ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

( 29 ނޮވެމްބަރު 2021އާގުޅޭ )

ސަހުލާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޓީވީއަށް ކަޅި ދީގެން ހުރި ސަހުލާ، ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. ހިޝާމްގެ ދަރުސް ހީވަނީ ހަމަ ސީދާ ސަހުލާއަށް އަމާޒުކޮށްގެން ދެމުންދާ ދަރުހެއް ހެންނެވެ. ކޮންމެ ގޮތެއް ވިޔަސް، ހިޝާމްގެ އެ ވާހަކަތަކުން ސަހުލާގެ ހިތުގައި ބޮޑު އިޙްސާސެއް ކެކި އުތުރިގެން ދިޔަކަން އޭނާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރު ތަކުން އެނގި ހާމަވެއެވެ. ސަހުލާއަށް ހޭވެރިކަންވީ އޭނާގެ އަތުގައި އޮތް ފެންފުޅި އަތުން ދޫވެގެން އައިސްއަލަމާރި ކައިރިއަށް ވެއްޓުމާ އެކުގައެވެ. ފެންފުޅި ވެއްޓުނު އަޑަށް ހަފްސާ އާއި ގާދިރަށް އެކީގައި ބަލައިލެވުނީ ސަހުލާއަށެވެ.

"ސޮރީ!" ސަހުލާ ވަރަށް އަވަހަށް އެހެން ބުނެ، ފެން ފުޅި ނަގައި އަލަމާރިއަށް ލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ ކޮޓަރިއަށެވެ. ހަފްސާ އާއި ގާދިރު އެކަކު އަނެކުގެ މޫނަށް ބަލައިލުމަށްފަހު، ދެމީހުންގެ ނަޒަރު އަމާޒު ކޮށްލީ ޓީވީއަށެވެ.
ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދިޔަ ސަހުލާގެ ހިތުގެ ތެރެއަށް ވަދެ ނުކުމެ ދިޔައީ ހަމަ އެންމެ ޖުމުލައެކެވެ. އެއީ ދަރުހުގައި ހިޝާމްގެ ދުލުން ބޭރުވެގެން ދިޔަ ޖުމުލައެކެވެ. ސަހުލާއަށް ވީ ހުރިހާ ކަމެއް ވެގެން ދިޔައީ ވެސް ހަމައެކަނި އެޖުމުލައިގެ ސަބަބުންނެވެ. ޙަލާލު ނޫން ކައިވެންޏެއް ކުރަން ސަހުލަ ބޭނުންވާ ހެނެއް ހީއެއް ނުވެއެވެ. ސަހުލާ ބޭނުން ވަނީ ޖައިޝްގެ އަންބެއްގެ ގޮތުގައި ހުންނާށެވެ. ފޭކު އަންބެއްގެ ގޮތުގައި ހުރުން ސަހުލާ ނޭދެއެވެ. ވަގުތުކޮޅަކު ވިސްނާލުމަށްފަހު ސަހުލާއަށް ރޭކައިލީ އޭނާގެ ޙާލަތެވެ. މާ ގިނަ އިތުރު "ޗޮއިސް"އެއް ނެތްކަމެވެ. ކައިވެނި ކުރަނީ ވެސް ދުނިޔެއަށް ފައުޅުވެދާނެ ލަދަކަށް ބިރުންނެވެ. ނޫނީ މީހުންގެ ދޫ ތަކުގައި ޓޭޕް އަޅައި، މަލާމާތާ ފުރައްސާރަތަކުން އެއްކިބާ ވާށެވެ. އެންމެ ބޮޑު ކަމަކަށް ސަހުލާ ނެގީ ސިއްޙަތެވެ. އެކަމުގެ ނުރައްކާ ރިޝްފާގެ ދުލުން ކިޔައި ދީފައިވާތީއެވެ.

ސަހުލާގެ ޙަޔާތުގެ އެތައް ކަމަކާ ވިސްނަމުން، ކޮޓަރީގެ ދެކޮޅަށް ހިނގަމުން ދަނިކޮށް ސަހުލާއަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ފޯނު ވައިބްރޭޓް ވަމުން ދާތީއެވެ.

"ހަލޯ!" ފޯނަށް ބަަލައިލުމަށްފަހުގައި، ދެ ޚިޔާލެއްގައި ހުރެ ސަހުލާ ފޯނު ނެގިއެވެ.

"ސަހުލާ. ކިހިނެއްތަ؟" އެކޮޅުން ވާހަކަދެއްކީ ސަހުލާގެ ދޮންތަ ސުހާނާއެވެ. ކޮންމެވެސް އެއްޗެއް ކިޔައިގެން އޭނާ ފަށަން އެއުޅޭ މައުޟޫޢު ސަހުލާއަށް އެނގޭ ކަހަލައެވެ.

