ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގައުމުގެ މިސްރާބު ގެއްލިއްޖެ، ޕީޕީއެމުން ސަރުކާރާ ހަވާލުވާން ވެއްޖެ: ވަހީދު

މިސްރާބަށް ދުއްވުމުގެ ކުޅަދާނަކަން ނެތި ރާއްޖޭގެ މިސްރާބު ގެއްލިފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާއި ހަވާލުވާން ޖެހިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

"މަރުހަބާ ރައީސް ޔާމީން" ނަމުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ ވެރިކަމާއި ހަވާލުވާން ވާނީ އެކަން ކުރެވޭނެ ވަރުގެ ބޭފުޅުން ކަމަށެވެ. އަދި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު މި ގައުމާމެދު ކުރައްވާ ތަސައްވުރެއް އޮންނަންވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަހީދު ވިދާޅުވީ އެމަނިކުފާނު ވެރިކަން ކުރެއްވީ ދުރުވިސްނޭ ސިޔާސަތެއް އޮވެގެން ކަމަށާ މަސައްކަތް ކުރެއްވީ އެހެން ގައުމުތައް ކުރިއަށްދިޔަ ގޮތް ބައްލަވައިގެން ކަމަށެވެ. ވެރިކަމުގެ ފަސް އަހަރު ބިޔަ މަޝްރޫއުތައް ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މިއަދުގެ މަންޒަރު ތަފާތު ކަމަށާ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ފަހަތު ފަޔަށް ބުރެވެ ދެމިލަ ދެމިލާ ތިބި މަންޒަރު ކަމަށެވެ. ގައުމުގެ މިސްރާބެއް ނެތް ކަމަށާ މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަންވެސް މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވިއެވެ.

