ލައިފްސްޓައިލް

ގެވެށިއަނިޔާ ޕްރޮމޯޓް ކުރާކަމަށް ބުނެ މާހިރާއަށް ފާޑުކިޔަނީ

ޕާކިސްތާނު ޑްރާމާތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ވަރަށް މަގްބޫލުކަން ހޯދަމުން އަންނަ ޑްރާމާ ތަކެކެވެ. އަވައްޓެރި އިންޑިޔާގައި ވެސް ޕާކިސްތާނު ސިލްސިލާތައް ވަރަށް މަޝްހޫރެވެ. މާހިރާ ޚާން ބޮލީވުޑަށް ތައާރަފްވުމުގެ ކުރިން ވެސް އިންޑިޔާގެ ގިނަ ބަޔަކު މާހިރާ ދަންނަނީ އެ މީހުން ޕާކިސްތާނު ސިލްސިލާތައް ބަލާތީ އެވެ. ޚާއްސަކޮށް މާހިރާ އާއި ފަވާދު ޚާންގެ "ހަމްސަފަރް" އިންޑިޔާ މީހުންނަށް ވަރަށް ކަމުދިޔަ އެވެ.

ނަމަވެސް މި ފަހަކަށް އައިސް މާހިރާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ހަމް ޓީވީ އިން މިހާރު ދައްކާ މާހިރާ ލީޑް ރޯލު ކުޅޭ "ހަމް ކަހާން ކޭ ސައްޗޭ ތޭ"ގައި އޭނާ ކުޅޭ ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ އަންބެއްގެ ރޯލުގެ ސަބަބުންނެވެ.

މާހިރާއަށް ފާޑުކިޔާ މީހުން ދައްކަނީ އޭނާ ބީބީސީއަށް ދީފައިވާ އިންޓަވިއު އެއްގައި ގެވެށިއަނިޔާ އާ ދެކޮޅަށް ވާހަކަ ދައްކާފައި އެކަން ޕްރޮމޯޓް ވާ ކަހަލަ ސިލްސިލާތައް ކުޅޭތީ އެ ވާޙަކަ އެވެ.

"ހަމް ކަހާނ ކޭ ސައްޗޭ ތޭ"ގެ ޕްރޮމޯ ލަވަ


ގިނަ މީހުން ބުނެފައިވާ ގޮތުގައި މިފަދަ އަނިޔާވެރިކަން ދައްކައިގެން މީހުންގެ ހިތްތަކަށް މިކަހަލަ ކަންތައް ކުރުމުގެ އާ ޚިޔާލުތައް އައުން ނޫން ކަމެއް ނުވާނެ އެވެ. އަދި މިއީ އަންހެނުންނަށް އަނިޔާކުރުމަށް ފިރިހެނުންނަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ވެސް މީހުން ސިފަ ކޮށްފައި ވެއެވެ.

"މަށަށް މި ޝޯ ބަލަން އެހާ ފަސޭހައެއް ނޫން. ފިރިމީހާ ބޮޑެތި އަނިޔާތައް ދެމުން ދާއިރު އަންހެންމީހާ ހުންނަނީ މަޑުމަޑުން ޗުއްޕު ވެސް ނުބުނެ. ދެން ދައްކަނީ މައިދައިތަ އާއި ދަނބިދަރީގެ މައްސަލަތައް. ޓީއާރުޕީ މަތިކުރަން ވިޔަސް މިއީ ބޮޑުވަރު،" މާހިރާ ކުޅޭ ޑްރާމާ އާ ހިތްހަމަނުޖެހިގެން އޭނާއަށް ފާޑުކީ މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

މާހިރާގެ ދިފާއުގައި ވެސް ބައެއް މީހުން ވާޙަކަ ދައްކާފައި ވެއެވެ. އެމީހުން ބުނަނީ އެކްޓަރުންނަކީ އެމީހުންގެ އެކްޓިން މޮޅަށް ދައްކާލެވޭ ކަހަލަ ރޯލުތައް ޚިޔާރުކުރާ ބައެކެވެ. އެއީ ކޮންމެހެން އެމީހުން އެ ޑްރާމާއެއްގައި ދައްކާ ކަންކަމަށް އެއްބަސްވާތީކީ ނޫނެވެ. އެމީހުންގެ ހުނަރާއި ގާބިލްކަން އެހެން މީހުންނަށް ދައްކާލަން އެފަދަ ރޯލުތައް ކުޅެން އެކްޓަރުންނަށް ޖެހެނީ އެވެ.