އެމްއެމްޕީއާރުސީގެ ހިޔާނާތް

ރައީސަށް ކުރެވޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ބަލަންޖެހޭ: ޔާމީން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބަލަން ޖެހޭ ކަމަށާ އެކަން ބެއްލެވުމަށް އެންގެވުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބާގައި ހުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މަރުހަބާ ރައީސް ޔާމީން" ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ވަރަށް ދިގުކޮށް ދެއްކެވި ވާހަކަފުޅުގައި ރަައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 35 މިލިއަން ރުފިޔާ ރައީސް ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށް އެމަނިކުފާނުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވާ ކަމަށެވެ. ޔާމީން އެ އިޝާރާތް ކުރައްވަނީ މިވަގުތު ޔޫކޭގައި ހުންނެވި ކުރީގެ މިނިސްޓަރު އަލީ ވަހީދު އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ދެއްކެވި ވާހަކަފުޅަށެވެ.

ރައީސް ސޯލިހު އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ވިދާޅުވާ ދުވަސްވަރު ރައީސް ސޯލިހު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގަ އެވެ. އަލީ ވަހީދު ވަނީ ރައީސް ސޯލިހު ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖުވެސް ހުންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވިދާޅުވީ އެ ތުހުމަތު ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އާއިލީ ބޭފުޅަކު ކޮމިޝަނަރު އޮފް ޕޮލިސްއަަކަށް ބަހައްޓަވައިގެން އެކަން ކުރައްވާނީ ކިހިނެތްތޯ ސުވާލު އުފެއްދެވިއެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް، މިގޮތަށް ރައްޔިތުން ކުރިމަތީ ވިދާޅުވެ ބައްލަވާ ތިމަންނާ ރެހެންދި ފްލެޓަކުން 35 މިލިއަން ރުފިޔާ ހިފައިގެން ނުނިކުންނަމޭ. ވިދާޅުވެ ބައްލައްވާ. އެތައް ބަޔަކު އެ ވާހަކަ އެ ދައްކަނީ. އަޅުގަނޑު މި ކޯޓް ކުރަނީ އޭނާގެ ފުރަތަމަ ޓުރިއަޒަމް މިނިސްޓަރު އަލީ ވަހީދު ދެއްވި އިންޓަވިއުއަށް. ހަމަ ގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަޅުގަނޑު ހުރެގެން އަޅުގަނޑުގެ މައްޗަށް އެފަދަ އިލްޒާމެއް އުުފުލިއްޖެނަމަ އަޅުގަނޑު އަންގާނަން އެކަމެއް ތަހުގީގު ކުރަން. ތަހުގީގު ކުރަން ޖެހޭނެ. އެހެންވީމަ ޑިމޮކްރަސީގެ ނަމޫނާ ދައްކަވައިގެން ޒީރޯ ބޮޑު ޓޮލަރެންސްގެ ދަށުން އެ މައްސަލަ ބަލަން އަންގަންވީނުތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކުރެއްވޭނެ ކަމަށް ރައްޔިތުންނަށް އެކަން ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އާއިލީ ބޭފުޅަކު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ބަހައްޓައިގެން މިހާރުގެ ރައީސަށް އެކަން ކުރެވޭނީ ކިހިނަކުންތޯ ސުވާލު އުފެއްދެވިއެވެ.

"އެންމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހެއްގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު ތުހުމަތެއް ކުރެވިއްޖެއްޔާ އެބަޖެހޭ އެކަމުން ރައްޔިތުންނަށް ތަސައްލީއެއް ދޭން. އޭނަގެ ވެރިކަމެއްގައި އޭނާގެ ޅިޔަނު ކޮމިޝަނަރު އޮފް ޕޮލިސްއަކަށް ހުރެގެން ތަހުގީގެއް ނުހިނގާނެ. އަދި ސަރުކާރުގެ ޕްރޮސެކިއުޓަރު ޖެނެރަލެއް ހުރެގެނެއް އެކަމެއް ނުހިނގާނެ. މިހެން ހުރި ހުރިހާ ތުހުމަތުތަކެއް އޭނަ އެބަޖެހޭ ފުލުހުންނަށް ތަހުގީގު ކުރަން އަންގަން،" މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން މިނިވަން ކުރެއްވި ރައީސް ޔާމީން ވިދާޅުވިއެވެ.