެއް، ނުވަތަ ބައިވެރިއެއް ނުވާ އެއްކައުވަންތަ އިލާހެވެ.
މިސަބަބަށްޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދުޢާ ފުޅުތަކުގެ ތެރޭގައި ދީންމަތީގައި ސާބިތުކޮށްދެއްވުން އެދި ދުޢާ ކުރެއްވުން ހިމެނެ އެވެ. އެކަލޭގެފާނު ވިދާޅުވެ އެވެ. «يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ» "އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! އަޅާގެ ހިތް އިބަރަސްކަލާނގެ ދީން މަތީ ސާބިތު ކޮށްދެއްވާނދޭވެ!" އަދި އެހެން އިބާރާތެއްގައި ވާރިދުވެފައިވެއެވެ. «اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ» މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! ހިތްތައް އެފުށް މިފުށަށް އަނބުރުއްވާ ރަސްކަލާކޮ! އަޅަމެންގެ ހިތްތައް އިބަރަސްކަލާނގެއަށް ކިޔަމަންތެރިވުމުގެ ފަރާތަށް އަނބުރުވަވާނދޭވެ!"
ވީމާ، މާތް ވެގެންވާ އިސްލާމް ދީންމަތީ ސާބިތުކޮށްދެއްވުމަށް އެދި އަބަދުމެ ދުޢާ ކުރަންޖެހެ އެވެ. އަދި އީމާންކަމުގެ ނިޢްމަތް ގެއްލިގެން ހިނގައިދާނޭ ކަމަށް ބިރުވެތިވެ ހެޔޮ ޢަމަލު ގިނަކުރަން ޖެހެ އެވެ.