ހަބަރު

ފިރިމީހާގެ ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ އަންހެނަކު އައިސީޔޫގައި

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކުގެ ސަބަބުން ހާލު ސީރިޔަސްވެ، ގދ. ތިނަދޫ އަންހެނަކު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެ އެވެ.

ފިރިމީހާގެ ޖިންސީ އަނިޔާތަކުގެ ޝިކާރައަކަށްވީ އަންހެން މީހާ އަށް ފުރަތަމަ ފަރުވާދީފައި ވަނީ ތިނަދޫ ހޮސްޕިޓަލްގަ އެވެ. އެހެން ނަމަވެސް އޭނާގެ ހާލު ސީރިޔަސް ކަމުން މީގެ ތިން ދުވަސް ކުރިން ވަނީ އައިޖީއެޗް އަށް ގެނެސްފައި ކަމަށް އާއިލާގެ މީހަކު ބުންޏެވެ. އަދި ހާލު ސީޔިއަސް ކަމުން ޑޮކްޓަރުން އޭނާ ބޭރުގައުމަށް ގެންދިޔުމަށް ހުއްދަ ނުދޭ ކަމަށް ވެސް ބުންޏެވެ.

އެހެން ނަމަވެސް އައިޖީއެމްއެޗް ފަރާތުން މިމައްސަލައަށް އެއްވެސް ބަހެއް ނުލިބުނެވެ.

އޭނާއަށް އަނިޔާ ކުރި ފިރިމީހާ މިއަދު ހެނދުނު ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. ފުލުހުން ބުނީ ގެވެށި އަނިޔާއެއްގެ މައްސަލައިގައި 40 އަހަރުގެ މީހެއް ވިލިނގިލިން ހައްޔަރުކޮށްފައިވ ކަމަށެވެ. އެމީހާ އަށް ކުރެވޭ ތުހުމަތުގެ ތެރެއިން އަނިޔާކުރުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވެ އެވެ. އަދި އޭގެ ސަބަބުން އިންފެކްޝަން އުފެދި އަންހެން މީހާގެ މެ އާއި ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.

އާއިލާގެ މެންބަރަކު ކިޔައިން ގޮތުގައި ހާލަތު ސީރިއަސްވީ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތައް ސިއްރުކޮށް، ދުވަސްތަކެއް ވުމުން ކަމަށާއި އަދި މިހާރު އޭނާ މާލެ ގެނެސް ހޭނާރާ އޮތް ކަމަށެވެ. އަދި ޑޮކްޓަރުންވެސް ވަނީ އުންމީދު ކަނޑާލާފަ ކަމަށް އާއިލާ އިން މައުލޫމާތު ދެއެވެ.