އަބަދުވެސް މަސްވެރިންގެ ޝަކުވާއަކީ ތެލުގެ އަގު ބޮޑުވުމެވެ. މިކަމުގެ ސަބަބުން ކުރާ ހަރަދު ދެކޮޅު ނުޖެހޭ ވާހަކައަކީ އާއްމު ވާހަކަ އެވެ. މިއީ ބޮޑު ޝަކުވާ އެކެވެ. ނަމަވެސް މިހާރު އެކަން މި ވަނީ ބަދަލުވެގެން ގޮސްފަ އެވެ. ސަބަބަކީ ތެޔޮ ލިޓަރެއްގެ އަގު މިހާރު 10ރ. އަށް ވެއްޓިފައިވުމެވެ. އަދި މިހާރު މުޅި ރާއްޖެއަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވުމެވެ. މި ބަދަލާއެކު މަސްވެރިނަށް ވަނީ އުފާވެރިކަން ވެރިވެފަ އެވެ.
"ތެލުގެ އަގު ބޮޑުވުމުން ލިބޭ ފައިދާނެ ބޮޑު ބައެއް ދަނީ ތެލަށް. މީގެ ސަބަބުން ބޮޑު ގެއްލުމެއް،" ކ. ދިއްފުށީ މަސްވެރިއަކު ބުންޏެވެ.
މަސްވެރިން ބުނަނީ މަސް ކުންފުނިތަކުން ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮ ނުކުރަނީ އެވެ. އެ މީހުންނަށް ގެއްލުން ވަނީ އެހެންވެ އެވެ. ނަމަވެސް މިދިޔަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން ތެލުގެ އަގަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެނގެނީ ރާއްޖޭގެ ބާޒާރުގައި އެވްރެޖުކޮށް ތެލުގެ އަގު ހެޔޮވަމުން އައިސްފައިވާ ކަމެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގެ ބާޒާރުގައި ޑީސަލް ލިޓަރެއް ވިއްކީ 16،32 ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 16.68 ރުފިޔާ އަށެވެ. ނަމަވެސް ނޮވެމްބަރު މަހުން ފެށިގެން ވަނީ ދުނިޔޭގެ ބާޒާރެކޭ އެއްގޮތަށް ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ދަށަށް ދާން ފަށާފަ އެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ހެޔޮ ފައިދާ އެސްޓީއޯއިން ރާއްޖެއަށް ގެނައުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ހެޔޮވެގެން ދިއުމެވެ. އެސްޓީއޯއިން އެންމެ ފަހުންވަނީ އިއްޔެ ވެސް ޕެޓްރޯލް ލިޓަރަކުން 2.35ރ. ހެޔޮކޮށް އަދި ޑީސަލް ލިޓަރަކުން 2.33ރ. ހެޔޮކޮށްފަ އެވެ. މި ބަދަލާއެކު މިހާރު ޕެޓްރޯލް ލިޓަރެއް މިހާރު ވިއްކަނީ 10ރ. އަށެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ވެސް ވަނީ 10ރ. އަށް ވެއްޓިފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި މި ބަދަލުގެ ސަބަބުން މަސްވެރިނަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެ ކުންފުނީގެ މަގުސަދަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު ރާއްޖޭގެ ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުން ކަމަށް އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް މަސް ކުންފުނި ކަމަށްވާ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ ތެލުގެ އަގު ހެޔޮވުމާއެކު މަސްވެރިންނަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ.
"މަސްވެރިން ކުރާ ބޮޑު ހަރަދުގެ ބޮޑު ބަޔަކީ ތެޔޮ. އެހެންވެ ތެލުގެ އަގު ހެޔޮވުމުން މީގެ ފައިދާ މަސްވެރިނަށް ވަރަށް ބޮޑަށް ކުރާނެ،" އަދްލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެލުގެ އަގު ހެޔޮ ކުރުމާ ގުޅިގެން މަސްވެރިންގެ އަތުން 3000ރ. އާއި 4000ރ. އާ ދެމެދުގެ އަދަދެއް ކޮންމެ ދަތުރެއްގެ މައްޗަށް ސަލާމް ވާނެ ކަމަށެވެ.
