ލައިފްސްޓައިލް

ޅައިރު ގަދަކަމުން ދުރުކުރި ދެ ލޯބިވެރިން 35 އަހަރު ފަހުން ގުޅިއްޖެ

ބައެއް ލޯބިވެރިންނަށް ކޮންމެ ހާލަކުން ކިތަންމެ ގިނަ ދުވަހަކުން ނަމަވެސް އެމީހުންގެ ލޯބި ހާސިލު ކުރުން ވަރަށް މުހިއްމު ކަމަކަށް ވެއެވެ. މި ދެ ލޯބިވެރިންނަކީ ވެސް އެފަދަ ދެ މީހުންނެވެ. އެމީހުންގެ ހަގީގީ ލޯބި ކާމިޔާބު ކުރުމަށް އެމީހުންނަށް 35 އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް އެ މީހުންނަށް ކުރިމަތިވީ ހުރިހާ ގޮންޖެހުންތަކަކުން އަރައިގަނެ އެމީހުން މިވަނީ ލޯބި ހާސިލުކޮށްފަ އެވެ.

އިންޑިޔާގެ ކަރްނާޓަކާގެ ހަސަން ޑިސްޓްރިކްޓްގެ ދެވަރަމުއްޑަނަހައްލީ އަވަށުގައި ދިރިއުޅޭ ޖަޔައްމާ އާއި ޗިކައްނާ އަކީ ވަރަށް ޅަ އިރުއްސުރެ ދެ ލޯބިވެރިންނެވެ. ދެ މީހުން އުޅެ ބޮޑުވީ އެއް އަވަށެއްގަ އެވެ. ދެ މީހުންގެ ގެ ހުންނަނީ ވެސް ވަރަށް ކައިރި ކައިރީގަ އެވެ. އަދި ދެ މީހުންގެ އާއިލާގެ މީހުން ވެސް އެއްބަޔަކު އަނެއްބަޔަކު ވަރަށް ރަނގަޅަށް ދަނެ އެވެ.

ކުޑަ ކުޑައިރުއްސުރެ ދެ މީހުން ލޯބިވެގެން އުޅުނަސް ޖަޔައްމާގެ މައިންބަފައިން އެމީހުންގެ އަންހެންދަރިފުޅު ޗިކައްނާ އާ ކައިވެނި ކޮށްދޭކަށް އެއްބަހެއް ނުވި އެވެ. ސަބަބަކީ ޗިކައްނާ ފަގީރުވެފައި އޭނާއަކީ އިމާރާތްކުރާ ތަންތަނުގައި ލޭބަރެއްގެ ވަޒީފާ އަދާކުރާ މީހަކަށް ވާތީ އެވެ.

އެންމެފަހުން ޖަޔައްމާގެ އާއިލާއިން އެމީހުން ހިތްހަމަޖެހޭ މީހަކާ ޖަޔައްމާގެ ކައިވެނި ކުރުވި އެވެ. އޭނާގެ ނުރުހުމުގައި ގަދަކަމުންނެވެ. ދެ ލޯބިވެރިން މަޖްބޫރުން ވަކިވާން ޖެހުނަސް އޭރުއްސުރެ ވެސް ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯބި އެތައް އަހަރެއް ފާއިތުވީ އިރުވެސް މަރުނުވެ އޮތެވެ.

ކައިވެންޏަށްފަހު ވެސް ޖަޔައްމާ ދިރިއުޅުނީ ފިރިމީހާ އާއެކު އެ އަވަށުގަ އެވެ. ނަމަވެސް ޖަޔައްމާ އެހެން މީހަކާ ކައިވެނި ކޮށްގެން އުޅޭތަން ބަލަން ކެތް ނުވެގެން ޗިކައްނާ އެހެން އަވަށަކަށް ހިޖުރަ ކުރީ އެވެ. ޗިކައްނާ ދިޔައީ މައިސޫރު ކައިރީގައި އޮންނަ މެޓަގަލީ ކިޔާ އަވަށަކަށެވެ. އަދި އެރަށުގައި ވެސް އިމާރާތްކުރާ ތަންތަނުގައި ލޭބަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރަމުން ދިޔަ އެވެ.

ޖަޔައްމާ ހަނދާން ނައްތާލާފައި އެހެން މީހަކާ ކައިވެނިކުރާހިތެއް ޗިކައްނާ ނުވި އެވެ. އެހެންވެ 35 އަހަރު އޭނާ ހޭދަކޮށްލީ އެކަނި މާއެކަންޏެވެ. އާއިލާގެ މީހުން އޭނާގެ ކައިވެނި ކުރުވަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޖަޔައްމާ ނޫން މީހަކު ޗިކައްނާ ބޭނުމެއް ނުވި އެވެ.

