އަބްދުއްރަހީމް އަބްދުﷲ

ޖަލުގައި ހުންނަވާ ޔާމީން ވެވަޑަައިގެންނެވި ގުރުބާނީއަށް ހައްގު އަދާކޮށްދޭނެ: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވައި ވެވަޑަައިގެންނެވި ގުރުބާނީގެ ހައްގު ރައްޔިތުން އަދާކޮށްދޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ޕީޕީއެމް / ޕީއެންސީން މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ޔާމީން ޖަލަަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ސަޕޯޓަރުންނާ ބައްދަލުކުރެއްވި ޖަލްސާއަށް އިޝާރަތް ކުރައްވައި އަދުރޭ ވިދާޅުވީ އެރޭ ރައީސް ޔަމީން އަދުރޭއާއި ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރުމުގައި ފަސް ޖެހިފައިނުވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާ ކުރެވުނު އެންމެ ރަނގަޅަކަށް އަދާކޮށްފައިވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރަކީ ފަސޭހަ ދެ އަހަރު ނޫން ކަމަށާއި ރައީސް ޔާމީން ޖަލުގައި އޮންނަވަން ޖެހުން ވެގެން ދިޔައީ ޕީޕީއެމްއަށް ދިމާވީ އެންމެ ބޮޑު ގޮންޖެހުމަށް ކަމަށެވެ.

"އެއާއެކީގައި އަޅުގަނޑުމެންނަށް ކުރިމަތިވަމުން އައީ އިންތިހާބުގެ ގޮންޖެހުންތައް. އެހާމެ ގިނަ ހުރަސްތައް ދިޔައީ ކުރިމަތިވަމުން. އަޅުގަނޑުމެންގެ މި ބަދަހި ލަޝްކަރު ބައިބައިކުރުމަށްޓަކައި ފަސާދަ ވާހަކަަތަކާ އަޑުތައް ފަތުރަމުން ގެންދިޔަ. އެހެންނަމަވެސް މަމިކުފާނުގެ ފުރިހަމަ ލަފާފުޅާ އިރުޝާދާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ މަނިކުފާނު އަޅުގަނޑާ ހަވާލުކުރި އަމާނާތް ތެދުވެރިކަމާ އިހުލާސްތެރިކަމާ އެކީގައި މަނިކުފާނާ ހަމައަށް ފޯރުކޮށްދެވޭތޯ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންއަށް ލިބަވަޑައިގެންނެވި ކާމީޔާބީއަކީ މާތް ﷲ އެމަނިކުފާނަށް މިންވަރުކުރެއްވި ކާމީޔާބީއެއް ކަމަށެވެ. އަދި ހައްގު މަގުގައި ކުރާ މަތިވެރި ޖިހާދަށް ފާޅުގައި ލިބޭނީ ކާމިޔާބު ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވެވަޑައިގެންނެވި ގުރުބާނީއަކީ ދިވެހި ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީއެއް ކަމަށާއި، އެ ގުރުބާނީގެ އަގު އަޅުގަނޑުމެންނަށް އަދާ ނުުކުރެވޭނެ ކަަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ދިވެހި ރައްޔިތުން މި ގުރުބާނީގެ އަގު އަދާކުރާނީ ދެން އެންމެ އަވަހަށް ބާއްވާ ރިޔާސީ އިންތިހާބެއްގައި. ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގެން މަނިކުފާނަށް ރާއްޖެގެ ވެރިކަން ހޯއްދައިދެއްވުމަކީ ދިވެހި ގައުމަށް ވެރިކަން ލިބިގެން ދިއުން. އެއީ ދިވެހި ރައްޔިތުންނަށް ވެރިކަން ލިބިގެން ދިއުން. އެއީ ދިވެހި ރާއްޖޭގެ ވެރިކަން ދިފާއުކުރުން" އަދުރޭ ވިދާޅުވި އެވެ.