"މަސްވެރިން މަސް ހޯދުމަށް ވަރަށް ދުރަށް ދުއްވާ. އެހެންވެ މިއީ މަސްވެރިންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެއް. އެސްޓީއޯއިން އަގަށް ގެނައި ބަދަލު މަސްވެރިންނާ ހަމައަށް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" އަދްލީ ވިދާޅުވި އެވެ.
ދުނިޔޭގެ ބާޒާރުގައި މަސް ޓަނެއްގެ އަގު މިހާރު ހުރީ 17،733ރ. އަށެވެ. އަދި ރާއްޖޭގެ ބާޒާރުގައި ފިނިކުރި މަސް ކިލޯއެއް ގަންނަމުން ދަނީ 19ރ.އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނަނީ 17ރ. އަށެވެ. މި އަގަކީ މިދިޔަ އަހަރުގެ މެދެންހާ ހިސާބުން ފެށިގެން ރާއްޖޭގައި މަސް ގަންނަމުން އަންނަ އަގެވެ.
އަދްލީ ވިދާޅުވީ މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އަނެއް އުފަލަކީ ތެލުގެ އަގު ހެޔޮވިއިރު މަސްވެރިނަށް ވިއްކާ މަހުގެ އަގު ކުންފުނިތަކުން ދަށް ކޮށްފައި ނުވުން ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ރަނގަޅެއް ނުވޭ. މަހުގެ އަގު އުޅެނީ ވަރަށް ދަށްކޮށް. އެކަމަކު އަޅުގަނޑުމެން މަހުގެ އަގު ދަށެއް ނުކުރަން. ހަމަހުރީ ކުރިންވެސް ހުރި ވަރަށް ބަހައްޓާފަ. އެހެންވެ މިއީ މަސްވެރިންނަށް ލިބުނު އިތުރު ހިތްވަރެއް،" އަދްލީ ވިދާޅުވި އެވެ.
ތެލުގެ ހެޔޮވި ދަނޑިވަޅާ ދިމާކޮށް، މުޅިރާއްޖޭގައި މަސްވެރިކަން މިހާރު މިވަނީ ރަނގަޅު ވެފަ އެވެ. އާދަޔާ ހިލާފަށެވެ. މިކަން ވެގެން ދަނީ މަސްވެރިނަށް އެއް ދޮނުގައި ދެ ބުޅި ޖަހާލަން ލިބޭ ފުރުސަތަކަށެވެ. މީގެ ފައިދާ ނަގައި މިހާރު އެވްރެޖުކޮށް ކުންފުނިތަކަށް ކިރުވާ މަހުގެ އަދަދު ވެސް ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފަ އެވެ. މަސްވެރިން ދަނީ ކަށިން ހިތްވަރު ނެރެމުނެވެ.
ކުރިން ވާހަކަ ދެއްކެވި، އަދްލީ ވިދާޅުވީ މަސް ބާނާ އަދަދު އިތުރުވެ، އިއްޔެ އެކަނި ވެސް މިފްކޯއަށް 370 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށެވެ.
"އެވްރެޖުކޮށް އިރާދަކުރެއްވީތީ މަސްވެރިކަން ވަރަށް ބޮޑުތަން މިހާރު ރަނގަޅު. އެހެންވެ މިއީ ލިބޭ އިތުރު އުފަލެއް. މިހާރު މަސްވެރިން އިތުރު ހިތްވަރެއް ލާފައި މަހަށް ނުކުތުން ވަރަށް މުހިންމު،" އަދްލީ ވިދާޅުވި އެވެ.
މަސްވެރިކަން ރަނގަޅުވެ، ތެލުގެ އަގު ހެޔޮވުމަކީ ހަމަ ގައިމުވެސް މަސްވެރިންނަށް އޮތް އުފަލެވެ. ދެން އޮތީ މަހުގެ އަގަށް އަންނާނެ ބަދަލަކަށް ބަލަން ތިބުމެވެ.