ހަބަރު

ބޮޑުތިލަދުންމަަތީގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފި

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 4/93) ގެ ދަށުން ބޮޑުތިލަދުުންމަތީގެ 11 ސަރަހައްދެއް ހިމާޔަތް ކޮށްފަައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އެންވާރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި ސަރަހައްދުތައް ވަނީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ގޮތުގައި ކަނޑައެޅި މިހާރު ގެޒެޓު ކުރެވިފައި ކަމަށެވެ. އަދި މި ސަރަހައްދުތަކަކީ ހިމާޔަތް ކުރުމަށްފަހު، ވަކި ވަކި މެނޭޖުމަންޓް ޕްލޭންތައް އެ ސަރަހައްދުގައި ހަދަން ބޭނުންވާ ފަރާތްތައް ތިބޭކަމުގައި ވާނަމަ އެ މަސައްކަތްވެސް ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

"ވަކި ވަކި މެނޭޖުމަންޓް ޕްލޭންތައް ހަދަން ބޭނުން ވަންޏާ، އެ މެނޭޖުމަންޓް ޕްލޭންތައް ހަދާ އިއުލާންކޮށް އެކަން ކުރެވޭނެ. މީގެ ބޭނުމަކީ މި ހިމާޔަތް ކުރެވޭ ތަންތަނަކީ ހަމައެކަނި ހިމާޔަތް ކުރެވިފަ އޮންނަ ތަންތަނަށް ވުމުގެ ބަދަލުގައި، މި ތަންތަނަށް ބޭނުންވާ ރައްކާތެރިކަމާ ހިމާޔަތް ދީ އަދި އެ ތަންތަނުގެ ބޭނުން ދިވެހި ރައްޔިތުންނަށްވެސް ކުރެވޭ މަންފާ ލިބޭ ތަންތަން ކަމުގައި ހަމަޖެއްސުން"

ބޮޑުދުތިލަދުންމަތިން ހިމާޔަތްކޮށްފައިވާ 11 ސަރަހައްދަކީ؛

  • ހއ. ގައްލަންދޫ ރަށާއި ފަޅާއި ފަރުގެ ސަރަހަައްދު (252 ހެކްޓަރު)
  • ހއ. ބިލެތްދޫ ތިލަ ސަރަހައްދު (4345 ހެކްޓަރު)
  • ހއ. ކެލާ ކަނޑޫފާ ސަރަހައްދު (112 ހެކްޓަރު)
  • ހދ. ފިނޭ ތިލަ (97.9 ހެކްޓަރު)
  • ހދ. އިންނަފުށި ރަށާއި، ފަޅާއި ފަރުގެ ސަރަހައްދު (1366 ހެކްޓަރު)
  • ށ. ބޮލިއްސަފަރު ރަށާއި، ފަޅާއި ފަރުގެ ސަރަހަައްދު (954 ހެކްޓަރު)
  • ށ. ނާލާހުރާ ފިނޮޅާއި ފަޅުގެ ސަރަހައްދު (159 ހެކްޓަރު)
  • ނ. ފޮއްދިއްޕަރު ފިނޮޅާއި ފަޅުގެ ސަރަހައްދު (322 ހެކްޓަރު)
  • ނ. ކެނދިކުދޫ ކުޅި (512 ހެކްޓަރު)
  • ނ. އޮރިމަސްތިލަ (46.3 ހެކްޓަރު)
  • ނ. ބޮޑުޅައިމެންދޫ ރަށާއި ފަޅާއި ފަރުގެ ސަރަހައްދު (321 ހެކްޓަރު)

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ ހިމާޔަތް ކުރި ސަރަހައްދުތަކުގައި އިތުރު ޕްލޭނެއް ހަދަން ނިންމުނު ކަމުގައި ވިޔަސް، އެސަރަހައްދުތަކަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ތަންތަނަށް ހެދުމުގެ އިތުރުން އާމްދަނީ ލިބޭނެ އެހެން މަސައްކަތްތައްވެސް އެތަންތަނުގައި ގާއިމް ކުރެވި އެއީ ރައްޔިތުންނަށް އާމްދަނީ އާއި ވަޒީފާ ލިބޭނެ ތަނެއްގޮތުގައި ހެދުން ކަމަށެވެ.

މި 11 ސަރަހައްދާއެކު ބޮޑުތިލަދުންމަތީގެ ހިމާޔަތްކޮށްފައިވާ 15 ސަރަހައްދެއް ހިމެނެ އެވެ.