- ލުފްތަންސާ އިން ޔޫރަޕުން ރާއްޖެއަށް ސީދާ ފްލައިޓްތައް ބާއްވާނެ
- މި އެއާލައިނުން 200 އަށްވުރެ ގިނަ މަންޒިލަށް ދަތުރުކުރޭ
- ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމު
ޔޫރަޕުން ރާއްޖެ އަށް ސީދާ ދަތުރުތައް ފެށީ، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތައް އިތުރުކުރުމަށް އެހީވެދިނުމުގެ ގޮތުން ކަމަށް ޖަރުމަނުގެ ގައުމީ އެއާލައިން "ލުފްތަންސާ" އިން މިއަދު ބުނެފި އެވެ.
ޖަރުނަމުގެ ފްރެންކްފަޓުން ރާއްޖެއަށް މިއަދު ފެށި ދަތުރުތަކާ ބެހޭ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ވާހަކަ ދައްކަވަމުން ލުފްތަންސާ އެއާލައިންގެ ދެކުނު އޭޝިޔާ ޑިރެކްޓަރު ވުލްފްގޭންގް ވިލް ވިދާޅުވީ އެއާލައިންގެ ދަތުރުތައްރާއްޖެއަށް ފެށީ ރާއްޖޭގެ އިގްތިސާދަށް އެހީވާން ކަމަށެވެ.
"އަޅުގަނޑުމެން [ލުފްތަންސާ] އިން ބޭނުން ވޭ ރާއްޖޭގެ ތަރައްގީއަށް ކުޑަނަމަވެސް އެހީއެއް ވެދެން. ރާއްޖެ ތަރައްގީވަމުން ދާތަން ފެނޭ. ރިސޯޓުތައް ހުޅުވަމުންދާ އެބަ ދޭ. ހުޅުވަން ތައްޔާރު ވެފައިވެސް އެބަހުރި. އެހެންވެ ލުފްތަންސާ އިން ބޭނުންވޭ ޓޫރިޒަމަށް އިންޑަސްޓްރީއަށް އެހީވާން،" ވުލްފްގޭންގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަކީ ދުނިޔެ މަތީގައި އޮތް އެންމެ ރީތި އެއް ގައުމު ކަމަށާއި، އެއީ ސިއްރެއް ނޫން ކަމަށެވެ. މިގައުމުގެ ރީތިކަމުގެ ހެޔޮ ފައިދާ ނަގަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކާއި މޫދައި ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކަކީ ހާއްސަ ތަންތަން،" ވުލްފްގޭންގް ވިދާޅުވި އެވެ.
އޭނާ ވަނީ ލުފްތަންސާ އެއާލައިނަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ކިޔާފައިވާ ހޫނު މަރުހަބާ އަށް ޝުކުރު އަދާކޮށްފަ އެވެ.
"އުންމީދުކުރަނީ ދުނިޔެމަތީގެ ސުވަރުގެ [ރާއްޖެ] އަށް ޖަރުމަނުން އަންނަ ޓޫރިސްޓުން އިތުރު ވެގެން ދިއުން،" ވުލްފްގޭންގް ވިދާޅުވި އެވެ.
ޖަރުމަނަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. އެ ގައުމުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 85،000 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓުގެ ކުރިއެރުމެކެވެ.
ލުފްތަންސާ އެއާލައިންއަކީ 200 ގައުމަށް ދަތުރުތައް ބާއްވާ އެއާލައިނެކެވެ. މި އެއާލައިންގެ ފްލީޓްގެ އަދަދު 298 އަށް އަރަ އެވެ. މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.