ދުނިޔެ

އިންޑިއާ-ޕާކިސްތާން: ނިއުކްލިއާ މައުލޫމާތު ހިއްސާކޮށްފި

އިންޑިއާ އާއި ޕާކިސްތާންގައި ހުރި ނިއުކްލިއާ ބިނާތަކާ ގުޅުން ހުރި މައުލޫމާތު ދެ ގައުމުން ހިއްސާކޮށްފި އެވެ.

ޕާކިސްތާނުން ބުނީ އެގައުމުގެ ނިއުކްލިއާ ނިޒާމާ ގުޅުންހުރި ތަންތަން ހިމެނޭ ގޮތުން ދެ ގައުމުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިންޑިއާއަށް މައުލޫމާތު ފޯރުކޮށްދީފައި ވާނެ ކަމަށެވެ.

މިއީ އިންޑިއާ އާއި ޕާކިސްތާނުން 1988 ގައި ސޮއިކޮށް އަދި 1991 ގައި އަމަލުކުރަމުން ފަށާފައިވާ "ޕްރޮހިބިޝަން އޮފް އެޓެކްސް އެގެއިންސްޓް ނިއުކްލިއާ އިންސްޓޮލޭޝަން އެންޑެ ފެސިލިޓީސް" މުއާހަދާ ދެމެހެއްޓުމަށް ދެ ގައުމަށް ލާޒިމް ކަމެކެވެ.

މި މުއާހަދާ ބުނާ ގޮތުން ޕާކިސްތާނާއި އިންޑިއާގައި ހުރި ނިއުކްލިއާ ނިޒާމާ ގުޅޭ ތަންތަނާ ބެހޭ މައުލޫމާތު ދެ ގައުމަށް ވެސް އެނގެން ޖެހެ އެވެ. އަދި އެއިން ތަނަކަށް ހަމަލާދިނުމަކީ މަނާކަމެއް ގޮތުގައި ދެ ގައުމުން ވެސް ބަލައިގަންނަން ޖެހެ އެވެ.

މުއާހަދާގައި ބުނާ ފަދައިން އިންޑިއާގައި ހުރި ނިއުކްލިއާ ނިޒާމްތަކާ ބެހޭ މައުލޫމާތު ޕާކިސްތާނަށް ފޯރުކޮށްދީފައި ވާނެ ކަމަށް އެގަމުން ވެސް ވަނީ ބުނެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އަމަލުކުރަމުން ގެންދާ މިއެއްބަސްވުން ދެމެހެއްޓިފައި އޮތްކަން ދުނިޔެއަށް އަންގައިދިނުމަށްޓަކައި ދެ ގައުމުގެ ޚާރިޖިއްޔާއިން ވެސް ބަޔާން ނެރުނެވެ. އަދި އިސްލާމްއާބާދާއި ނިއުދިއްލީ އޮފިޝަލުންގެ މެދުގައި މައުލޫމާތު ބަދަލުކުރެވިފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެއްބަސްވުމާ އެއްގޮތަށް މައުލޫމާތު ބަދަލުކުރުމަށް ޓަކައި ކޮންމެ އަހަރެއްގެ ޖެނުއަރީ އެކެއްގައި ދެ ގައުމުގެ އޮފިޝަލުން ޝަރުތުތައް ފުރިހަމަކުރަން ޖެހެ އެވެ. ޚަބަރުތައް ބުނާ ގޮތުން މިއެއްބަސްވުން ގާއިމުކުރެވުނު ތާރީހުން ފެށިންގެން ހުއްޓުމެއް ނެތި އަންނަނީ އަމަލު ކުރެވެމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ ކޮންމެ ކަމެއްގައި ވެސް ވާދަވެރިންނެވެ. ދެ ގައުމުން ނިއުކްލިއާ ލިބިގަތުމުގައި ކުރި ހޯދާފައި އޮތީ އިންޑިއާ އެވެ. އެއީ ޕާކިސްތާނަށް ވުރެ ކުރިން ނިއުކްލިއާ ގައުމެއް ގޮތުގައި ދުނިޔެއަށް އިއުލާން ކުރުމުންނެވެ.

އިންޑިއާއަށް ވުރެ ފަހުން ނިއުކްލިއާ ބާރުގެ ތެރެއަށް ޕާކިސްތާން ވަތް ނަމަވެސް، ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓުން ބުނާ ގޮތުން ޕާކިސްތާން އަތުގައި ނިއުކްލިއާ ވޯހެޑް އިންޑިއާއަށް ވުރެ ގިނަ އެވެ.

އިންޑިއާގައި ހުރީ ބުނެވޭ ގޮތުގައި 80-100 ނިއުކްލިއާ ވޯހެޑެވެ. ޕާކިސްތާންގައި 90-110 ނިއުކްލިއާ ވޯހެޑެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ އެހީގައި ޕާކިސްތާނުން ނިއުކްލިއާ ކުޅަދާނަކަން އިތުރުކުރާނެ އެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި 200 ނިއުކްލިއާ ވޯހެޑް ޖަމާކުރާނެ އެވެ.