ދުނިޔެ

ނިއުކްލިއާ ބޮމެއް ބޭނުމެއް ނޫން: އީރާން

އީރާނުން ނިއުކްލިއާ ބޮމެއް ބޭނުން ނުވާ ކަމަށް ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ތެހެރާނުން މަސައްކަތްކުރަނީ ނިއުކްލިއާ ބޮމެއް އުފައްދަން ނޫން ކަމަށާއި ނިއުކްލިއާ ހަކަތަ އުފައްދަން ކަމަށެވެ.

އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ ފަނާކުރަނިވި ހަތިޔާރު އުފެއްދުމަކީ އީރާން ގަސްދުކުރާ ކަމެއް ނޫން ކަމަށާއި ސުލްހަވެރި މާނަތަކުގައި ބޭނުންކުރެވޭ ފެންވަރަށް ނިއުކްލިއާ ހަކަތަ އުފައްދަން ތެހެރާން ޝައުގުވެރިވާ ކަމަށެވެ.

އަލީ ހާމަނާއީ ވިދާޅުވި ގޮތުން ދުނިޔެ އޮތީ ނިއުކްލިއާ ހަކަތައަށް ބޭނުން ޖެހިފަ އެވެ. ބިމުއަޑިން ތެޔޮ ނެގުން ހުއްޓާލައި ތިމާވެއްޓާ ރައްކާތެރި ވަސީލަތްތަކުން ހަކަދަ އުފައްދަން ދުނިޔެ ގޮވާލާއިރު އެންމެން އިނގިލި ދިއްކުރަނީ ނިއުކްލިއާ ހަކަތައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އަކީ މިނިވަން ދައުލަތެއްކަން ދުނިޔެއަށް ހަނދާން ކޮށްދެއްވަމުން ހާމަނާއީ ވިދާޅުވީ އީރާންގައި ވެސް ނިއުކްލިއާ ހަކަތަ ހުންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މުޅި ދުނިޔެ ނިއުކްލިއާ ހަކަތައަށް ބަރޯސާވަމުން އަންނައިރު ދެއަތް އުރާލައިގެން އީރާނަށް ނޯވެވޭނެ ކަމަށް ވެސް ހާމަނާއީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުޅަނގު އެދޭ ގޮތަށް އީރާނުން ނިއުކްލިއާ މުޅިން ދޫކޮށްލައިފި ނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ ކަމަށެވެ.

ސްޕްރީމް ލީޑަރު ވިދާޅުވީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި މަސައްކަތެއް ކަމަށާއި ސިޔާސީ ކޮށްގެން އުޅެނީ ހުޅަނގުން ކަމަށެވެ. އަދި ހަގީގަތަކީ އެމީހުން އެދައްކާ ވާހަކަތައް ނޫން ކަމަށާއި ފަނާކުރަނިވި ބޮމެއް އީރާންގައި ނޯންނާނެ ކަމަށެވެ.

ހާމަނާއީ ވިދާޅުވީ އީރާނަށް އަޅާފައި އޮތް ދަތިކުރުންތައް ނައްތާލުމާއެކު ހުޅަނގަށް ރުހޭނެ ކަމަށާއި އަމިއްލަ ބާރު ކެނޑިގެން ނުދާ ކޮންމެ ކަމެއްގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުން ބުނާ ގޮތުން އީރާން ނިއުކްލިއާ ޕްރޮގްރާމްގެ އަމާޒަކީ ބޮމެކެވެ. އީރާނުން މިކަން ދޮގުކުރި ނަމަވެސް ހެކި ދެއްކިފައި ނެތެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ބުނާ ގޮތުން ނިއުކްލިއާ ބޮމެއް އުފައްދަން އީރާން ދެން ބުރަ މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ އެވެ. ތެހެރާނުން އެވަރަށް ޔުރޭނިއަމް ހުރީ ފެންވަރު މަތިކޮށްފަ އެވެ.

އީރާނުން ނިއުކްލިއާ ބޮމެއް އުފައްދަން އުޅޭ ކަމަށް ބުނެ އެންމެ ގިނައިން ބޮޑާހާކަނީ އިޒްރޭލް އެވެ. އިޒްރޭލުން ބައިވެރިވާ ބައިނަލްއަގްވާމީ ކޮންމެ ޖަލްސާއެއްގައި ގެންދަނީ މިވާހަކަ ދައްކައި ކުސްތަޅަމުންނެވެ.