"ރަނގަޅު!" ސަހުލާ ޖަވާބު ދިނެވެ.

"އާނ! ދޮންތަ ބުނީ.. ތެދެއްތަ؟ ސަހުލާ މެރީ ކުރަނީތަ؟" ސަހުލާ ހިތަށް އެރި ފަދައިން ސުހާނާ މައުޟޫޢޫ ހުޅުވައިލާކަށް މާގިނަ އިރެއް ނުނެގިއެވެ.

"އާނ! ރަން ވެސް ކިޔައިފިން. އެނގެއެއްނު؟" ސަހުލާ ފޫހި ގޮތަކަށް ވާހަކަދެއްކިއެވެ.

"އެހެންތަ؟ ހަމަ މެރީ ކުރަނީތަ؟" ސުހާނާ އަނެއްކާ ސުވާލު ތަކުރާރު ކޮށްލުމުން ސަހުލާގެ ގާތަށް އައީ ރުޅިއެވެ.

"އަހަރެން ޖަވާބު ދީފިން! ދެން ޖަވާބަކަށް ތަފާތެއް ނާއްނާނެ. އަހަރެންނަށް ކުރިން ވެސް އެނގުނޭ!" ސަހުލާގެ އަޑު ކުޑަކޮށް ބާރުވިއެވެ.

"ކޮންކަމެއްތަ ސަހުލާއަށް އެނގުނީ؟" ސުހާނާ ހައިރާންވެގެން އަހައިލިއެވެ.

"އަހަރެންނަށް އެނގޭ އަހަރެންގެ ކައިވެންޏަށް މި ޢާއިލާއިން ވީ އެއްބަސް ވުމަކީ ބޮޑު ޑްރާމާއެއްކަން. އެކަން ތި ފެންނަނީ." ސަހުލާ އެހެން ބުނުމާ އެކުގައި ސުހާނާ ހީނލިއެވެ. އެއީ ސުހާނާ ހުރީ ރުޅިން ނޫންކަން އެންގުމުގެ ގޮތުންނެވެ.

"ބަލަ ސަހުލާ! ދޮންތަ ނާންނަމޭ ރުޅިއެއް! ދޮންތަ އަބަދުވެސް ސަހުލާ ދެކެ ލޯބިވަމޭ. ދޮންތަގެ އިތުރު އަންހެން ކޮއްކޮއެއް ހުރީކީ ނޫން. ދޮންތަ ނުބުނާނަން ދޮންތަ މިހުރީ ވަރަށް އުފަލުންނޭ. ސަހުލާ މެރީ ކުރާތީ. އެއީ ވެސް ދޮންތަ ސަހުލާ ދެކެ ލޯބިވާތީ. ސަހުލާއަށް ދެރައެއް ދޭން ނޭދޭތީ.." ސުހާނާގެ ވާހަކަތަކަށް ސަހުލާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. "އެހެންވިއްޔާ ތޭންކްސް"އޭ ބުނެ ސަހުުލާ ފޯނު ކަނޑައިލީއެވެ. ކުރިން ވެސް ސަހުލާގެ ހިތުގައި އޮތް ނުގުޑާ ބޮޑު ޢަޒުމް، ހަމަ އެގޮތުގައި އެބަ އޮތެވެ. މުޅި ދުނިޔެ ނުރުހުނަސް، ސަހުލާ ހުރީ އެ ލޯތްބާ ދުރަށް ނުދޭން ނިންމައިގެންނެވެ.

ސަހުލާގެ ފަރާތުން ލިބުނު ރުންކުރު ޖަވާބު، ސުހާނާ ލަސް ނުކޮށް ހަފްސާ އާއި ގާދިރަށް ހިއްސާ ކުރިއެވެ. ސަހުލާގެ ކަންތައްތަކާ ވިސްނާ ވިސްނާ ހަފްސާ މިހާރު ވަނީ ވަރުބަލި ވެފައެވެ. ވިސްނަން ބޭނުން ނުވިޔަސް ހަމަ ވިސްނެނީއެވެ. ނުވިސްނާ ނުހުރެވެނީއެވެ. ވާނީ ވެސް އެހެންތާއެވެ. މައެއްގެ އިޙްސާސެއް އެހެން މީހަކަށް ނޭނގޭނެއެވެ.