"މިހާރު ދިވެހިރާއްޖޭގެ ސަރުކާރާ ޕީޕީއެމް، ޕީއެންސީގެ ފަރާތުން މަނިކުފާނު [ރައީސް ޔާމީން] ހަވާލުވާން ވެއްޖޭ. ސަބަބުތައް ބައިވަރު. މި ޖަލްސާގައި ދެންނެވޭ ވަރަށްވުރެ ސަބަބުތައް މާގިނަ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދުރުވިސްނޭ ސިޔާސަތެއް އޮވެގެން. ތަރައްގީވެފައިވާ އެހެން ގައުމުތަކުގެ ނަމޫނާ މިސާލަކަށް ބައްލަވައިގެން. އެމަނިކުފާނު ފެއްޓެވީ ބޮޑެތި މަސައްކަތްތަކެއް. ނިންމެވީ ބިޔަ މަޝްރޫއުތައް. އެކަމުގެ ހެކިތައް ބަލައިލި ކޮންމެ ދިމާއަކުން މިހުރީ ފެންނަން. ނަމަވެސް މިއަދު މި ފެންނަނީ އެހެން މަންޒަރެއް. މިއަދު މި ފެންނަނީ 'ހާކާލަ ހާކާލާ' ތިބޭތަން. ދެން މި ފެންނަނީ ފަހަތު ފަޔަށް ބުރަވެގެން ދެމިލަ ދެމިލަ ހުންނަތަން. މިއީ ދިވެހިން ދަންނަ ގޮތެއް ނޫން. ދިވެހީންގެ ގޮތަކީ ކަމަކާ ކުރިމަތިލައިފިނަމަ ފިސާރި ކެރިގެން އެކަމެއް ނިމެންދެން ކުރުން. އެހެން ނަމަވެސް ބަލާލި ކޮންމެ ދިމާއަކުން މިއަދު ފެންނަނީ ކަންނެތް ކަމާއި ފަރުވާ ކުޑަކަން. ކަންކަމުގައި ވަރިހަމަވުމާއި އަޅާލުމެއް ނެތުން،" ރައީސް ވަހީދު ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވާން ވާނީ ވެރިކަން ކުރެވޭ ވަރުގެ މީހުން. ވެރިކަމާއި ހަވާލުވާންވާނީ ގައުމުގެ ތަސައްވުރެއް އޮވެގެން. މީގެ ވިހި އަހަރުގެ ނުވަތަ ތިރީސް އަހަރު ފަހުން މި ގައުމު އޮންނަންވީ ގޮތުގެ ތަސައްވުރެއް ނެތި ވެރިކަމެއް ނުކުރެވޭނެ. ގައުމުގެ ލީޑާޝިޕާ ހަވާލުވާ މީހަކު ޖެހޭނެ ގައުމުގެ ކުރިމަގު އޮންނަންވީ ގޮތުގެ ސާފު ތަސައްވުރެއް ގެންގުޅެން. އެ ތަސައްވުރު ހަގީގަތަކަށް ހަދައިދިނުމުގެ ހިތްވަރާއި ކުޅަދާނަކަން އެ މީހެއްގެ ހުންނަން ޖެހޭ. އަޅުގަނޑުމެންނަށް ލޮބުވެތި ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެ މަންޒަރު ފެނިއްޖެ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާމެދު ސުވާލު އުފެދިފައިވާ ކަމަށްވެސް ރައީސް ވަހީދު މިރޭ ވިދާޅުވިއެވެ. އެެމަނިކުފާނު ވިދާޅުވީ ގައުމުގެ ހާލަތު މިއަދު އޮތީ ދުވަހަކުވެސް ފެނިވަޑައިނުގަންނަވާހާ ދެރަ ހާލަތެއްގައި ކަމަށެވެ. އަދި ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު އެކަހެރިކޮށްފައިވާ ކަަމަށެވެ. އެއީ ބަޔަކު ވަކި ކަމެއްގެ ދަހިވެތި ކަމުގައި ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ރާއްޖެ "ރަހީނު"ވާތަން ދެކުމަކީ ހިތަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމަކީ ދިވެހީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. މުޅި ދުނިޔެއަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ސާފުކޮށް ބުނެދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ތިބި މަދުބައެއްގެ ދަހިވެތިކަމުން ރާއްޖޭގައި ޒަމާނުއްސުރެ އޮތް ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތު މިވަނީ އެކަހެރިކޮށްލާފައި. އޭގެ ހިތި ނަތީޖާ މިހާ އަވަހަށް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފަށައިފި. ރާއްޖޭގެ ބިމާއި ކަނޑުތަކާއި ޖައްވަށް ރާއްޖޭގެ ބާރު ކެނޑޭ އެއްވެސް ކަމެއް އަޅުގަނޑުމެން ބަލައެއް ނުގަންނަން. އެހެން ވެގެން އަޅުގަނޑު މި ދަންނަވަނީ ޕީޕީއެމް ޕީއެންސީން ރާއްޖޭގެ ސަރުކާރާ ހަވާލުވާން ވެއްޖެއޭ،"

ރައީސް ވަހީދު ވިދާޅުވީ ނިމިދިޔައީ ދިވެހީންނަށް ބުރަ ބޮޑު ދެ އަހަރު ކަމަށާ ރާއްޖެ ދުވަހަކު ނުދެކޭ މިންވަރަށް ދަރަނިވެރިވެފައިވާ ކަމަށެވެ. މި ހާލަތުން އަރައިގަތުމަށް ގައުމު އިސްކޮށް އެންމެން އެއް ގަލަކަށް އަރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމަށް ވަރަށް ބޮޑަށް ތައުރީފުވެސް ކުރައްވާފައެވެ. ވިދާޅުވީ އަނިޔާވެރި ސަރުކާރެއް އޮތް ދުވަސްވަރެއްގައި އަދި ޝަރުއީ ދާއިރާއަށް ނުފޫޒު އޮތް ދުވަސްވަރެއްގައި ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ ރާއްޖޭގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ކާމިޔާބެއް ކަމަށެވެ.

ރައީސް ރައީސް މިނިވަންވެވަޑައިގެންނެވި ދުވަަހަކީ ދިވެހިރައްޔިތުން އުފަލުން ފޮޅުނު ދުވަހެއް ކަމަށްވެސް ވިދާޅުވިއެވެ.