ރައީސް އަބްދުﷲ ޔާމީން

"ވެރިކަން ކުރައްވާނީ މުސްތަގިއްލުކޮށް، ނޫނީ ފައިބާ"

ވެރިކަން ކުރައްވާނީ މުސްތަގިއްލުކޮށް ކަަމަށާ އެހެން ނޫނީ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވައިފި އެވެ.

ކާނިވާ ސަރަހައްދުގައި އެތައް ސަތޭކަ ބަޔަކާއެކު މިރޭ ކުރިއަށް ގެންދިޔަ އިދިކޮޅުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދޭ މިންވަރަށް ގައުމުގެ ކަންކަން ގޮސްފައިވާ ކަަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ-އިންޑިއާ ގުޅުން ނުރައްކާތެރި ހާލަތެއްގައިވާ ކަމަށް ސިފަ ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ކިހާރު އޮތް ފަދަ ވެރިކަމެއް މިނިވަން އެހެން ގައުމެއްގައި އޮތް މަންޒަރު ފެނިވަޑައިނުގަންނަވާނެ ކަަމަށެވެ. އަދި ވެރިކަން ކުރައްވާނީ މުސްތަގިއްލުކޮށް ކަމަށް ވިދާޅުވެ އެކަން ނުކުރެވޭނެ އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއެވެ.

"އެއްވެސް ގައުމެއްގައި މި ކަހަލަ ޑައިކޮޓަކީ -- ޑިކޮޓަކީ -- އެއް ނޯންނާނެ. އެއްވެސް ވެރިކަމެއްގައި މިކަހަލަ ޑައިކޮޓަކީ އެއް، ޑްޕްލިކޭޓެއް ނޯންނާނެ. ވެރިކަން ކުރާނީ މުސްތަގިއްލު ވެރިކަމެއް، އެހެން ނޫނީ ފައިބާ،" ޔާމީން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ "އިންޑިއާ އައުޓް" ކެންޕެއިނަކީ ރާއްޖޭގެ މަދު ބަޔަކު ހިންގާ ހަރަކާތެއް ކަމަށް ބުނެ ސަރުކާރުގެ ވެރިން ދައްކަވާ ވާހަކަތަކަށް ވަރުގަދައަށް ރައްދު ދެއްވާފައެވެ. އަދި އެ ހަރަކާތުގެ ހަގީގަތް ސާފުކޮށްދެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތަކީ ޕީޕީއެމާއި ޕީއެންސީއިން އެމަނިކުފާނުގެ އިސްނެންގެވުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އޭގެ ފަހަށް އެމަނިކުފާނު ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށާ އިންޑިއާ ސިފައިން ރާއްޖެއިން ފައިބާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާ ދިވެހީންގެ އަމަން ބަލަހައްޓަން އިންޑިއާ ސިފައިން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިހުތިރާމުކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތާކު އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނަތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެން ނަމަވެސް މިއަދު ރަސްމީކޮށް އަޅުގަނޑު މި ބުނަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް،" ވަރަށް ޖޯޝްގައި ވާހަކަ ދައްކަވާ ރައީސް ޔާމީން ވިދާޅުވިއެވެ.