އީރާން

ނިއުކްލިއާ ޑީލެއް ހެދެންދެން އެޓޮމިކް އޭޖެންސީގެ ކެމެރޭތައް ހުންނާނީ ނިވިފައި

އިންޓްނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ބޭނުމަށް އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތައް ދެން ހުންނާނީ ނިއްވާލާފައި ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުން ބުނީ 2015 ގައި ވެފައި އޮތް ނިއުކްލިއާ އެއްބަސްވުން އަލުން ކޮޅެއްގައި ޖެހި އަމަލުކުރަން ފެށުމަށް ދާންދެން ކެމެރާތައް ނުޖައްސާނެ ކަމަށެވެ.

އެޓޮމިކް އޭޖެންސީ އަކީ އދ. އަށް މައުލޫމާތު އެއްކޮށްދޭ ބައެކެވެ. އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ ބޭނުމަކީ، ނިއުކްލިއާ ހަތިޔާރު އުފައްދަން އީރާނުން މަސައްކަތް ކުރެތޯ ބެލުމެވެ.

އެހެން ނަމަވެސް، ނާޖާއިޒު ގޮތުގައި އިޒްރޭލުން މި ކެމެރާތަކުގެ ބޭނުންހިފާ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އަދި ކެމެރާތަކުން އީރާނަށް ވާ ފައިދާއެއް ނެތް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އީރާންގެ ނިއުކްލިއާ ޗީފް މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުގައި އެޓޮމިކް އޭޖެންސީން ކުރާހާ ސުވާލަކަށް ޖަވާބެއް ނޯންނާނެ އެވެ. ނިއުކްލިއާ މަރުކަޒުތަކުން ޔޫރޭނިއަމްގެ އަސަރު ފެންނަ ކަމަށް ބުނެ އެޓޮމިކް އޭޖެންސީން ކުރާ ތުހުމަތުތަކަށް ވެސް ޖަވާބުދެވޭކަށް ނޯންނާނެ އެވެ.

މުހައްމަދު އިސްލާމީ ވިދާޅުވި ގޮތުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރީ 2015 ގައި އެމެރިކާ އާއި ބައިވެރިންނާ އެކު ހެދި އެއްބަސްވުމުގެ ދަށުންނެވެ.

އެ އެއްބަސްވުން މިހާރު އުވާލާފައި އޮތްއިރު، އެ އެއްބަސްވުމުގެ ދަށުން ހަރުކޮށްފައި ހުރި 27 ކެމެރާ ޖައްސާފައި ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ނިއުކްލިއާ ޗީފް ވިދާޅުވި އެވެ.

އީރާނާ އެކު ނުފޫޒު ގަދަ ގައުމުތަކުން 2015 ގައި ހެދި ނިއުކްލިއާ އެއްބަސްވުން -- ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) -- ޑޮނަލްޑް ޓްރަމްޕް ސަރުކާރުން 2018 ގައި ވަނީ އުވާލާފަ އެވެ. އެއަށް ފަހު އިރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އޮތީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފަ އެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް އީރާނުން ނިއުކްލިއާ މާއްދާތައް މުއްސަނދިކުރުން ހުއްޓުވުމެވެ.

އެހެން ނަަމަވެސް މަދަނީ ބޭނުންތަކަށް، -- ނިއުކްލިއާ ޕަވާ ޕަލާންޓްތަކުން ކަރަންޓް އުފެއްދޭ މިންވަރަށް ނިއުކްލިއާ ގެންގުޅުން މަނާވެފައެއް ނުވެ އެވެ.

އީރާނާ އެކު ނިއުކްލިއާ އެއްބަސްވުމުން އަލުން ގާއިމުކުރުމަށް ބައިޑަން ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އެހެން ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދެވޭނެ ޒަމާނެއް ވެސް އަދި ނޭނގެ އެވެ.

އީރާނުން ބުނަނީ އެއްބަސްވުމެެއް ހެދުމުގައި ހުޅަނގުގެ ވަފާތެރިކަމެއް ނެތް ކަމަށެވެ. އެމެރިކާ ބުނަނީ އީރާނުން އެއްބާރުލުން ނުދޭ ކަމަށެވެ.