ހއ. ކެލާ އިން ވަކި މުއްދަތަކަށް ކަނޑޫ ހޮވުން ރަށު ކައުންސިލުން މަނާ ކޮށްފި އެވެ.
ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަރުވެފައިވާ ކަނޑޫ ގަސްތައް ނަގައި ފަލުގައި އަލުން ކަނޑޫ އިންދަން ނިންމާފައިވާ ކަމަށެވެ. ކަނޑޫފަލުގައި ހިކިފައިވާ ކަނޑޫ ގަސްތައް ވިއްކާލަން ވެސް ވަނީ އިއުލާނު ކޮށްފައި ވެއެވެ.
މީގެ އިތުރުން ކަނޑޫފަލުން ކަނޑޫ ހޮވުން ހަ މަސް ދުވަހަށް ކައުންސިލުން ވަނީ މަނާކޮށްފަ އެވެ.
ހިކިފައިވާ ކަނޑޫ ގަސްތައް ކައުންސިލުން ވިއްކާލަން ނިންމާފައިވާއިރު، އަގުތައް ކަނޑައަޅާފައި ވަނީ ކަނޑޫފާތައް ބެލެހެއްޓުމާއި ގުޅޭގޮތުން އީޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކަނޑޫ ގަސްތައް ވިއްކަން ކަނޑައަޅާފައިވާ އަގުތައް
- ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަނުވާ ނަމަ ހިލޭ
- ވަށަމިން 10 އާއި 20 ސެންޓިމީޓަރާ ދެމެދުގައި ހުރެއްޖެ ނަމަ ފަސް ރުފިޔާއަށް
- ވަށަމިން 20 އާއި 30 ސެންޓިމީޓަރާ ދެމެދުގައި ހުރެއްޖެ ނަމަ 10 ރުފިޔާއަށް
- ވަށަމިން 50 ސެންޓިމީޓަރަށްވުރެ ބޮޑުނަމަ ކޮންމެ ސެންޓިމީޓަރަކަށް 50 ލާރީގެ ރޭޓު
ކެލާއަކީ ރާއްޖޭގެ ކަނޑުފާތަކުގެ ތެރެއިން އެންމެ ބޮޑު ކަނޑޫފާ އޮންނަ އެއް ރަށެވެ. އެތަން 2018 ވަނަ އަހަރު ސަރުކާރުން ވަނީ ހިމާޔަތް ކޮށްފަ އެވެ. އެރަށު ޗަސް ބިމުގައިވާ ކަނޑޫފާތަކުގެ ބޮޑުބައެއް ނެތިދާތީ ސަރުކާރުން މިދިޔަ އަހަރު ވަނީ ދިރާސާއެއް ވެސް ކޮށްފަ އެވެ. ސަރުކާރުން ކުރި ފީލްޑް ސާވޭ އިން ދެއްކި ގޮތުގައި ކަނޑޫފާތައް މަރުވަނީ މޫސުމީ ބަދަލެއްގެ ސަބަބުން ނުވަތަ ވަކި ވައްތަރެއްގެ ފަނިފަކުސާއެއް ގިނަ ވެގެނެވެ.