އިންޑިއާއިން ފަށަން ގަސްދުކުރާ ނިއުކްލިއާ ޕްރޮގްރާމް އިއުލާންކޮށްފި އެވެ. އިންޑިއާގެ އުންމީދަކީ 2024 އައުމުގެ ކުރިން ނުވަ ނިއުކްލިއާ ރިއެކްޓަރު ބެހެއްޓުމެވެ.
މިނިސްޓަރު އޮފް ސްޓޭޓް ފޮ ޕާސަނެލް، ޕަބްލިކް ގްރީވަންސެސް އެންޑް ޕެންޝަންސް ޖީތެންދުރަ ސިންގް ވިދާޅުވި ގޮތުގައި، އިންޑިއާގައި ފުރަތަމަ ފިޔަވަހީގައި ނުވަ ނިއުކްލިއާ ރިއެކްޓަރު ބަހައްޓާނެ އެވެ.
ޖީތެންދުރަ ވިދާޅުވި ގޮތުގައި ނިއުކްލިއާ ޕްރޮގްރާމަކީ ދުރަށް ދަންމާލައިގެން ހިންގަން ރާވާފައި އޮތް ޕްރޮގްރާމެއް ކަމަށާއި އަދި އިތުރު 12 ނިއުކްލިއާ ރިއެކްޓަރު ބެހެއްޓުމަށް ބިން ކަނޑައެޅުމުގެ ކަމައްކަތްތައް ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ނިއުކްލިއާ ރިއެކްޓަރުތައް ބަހައްޓާނީ މީހުން އުޅޭ ސަރަހައްދުތަކާ ވިހާވެސް ދުރުގަ އެވެ. އަދި ވަލުޖަނަވާރު ފަދަ ދިރުންތަކަށް ބިރެއް ނެތް މާހައުލެއްގަ އެވެ.
ޖީތެންދުރަ ވިދާޅުވި ގޮތުގައި އިންޑިއާގައި މިހާރު މަދު ރިއެކްޓަރަކުން ނުފުދެ އެވެ. އޭނާ ވިދާޅުވީ ނިއުކްލިއާ ރިއެކްޓަރުތައް ބަހައްޓަން ފަށާއިރު މުޅި އިންޑިއާއަށް ބަހާލައިގެން ހަކަތަ ސަޕްލައި ކުރެވޭ ނިޒާމަކަށް ވިސްނާ ވަޑައިގަންނަވާނެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބިމުއަޑިން ނަގާ ތެލަށް ދުނިޔެ ބަރޯސާކުރުން ހުއްޓާލަން ގަސްދުކުރާއިރު، ހަކަތަ ލިއްބައި ދިނުމަށް އޮތް ދެމެހެއްޓެނިވި ނިޒާމަކީ ނިއުކްލިއާ އެވެ. އިއާދަކުރެވޭ ނިޒާމަކުން ހަކަތަ އުފައްދަން އިންޑިއާ ގަސްދުކުރާއިރު، ނިއުކްލިއާ ނޫން އިންތިޒާމެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރެވެން އޮތީ ބިމުން ނަގާ ތެލަށް ބަރޯސާކުރުން ހުއްޓާލައިގެން ކަމަށް ނުފޫޒު ގަދަ ގައުމުތަކުން ބުނެ އެވެ. ބޯޓުދެލި ފަދަ ވަސީލަތައް މިހާރުން މިހާރަށް ހުއްޓާލަން ޖެހިފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
އެހެން ނަމަވެސެ، ހަލަތަ ދުނިޔެ ހިންގަން ބޭނުންވާ ހަކަތަ ލިއްބައިދޭނެ އެހެން ވަސީލަތެއް ނެތި، މިއިން އެއްވެސް ބާވަތެއް މުޅިން ދޫކޮށްލެވޭކަށް ނެތެވެ.
ގައުމުތަކުން ދެކޭ ގޮތުގައި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމަކަށް ދެން ބޭނުންކުރެވޭނީ ނިއުކްލިއާ އެވެ. ތަނަވަސްކަން ހުރި މިންވަރަކުން ނިއުކްލިއާ ޕަވާ ޕްލާންޓްތައް ގައުމުތަކުން ބަހައްޓަންވީ އެވެ.
އިންޑިއާ އަކީ މިހާރު ވެސް ބާރުގަދަ ނިއުކްލިއާ ގައުމެކެވެ. ޕާކިސްތާނާއި ޗައިނާ އަދި ތުރުކީން ވެސް ގެންދަނީ ނިއުކްލިއާ ޕަވާ ޕްލާންޓާތައް ރައްކާތެރި ގޮތުގައި ކޮޅަށް ޖަހާނެ ނިޒާމަކަށް މަޝްވަރާ ކުރަމުންނެވެ.