އިންޑިއާ

ޕާކިސްތާނާ ދެކޮޅަށް ނިއުކުލިއާ ބޭނުންކުރަން ޖެހިދާނެ: އިންޑިއާ

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތަށް އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދު އުވާލުމުން، އެކަމާ ހިތްހަމަނުޖެހުން ފައުޅުކޮށް ޕާކިސްތާނުން އަމަލުކުރާ ގޮތުގެ ސަބަބުން ނިއްކުލިއާ ހަތިޔާރު ބޭނުންކުރަން ޖެހިދާނެ ކަމުގެ އިންޒާރު އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްރާތް ސިންހް ޕާކިސްތާނަށް ދެއްވައިފި އެވެ.

އިންޑިއާގެ ޓިވީ ޗެނެލަކަށް މައުލޫމާތު ދެމުން ރާޖްރާތް ވިދާޅުވި، އިންޑިއާގެ އަސްކަރިއްޔާ އޮތީ ނިއްކުލިއާ ބޭނުންކުރަން ތައްޔާރަށް ކަމަށާއި، އެހެން ނަމަވެސް މިހާރު ދިމާވަމުންދާ ކަންތައްތަކަށް އަދި އިތުރަށް ބަލާނެ ކަމަށެވެ. ރާޖްރާތް ވިދާޅުވީ، އިންޑިއާ ސަރުކާރުން ދަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ އަމަލުތަށް ކައިރިން ބަލާ މޮނީޓާ ކުރަމުން ކަމަށެވެ.

ޕާކިސްތާނާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ރާޖްރާތް ދިންއިރު ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާންގެ ގުޅުން އަނެއްކާވެސް ވަނީ ވަރަށް ގޯސްވެފައެވެ. ޕާކިސްތާނުން ވަނީ އިންޑިއާ އާއި ދެކޮޅަށް ހަނގުރާމަ ފަށާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ. ޕާކިސްތާނުން ދަނީ ކަޝްމީރުގެ މައްސަލައިގައި އިންޑިއާ ސަރުކާރުން ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މީގެ އިތުރުން ކަޝްމީރުގެ ބޯޑަރު ކައިރިއަށް ޕާކިސްތާނުން ވަނީ ހަތިޔާރުވެސް ޖަމާކޮށްފަ އެވެ.

އިންޑިއާ ނިއްކުލިއާ ބާރަކަށް ހެދީ ކުރީގެ ބޮޑުވަޒީރު ވަޖްޕާއި އެވެ. އޭރު ނިއްކިލިއާ މައްސަލައިގައި އިންޑިއާ ގެންގުޅުނު ސިޔާސަތަކީ އިސްވެ އެއްވެސް ގައުމަކަށް ނިއްކުލިއާ ހަމަލާ ނުދިނުމާއި، ނިއްކުލިއާ ބޭނުންކޮށްގެން އެއްވެސް ގައުމަކަށް ބިރު ނުދެއްކުމެވެ. ނަމަވެސް އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ދަނީ އެ ސިޔާސަތު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ ނިއުކްލިއާ ބާރަކަށް ހައްދަވައި ދެއްވި އޭރުގެ ބޮޑުވަޒީރު ވަޖްޕާއީ ކަނޑައެޅުއްވި އިންޑިއާގެ ސިޔާސަތަކީ ފުރަތަމަ ނިއުކްލިއާ ހަތިޔާރެއް ބޭނުން ނުކުރުމުގެ ސިޔާސަތެވެ. ވަޖްޕާއީ ވިދާޅުވެފައި ވަނީ އެއްވެސް ގައުމަކާއި ދެކޮޅަށް އިންޑިއާ އިން އިސްވެ ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށެވެ. އެސިޔާސަތު ވަޖްޕާއީގެ ފަހުން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުން ވެސް އައީ ދަމަހައްޓަވަމުންނެވެ. 2016 ވަނަ އަހަރު އޭރު އިންޑިއާގެ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މަނޯހަރު ޕްރިކާ ވެސް ވަނީ ނިއުކްލިއާ ހަތިޔާރު ހުރެ، އޭގެ ބޭނުން ނުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ރާމް ނާތް ކޯވިންދު އުވާލި ކަޝްމީރަށް ހައްސަ އިމްތިޔާޒުތަށް ލިބދޭ ގާނޫނޫ އަސާސީގެ 370 ވަނަ މާއްދާގެ ދަށުން އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.

ގާނޫނު ހަދާ މަޖިލީހުން ކަޝްމީރަށް ހާއްސަ އިމްތިޔާޒުތަކެއް ލިބިދޭ މާއްދާ އުވާލުމުން، އިންޑިއާގެ ގިނަ ބަޔަކު ދަނީ އުފާ ފާޅު ކުރަމުންނެވެ. ހާއްސަކޮށް ހިންދޫން ދަނީ އުފާ ފާޅު ކުރަމުންނެވެ. ކަޝްމީރުން ގަތުމަށް މިހާރުވެސް 10.000 ވުރެ ގިނަ މީހުން ވަނީ އެދިފަ އެވެ. މީގެ އިތުރުން ކަޝްމީރުގެ ޔުނިވާސިޓީތަކުގެ ސްކާލާޝިޕްތަކަށާއި ވަޒީފާތަކަށް އެހެން ސްޓޭޓްތަކުގެ މީހުން ވަނީ އެދެން ފަށާފަ އެވެ.
ހާއްސަ އިމްތިޔާޒުތަށް އުވާލުމަށް ނިންމުމުން ކަޝްމީރުގެ މުސްލިމުން ވަނީ އެކަމާ ދެކޮޅު ހަދާފ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭ ގޮތަށް ކަޝްމީރަށް ފޮނުވާފަ އެވެ.

މި ބާރުގެ ދަށުން އިންޑިއާ ސިފައިން ވަނީ ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުން ސިއްރު ތަނެއްގައި ބަންދު ކޮށްފަ އެވެ.

ހަމަނުޖެހުން ހިންގާކަމަށް ބުނެ، އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމް ކުޑަ ކުދިން އަދި މުސްކުޅިންގެ ލޮލަށް ކަރުނަ ގޭސް ޖަހާފަ އެވެ.

ސިފައިންގެ ހިންގާ އަމަލުތަކުގެ ސަބަބުން އެ ސްޓޭޓުގެ މީހުންގެ އިންސާނީ ހައްގުތައް އުނިކަން ލިބޭކަމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ބުނެފަ އެވެ. އަދި މުސްލިމް ގައުމުތަކުގެ ޖަމިއްޔާ ކަމަށްވާ އޯއައިސީއިން ވެސް ވަނީ އިންޑިއާ ސަރުކާރުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ

މިއަހަރުގެ ކުރީ ކޮޅުގައިވެސް އިންޑިއާ ޕާކިސްތާނާއި ދެމެދު ވަނީ ހަމަލާ ބަދަލުކޮށްފަ އެވެ. އޭރު ހަމަލާ ބަދަލުކުރީ އިންޑިއާގެ ބޯޑަރެއް ކަމަށްވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ކައިރީގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާ އަސްކަރިއްޔާގެ 40 ސިފައިން މަރުވުމުން، އެކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށް ފަހު އެވެ. ފަހުން ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ ޕައިލެޓެއް ހައްުޔަރުކުރުމަށްފަހު ދޫކޮށްލާފަ އެވެ.