- އެ ހައްގުތަކަށް ސަރުކާރުން ގިނަ މަސައްކަތް ކުރޭ
- ނުކުޅެދުންތެރިންނަށް ހުރި ގޮންޖެހުން ގިނަ
- އެ މީހުންނަށް ބޭނުންވާ މައުލޫމާތު ލިބެން ހުންނަން ޖެހޭ
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާ މެދު މުޖުތަމައު ހޭލުންތެރިވާން ޖެހިފައިވާ ކަމަށް ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް (ފާތުން) މިއަދު ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޗައިލްޑް އެޑްވޮކަސީ ނެޓްވޯކް އޮފް ޑިސްއޭބިލިޓީ އޯގަނައިޒޭޝަން (ކޭންޑޫ) އިން މިއަދު ބޭއްވި ހަފްލާގައި، ވާހަކަފުޅު ދައްކަވަމުން މެޑަމް ފާތުން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެމީހުންގެ ބެލެނިވެރިންނަށް ބޭނުންވާ މައުލޫމާތުތައް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އެފަދަ ގޮންޖެހުންތައް ނައްތާލަން ޖެހޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ. މެޑަމް ފާތުން ވިދާޅުވި ގޮތުގައި އެފަދަ ގޮންޖެހުންތައް ނައްތާލެވޭނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާ މެދު މުޖުތަމައު ހޭލުންތެރި ވެގެންނެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާއި މެދު މުޖުތަމާއުގެ ހުރިހާ ފަރުދުންވެސް ހޭލުން ތެރިވުން މުހިންމު. އެހެނީ ހައްގުތައް އިނގުމަކީ ތިމާގެ މަދަނީ ޒިންމާއަށް ވުރެއް އިތުރަށް ހައްްގުތަށް ހޯދުމަށް މަސައްކަތް ކުރުމަށް ވެސް ބާރަކަށް ވާތީ،" މެޑަމް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން ގިނަ ކަންކަން ކުރާކަން ފާހަގަ ކުރައްވަމުން މެޑަމް ފާތުން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުމާއި ވިޔަފާރީގެ އުސޫލުން ދޭ ހިދުމަތްތައް އެފަދަ ފަރާތްތަކަށް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މެޑަމް ފާތުން މިއަދު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ މުއާހަދާގެ އަތް މަތީ ފޮތް ނެރެދައްވައިފަ އެވެ. އަދި ކެންޑޫއަަށް ހާއްސަ ވެބްސައިޓް ވެސް އެކަމަނާ އިފްތިތާހު ކޮށްދެއްވި އެވެ.
"އެހެން ކަމުން އެކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް މުހިންމު ވާނެ މިފަދަ ވެބްސައިޓެއް ލޯންޗު ކުރެވިގެން ދިޔުމަކީ ނުހަނު ގިނަ ލުއިފަސޭހަ ތަކެއް އަދި އިންޓަނެޓް ބޭނުން ނުކުރާފަރާތްތަކަށް އެ މައުލޫމާތުތަށް ލުއި ފޮތެއްގެ ސިފާގައި ހަދައި ހިލޭސާބަހައް ބެހުމަށް ނިންމާައިވާ ކަމަކީ ވެސް މިފުރުސަތުގައި އަޅުގަނޑު އުފަލާއި އެކު ފާހަގަ ކުރާ ކަމެއް،" މެޑަމް ފާތުން ވިދާޅުވި އެވެ.
މިއަދު އިފްތިތާހު ކުރި ނުކުޅެދުން ތެރިކަން ހުންނަ މީހުންނާ ގުޅޭ ތަފާތު މައުލޫމާތު ހިމެނޭ ވެބްސައިޓަކީ ރާއްޖޭގެ މިފަދަ ފުރަތަމަ ވެބްސައިޓެވެ. އަދި ތާރަފްކުރި އަތްމަތީ ފޮތަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށާއި އެކުދިންގެ ހައްގުތަށް ކުރިއެރުވުމަށްޓަކައި ބެލެނިވެރިނާއި ޓީޗަރުންނަށް ބޭނުން ކުރެވޭނެ ފޮތެކެވެ.