***

މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. މަޑުމަޑުން ޖައިޝްއަށް އޭނާގެ ދެލޯ ހުޅުވައިލެވުނީ މޫނުމައްޗަށް ކޮޓަރީގެ ކުޑަ ދޮރުން އިރުގެ އަލި އެޅެން ފެށުމުންނެވެ. މޫނުގައި ދެއަތް ކާއްތައިލުމަށްފަހުގައި ޖައިޝް އޭނާގެ ބޯ ހިއްލާލެވޭތޯ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. އެހިތްވަރެއް، އެބާރެއް އޭނާގެ ހައްޓަކު ނެތެވެ. ޖައިޝް އޭނާގެ މޫނު އަނބުރައިލީ އޭނާގެ ކަނާ އަތަށްވާ ފަޅިއަށެވެ. އެނދުގައި ގަދަ ނިދީގައި އޮތީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޔުއާދެވެ.

"ޔުއާދު! ބްރޯ!" ޖައިޝްގެ އަނގައިން ނުކުތް ބަސްތަކުގައި އެއްވެސް ވަރެއް ނެތެވެ. ޖައިޝް ގެންދިޔައީ ހުއްޓާ ނުލާ ޔުއާދަށް ގޮވަމުންނެވެ.

"ކީކޭ ބްރޯ!" ލޯ ނުހުޅުވައި އޮވެގެން، ނިދި ރާގެއްގައި އެންމެ ފަހުން ޔުއާދު ޖަވާބު ދިނީ އެތައް ފަހަރަކު ޖައިޝް ގޮވި ފަހުންނެވެ. އެދެމީހުން ވެސް އެވަގުތު ތިބީ ނިކަން ބޮޑަށް މަސްތުވެފައެވެ. އެދެމީހުން އޮތް ކޮޓަރި ތެރޭގައި އެއްވެސް ސާފު ކަމެއް ނެތެވެ. ދެ ބިޔަރު ހުސް ފުޅި އާއި 1 ވައިން ފުޅި ކޮޓަރި ތެރެއަށް ވެއްޓިފަ އޮތެވެ. ހުސްވެފައި ހުރި ސިނގެރޭޓު ފޮށި ތަކުން މުޅި ކޮޓަރި އޮތީ ގޮނޑު ވެފައެވެ. ޖައިޝްގެ ކޮޓަރި އަކީ އޭނާގެ މަސްތުގެ ޖަގަހައެވެ.

"ބްރޯ! މި ފޯނު ނަގާބަލަ! ސަހޫ އެ ގުޅަނީ. ބުނޭ އަހަރެން ފެންވަރަން ވަދެއޭ." ޖައިޝް ފޯނު ދިއްކޮށްލީ ޔުއާދުގެ އަތަށެވެ.

ޔުއާދު ފޯނު ނަގައި، ޖައިޝް ބުނި ފަދައިން ސަހުލާއަށް ޖަވާބު ދިނެވެ. ޔުއާދުގެ ވާހަކަ ޤަބޫލުކޮށްގެން ސަހުލާ ފޯނު ބޭއްވީ ޖައިޝް ފާޚާނާއިން ނުކުތުމުން ގުޅަން އެދުމަށްފަހުގައެވެ.

މަސްތުގެ ކަނޑުން ނުކުމެ، ޖައިޝްގެ ސިކުނޑި ހަމައަކަށް އައީ ހަވީރު ވާން ގާތްވެފަ ވަނިކޮށެވެ. ޖައިޝް ލަސްނުކޮށް ގުޅީ ސަހުލާއަށެވެ. ދަޢުވަތު ދިނީ ސީދާ އެގެއަށް އައުމަށެވެ. "އާނއެކޭ" ބުނެ ސަހުލާ ނަލަ ވެލަން ދިޔައިރު އިރު، ޖައިޝް ފެށީ އޭނާގެ ކޮޓަރި ސާފު ކުރާށެވެ.

"ދަރިފުޅާ!" ކޮޓަރިން ސަހުލާ ނިކުތް އިރަށް ސިޓިންގރޫމްގައި އިން ހަފްސާ ގޮވައިލިއެވެ. ހަފްސާގެ ގާތުގައި ހިޝާމް އިނުމުން، މިދަނީ ބޭރަށޭ ކިޔާފައި ހިނގައިގަންނަން ސަހުލާ ކޮންމެވެސް ވަރަކަށް ފަސްޖެހުނެވެ.

"ދަރިފުޅު ބޭނުން ވިއްޔާ މިގޭގަ އުޅެވޭނެ އިނގޭ! ކައިވެންޏަށް ފަހު ވެސް.." ހަފްސާ އެހެން ބުނެލީ ސަހުލާ އެގެއިން ނުކުންނަން އެއްޗެހި ޕެކް ކުރަމުން ދާކަން އެނގުމުންނެވެ. އެއްވެސް އެއްޗެއް ނުބުނެ ހުރެފައި ސަހުލާ ހިނގައިގަތީ ހަފްސާގެ ގާތަށެވެ.

