ހަބަރު

ބޮޑު ތިލަދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތްކުރަން ރައީސް ނިންމަވައިފި

އުތުރުގެ 11 ސަރަހައްދެއް ހިމާޔަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ. ހިމާޔަތް ކުރަނީ ހއ އާއި ހދ ހިމެނޭ ގޮތަށް ށ އަދި ނ އަތޮޅުގެ 11 ތަނެކެވެ.

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ބޮޑުތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް މިއަދު ނިންމެވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ހިމާޔަތް ކުރަން ނިންމި 11 ސަރަހައްދު

  • ހއ. ގައްލަންދޫ ތިލަ
  • ހއ.ކެލާ ޗަސްބިން
  • ހއ.ބިލެތްދޫ ތިލަ
  • ހދ.ފިނޭ ތިލަ
  • ހދ.އިންނަފުށި
  • ށ.ބޮލިއްސަފަރު
  • ށ.ނާލާހުރާ
  • ނ.ފޮއްދިއްޕަރު
  • ނ.ބޮޑުޅައިމެންދޫ
  • ނ.ކެނދިކުޅުދޫ ކަނޑޫފާ
  • ނ.އޮރިމަސްތިލަ

ރައީސް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިއިން ކޮންމެ ސަރަހައްދަކީ ވެސް ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެކެވެ. މިގޮތުން ކަނޑޫފާގެ މުއްސަނދިކަމާއި، ވެލާކަހަނބު ބިސްއަޅާ ސަރަހައްދުތަކާއި، ހިމާޔަތްކުރެވިފައިވާ އަދި ހިޖުރަކުރާ ގިނަ އަދެއްގެ ދޫނީސޫފާސޫފީގެ ވަގުތީ އަދި ދާއިމީ މަންޒިލުތަކާއި، އެންމަޑި، ވެލާކަހަނބު، މާހުޅުނބު ލަނޑާ އަދި މިޔަރުގެ އިތުރުން މުރަކައާއި ފަރުގެ މުއްސަނދި ސަރަހައްދުތައް ހިމެނެއެވެ.

މި ސަރަހައްދުތައް ހިމާޔަތް ކުރުމަށްޓަކައި އެ ސަރަހައްދުތައް ހިމެނޭ އަތޮޅު ކައުންސިލްތަކާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއާ ވަނީ މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރަހައްދުތަކަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިކަން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއެކު ޓީވީ، ރޭޑިޔޯ އަދި ނޫހުގެ ޒަރީއާއިން އާއްމުކޮށް އިއުލާން ކުރުމާއެކު އެ ސަރަހައްދުތަކުގައި ކުރުން ހުއްދަ އަދި ކުރުން މަނާކަންކަން އިއުލާން ކުރުމަށްވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް، ހާއްސަކޮށް އެ ސަރަހައްދުތައް ބޭނުން ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެކުރިން ވެސް ތިލަދުންމަތީގެ ބައެއް ތަންތަން މި ސަރުކާރުން ހިމާޔަތްކުރި އެވެ. އެގޮތުން ހދ. ކޭލަކުނާއި ހދ. ނޭކުރެންދޫ ކުޅި ރައީސް ސޯލިހު ވަނީ ހިމާޔަތް ކުރަން ނިންމަވާފަ އެވެ.