ޖަޔައްމާގެ ކައިވެންޏަށްފަހު އެ ދެ މީހުން އެއްގޮތަކަށް ވެސް ބައްދަލެއް ނުކުރެ އެވެ. ނަމަވެސް ޖަޔައްމާގެ ޚަބަރު ދަބަރު ޗިކައްނާ އަބަދުވެސް ހޯދަ އެވެ. ޖަޔައްމާ އުޅޭ ތަނަކާއި އޭނާގެ ހަޔާތުގައި ހިނގާ ހުރިހާ ކަމެއް ޗިކައްނާ އަށް އެނގެ އެވެ. އެ ދެ މީހުންގެ އެކުވެރިންނާއި ތިމާގެ މީހުންގެ ފަރާތުންނެވެ.

ކައިވެންޏަށްފަހު ޖަޔައްމާ އުޅެނީ ވަރަށް ހިތްދަތި ދިރިއުޅުމެއްކަން ޗިކައްނާ އަށް އެނގެ އެވެ. ޖަޔައްމާ އަށް ފިރިހެން ދަރިއަކު ލިބުނެވެ. އަދި އޭގެ ފަހުން ވެސް ފިރިމީހާ އަށާއި ދަރިފުޅަށް މަންމައެއް އަދި އަންބެއްގެ ހައިސިއްޔަތުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދީގެން އެމީހުންނާއެކު އޭނާ ދިރިއުޅެމުން ދިޔަ އެވެ.

ނަމަވެސް ޖަޔައްމާ އޭނާ ދެކެ ލޯބިނުވާކަން ފިރިމީހާއަށް އަބަދުވެސް އިހްސާސް ކުރެވެ އެވެ. އެހެންވެ އެންމެ ފަހުން ޖަޔައްމާ ދޫކޮށްލާފައި ފިރިމީހާ ގެއިން ނުކުމެގެން ދިޔައީ އެވެ. ފަހުން ޖަޔައްމާ އޭނާގެ ދަރިފުޅު ގޮވައިގެން މައިސޫރަށް ދިރިއުޅުން ބަދަލު ކުރި އެވެ.

ޖަޔައްމާ އަށް ދިމާވި ކަންތައްތައް އެނގިފައި އޮތުމުން އޭނާއާ ގުޅައި ވާހަކަ ދައްކާލަން ޗިކައްނާ ގަސްތުކުރި އެވެ. އެހިސާބުން އަނެއްކާވެސް ދެ ލޯބިވެރިންނަށް އެމީހުންގެ ލޯބި ކާމިޔާބުކުރުމަށް ފުރުސަތު ހުޅުވުނީ އެވެ.

މިހާރު ޖަޔައްމާ އާއި ޗިކަންނާ ވަނީ ކައިވެނިކޮށްފަ އެވެ. އެ ދެ މީހުންނަށް ކައިވެނި ކުރެވުނީ ވަކިވީތާ 35 އަހަރު ފަހުން ނަމަވެސް ދެ މީހުން ތިބީ ކައިވެނި ކުރެވުނީތީ ވަރަށް އުފަލުންނެވެ.

"އަހަރެންގެ ހިތުގައި އަބަދުވެސް އޮތީ ޖަޔައްމާގެ ލޯބި. ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް ކުރިން ގުޅެވޭނެ ގޮތެއް ނުވި. ނަމަވެސް ހަޔާތުގެ އެންމެ ފަހުގެ ދުވަސްތައް އެކުގައި ހޭދަކުރަން ލިބުނީތީ ވަރަށް އުފާވެއްޖެ،" ޗިކައްނާ ބުންޏެވެ.

ޖަޔައްމާގެ ދަރިފުޅަށް މިހާރު 25 އަހަރެވެ. އޭނާ މަސައްކަތްކުރަނީ މައިސޫރުގެ ސްޓޭޓް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގަ އެވެ. ޗިކައްނާ އާއި ޖަޔައްމާ ކައިވެނިކުރީ ދަރިފުޅަށް ވެސް ނާންގާ ވަރަށް ސިއްރު ސިއްރުންނެވެ.

"އަންނަ އަހަރު އަހަރެމެންގެ ދަރިފުޅު ވެސް ކައިވެނި ކުރާނެ. އަހަރެމެންގެ ގުޅުން ދަރިފުޅަށް ހާމަކުރާނީ އޭގެ ފަހުން،" ޗިކަންނާ ބުންޏެވެ. ޖަޔައްމާގެ ދަރިފުޅު އޭނާގެ ދަރިއެއްގެ ގޮތުގައި ޗިކަންނާ ބަލައިގެންފިކަން އޭނާގެ މި ވާހަކައިން ދޭހަވި އެވެ.

ނަމަވެސް ޗިކަންނާ އާއި ޖަޔައްމާގެ ކައިވެނީގެ ޚަބަރު އިސާހިތަކު މުޅި ހިސާބަށް ފެތުރުނެވެ. ސަބަބަކީ މި ކައިވެނީގެ ރަސްމިއްޔާތުގައި ޗިކަންނާގެ އާއިލާގެ ހަތަރު މެމްބަރަކު ބައިވެރި ވެފައިވާތީ އެވެ.