"ނޫން މަންމާ! އަހަރެން ބޭނުމެއް ނޫން މަންމައަށް އެއްވެސް އުނދަގުލެއް ޖައްސާކަށް. އަހަރެންނަށް އަހަރެންގެ ލައިފް މެނޭޖު ކުރެވޭނެ. މަންމަމެން ރުޙޭ ދުވަހަކުން އަހަރެން މިގެއަށް ޖައިޝް ގޮވައިގެން އަންނާނަން. އަހަރެންނަށް އެނގޭ މަންމަމެން އަސްލު މި ކައިވެންޏަށް ޤަބޫޫލު ނޫންކަން. އެކަމުވެސް މަންމާ! އަހަރެން މަންމަ ދެކެ ރުޅިއެއް ނާންނަން." ސަހުލާ އެހެން ބުނުމަށްފަހުގައި އެތަން ދޫކޮށް ދިޔައެވެ. އެއްވެސް މީހަކަށް ސަހުލާ ދެއްކި ވާހަކަ ތަކަށް ރައްދު ދޭން ފުރުޞަތު ނުދީއެވެ. ޙަޤީޤަތުގައި ހަފްސާ ވެސް ހުރީ ސަހުލާގެ ވާހަކައަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނަން ބޭނުން ވެފައެއް ނޫނެވެ.

"މަންމަ ހިތްވަރު ކުރާތި! ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަށް. އިންޝާﷲ. " ހިޝާމް މަޑުމަޑުން އޭނާގެ ކަނާއަތް ބާއްވައިލީ ހަފްސާގެ ވާއަތް މަތީގައެވެ. އަދި ހަފްސާއަށް ހިތްވަރު ދިނެވެ.

***

ދޮރުގައި ޓަކި ދިނުމާ އެކުގައި، ޖައިޝް ދޮރު ހުޅުވައިލިއެވެ. ބޭރުގައި ހުރި ސަހުލާއަށް ބަލައިލުމާ އެކުގައި ޖައިޝް ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. ޖައިޝްގެ އަނގައިން އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސަހުލާ ރަކި ގޮތަކަށް ހީނލިއެވެ. އެއީ ޖައިޝްގެ ދުލުގައި ފެވެމުންދާ ބަސްތައް އެނގުމުންނެވެ. އެ ދުލުން ބޭރު ވާނީ ކޮންމެވެސް ތަޢުރީފުގެ ބަސްތަކެއްކަން ސަހުލާއަށް އެނގޭތީއެވެ.

"ބުނާނެ އެއްޗެއް ނޭނގެ. ހަމަ ސްޕީޗްލެސް." ޖައިޝްގެ ތުންފަތުން ލުއި ހިނިތުން ވުމެއް ދުވެލިއެވެ.

"ދެން، އެކަމު ކޮންމެވެސް އެއްޗެއް ބުނެބަލަ!" ސަހުލާ ހީނލިއެވެ.

"ހާދަ ރީއްޗޭ! ގްރީން އައިސް. ފަން އިސްތަށިގަނޑު. ލޯބި ކޯކޮޅު. ސާދާ މޫނު. ހެހެ! ދެން ނޭނގެ. އެހާ މޮޅެއް ވެސް ނުވާނެ." ޖައިޝްގެ އަތުގެ ތެރޭގައި އޮތީ ސަހުލާގެ ފަން އިސްތަށިގަނޑެވެ. އިސްތަށި ތަކުގައި ފިރުމަމުން ޖައިޝް ވާހަކަދެއްކިއެވެ. މީ ޖައިޝްގެ އާދައެވެ. ސަހުލާއަށް އަބަދު ތަޢުރީފު ކުރާނެއެވެ. ސަހުލާގެ ލޮލުގެ އަސަރުގައި އަބަދުވެސް ޖައިޝް ޖެހެއެވެ. ސަހުލާގެ ރީތިކަން ސިފަކޮށް ދިނުމަށް ރީތި ލަވަތައް ޖައިޝް ކިޔައިދީ ހަދައެވެ. ޖައިޝްގެ ފަރާތުން ފެންނަ މިފަދަ "ލޯބި" ސިފަތަކަކީ ޖައިޝްގެ ލޯބީގައި ސަހުލާގެ ހިތް އެވަރަށް ބެދިގެން ދިޔަ އެއް ސަބަބެވެ. ސަހުލާ ކޮޓަރިއަށް ވަނުމާ އެކުގައި، ސަހުލާގެ ފަހަތުން ޖައިޝް ގޮސް ބައްދައިލީ ސަހުލާގެ ގައިގައެވެ. ސަހުލާ ހީނލައިގެން ހުރެ، ޖައިޝްގެ މޫނާވާ ފަޅިއަށް އެނބުރެލިއެވެ. އަދި އިތުރަށް ޖައިޝްއާ ގާތްވެލިއެވެ. ޖައިޝްގެ ގައިން ދުވަމުންދާ ލުއިލުއި 'އިމޯރޝަން" ސެންޓުގެ ވަހާ އެކުވެގެން "ސިނގެރޭޓު" ވަސް ސަހުލާގެ ނޭފަތުން ޖާގަ ހޯދިއެވެ. އެ ވަހަކީ ސަހުލާގެ ހިތް އެވަހަކަށްޓަކައި ލަންބުވައިލި ޖައިޝްގެ ވަހެވެ. މި ދުނިޔޭގެ ކޮންމެ ތަނަކުން ވިޔަސް، އެވަހުން ސަހުލާ ޖައިޝް ހޯދާނެއެވެ. އޭނާ ވަކިކުރާނެއެވެ. އެކަހެރި ކަމާއެކުގައި އެދެމީހުންގެ "ލޯބިލޯބި ގުލްޝަނުން" ލިބޭ ލޯބިލޯބި މަސްތީ ފެންފޮދުން އެދެމީހުން ވެސް ދިޔައީ ކަރު ތެތްމަމުންނެވެ. އެރޭ 11 ޖަހާ ބޮޑުވަންދެން ސަހުލާ އެގޮތުގައި ހޭދަކުރިއެވެ.

***

ދުވަސްތައް ވޭތުވަމުން ގޮސް ސަހުލާ އާއި ޖައިޝްގެ ކައިވެނީގެ ގޮށް ބާރުކޮށްލާ ދުވަސް ޖެހިއްޖެއެވެ. ގުނަމުން ދިޔައީ އެކަމަށްޓަކައި އެންމެ ފަހުގެ ގަޑި އިރުތަކެވެ. ދުވަސް ފެށި، މެންދަމުގެ ވަގުތުގައި ވެސް ސަހުލާގެ ލޮލަށް ނިދީގެ އެއްވެސް އަސަރެއް ނުކުރިއެވެ. އެއީ އިރު އަރަން ތައްޔާރު ވަމުންދާ ދުވަހުގައި ސަހުލާގެ ކައިވެނި އޮތީމައެއް ނޫނެވެ. ސަހުލާގެ ނިދި ގެއްލިފައި ވަނީ އޭނާގެ ބަނޑަށް އެރި ކުއްލި ތަދަކުންނެވެ. ބަނޑުގައި ބާލިސް އަޅައި ބާރުކޮށްގެން އޮތް އިރުވެސް އޭނާގެ ބަނޑުގެ ތަދަށް އެއްވެސް ބަދަލެއް ނައެވެ. އެނދުގައި ދެފަރާތަށް ފުރޮޅިލަން ވެސް ސަހުލާއަށް ކެތެއް ނުވެއެވެ. އެހެން އޮއްވާ ސަހުލާއަށް ކުރުވީ ތެތް ކަމެއް އިޙްސާސެކެވެ. ދެލޯ ބޮޑުކޮށްގެން އޭނާއަށް އޮވެވުނީ މިވަނީ ކީއްކަން ނޭނގި، ބިރުގަތް ފައެވެ. ދެލޯ ބޮޑުވެފައި ވާއިރު، ސަހުލާގެ ލޮލުން ވަގުތުން ކަރުނަ ފައިބައިގަތެވެ. ވަގުތުކޮޅަކު އެހެން އޮވެފައި ކުއްލިއަކަށް ސަހުލާ އެނދުން ފުންމައިގެން ތެދުވިއެވެ. ވަރަށް ވޭން އެޅިއެވެ. ނަމަވެސް ނެތް ހިތްވަރު ނެރެގެން ވިޔަސް، ސަހުލާ އެނދުން ތެދުވެއްޖެއެވެ. އަދި ބަލައިލީ އެނދުމައްޗަށެވެ. ސަހުލާއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ވީ އިތުރެވެ. ތުންފަތުގެ ތިރީ ތުންފަތް ތެޅިގަތީ ހިތަށް ލިބުނު ހިތްދަތި ކަމަކުންނެވެ. ސަހުލާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. (ނުނިމޭ)