ގަރުނަކަށް ވުރެ ކުރިން އެޓްލާންޓިކްގެ އުތުރު ކަނޑަށް އަޑިއަށް ދިޔަ ޕެސެންޖާ ލައިނާ ޓައިޓޭނިކް ބަލާލަން މިދިޔަ އާދިއްތަ ދުވަހު ކަނޑުއަޑިއަށް ފީނި ޕާކިސްތާނު ބިލިއަނަރެއް ކަމަށްވާ ޝާހްޒާދާ ދާއޫދު އާއި އޭނާގެ 19 އަހަރުގެ ދަރިފުޅު ސުލައިމާން ދާއޫދު އެންމެ ފަހުން ނަގާފައިވާ ފޮޓޯ އިންޓަނެޓުގައި ވައިރަލްވެ މި ދެބަފައިންގެ މެދުގައި އޮތް ލޯބި ފެނިފައި އެތައް ބަޔަކަށް އަސަރުކޮށްފި އެވެ.
މި ފޮޓޯއިން ފެންނަނީ ޝާހުޒާދާ އާއި ސުލައިމާން ބައްދާލައިގެން ތިބެ ނިދާފައި ތިބި މަންޒަރެވެ. މިއީ ޝާހްޒާދާގެ އާއިލާއިން ޝެއާ ކޮށްފައިވާ ޕޯސްޓެއްގައި ހިމަނާފައިވާ ފޮޓޯއެކެވެ.
މި ފޮޓޮއާއެކު ވާ ލިޔުމުގައި އެ އާއިލާއިން ބުނެފައިވަނީ އެ ދެބަފައިން މަރުވީ ވެސް މިފަދަ ގޮތަކަށް ނުވަތަ އަތާ އަތް ގުޅާލައިގެން ތިބެ ކަމަށް އެމީހުންނަށް ވަރަށް ބޮޑަށް ޔަގީންވެ އެވެ. އެ ދެބަފައިންގެ ގުޅުން އެހާވެސް ވަރުގަދަ ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ސުލޭމާން އަކީ ސްކޮޓްލެންޑްގެ ގްލާސްގޯގެ ޔުނިވަސިޓީއެއްގެ ދަރިވަރެކެވެ. އޭނާ ބައްޕައާއެކު ޓައިޓޭނިކް ބަލާލުމުގެ ދަތުރުގައި ބައިވެރިވީ އާދިއްތަ ދުވަހު އެވެ. މި ދެބަފައިން އުންމީދުކޮށްގެން ތިބީ މިއީ އެމީހުންގެ ހަޔާތުގައި ދުވަހަކުވެސް ނުކުރެވޭ ވަރުގެ ރަނގަޅު ތަޖުރިބާއަކަށް ވާނެ ދަތުރެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ ކޯސްޓް ގާޑުން ބުނާ ގޮތުން އެޓްލާންޓިކް ކަނޑުގެ އެންމެ ފުނަށް ސަބްމެރީން ދަތުރު ފެށި ދުވަހު އަދި އޭގެ ދެގަޑިއެއްހާއިރު ފަހުން އެ ސަރަހައްދުން ބާރު އަޑުފަށްގަނޑެއް ރެކޯޑްކުރެވުނެވެ. އަދި
އެއީ ސަބްމެރީން ގޮވި އަޑުކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ސުލައިމާން އޭނާގެ ބައްޕަ އާއި މަންމަ ކްރިސްޓީން އަދި ކޮއްކޮ އަލީނާއާ އެކު ދިރިއުޅެމުން ދިޔައީ ލަންޑަންގަ އެވެ. ސުލައިމާން އާއި އޭނާގެ ބައްޕަ ޝާހްޒާދާގެ ކުއްލި މަރުން މުޅި އާއިލާއަށް ބޮޑު ހިތާމައެއް ލިބިފައިވާ މި ދަނޑިވަޅުގައި ގްލާސްގޯ ނޫހެއްގައި އާއިލާއިން ޖަހާފައިވާ ތައުޒިޔާގެ މެސެޖެއްގައި އެ ދެބަފައިންގެ އޮތް އާދަޔާޚިލާފު ގާތްގުޅުމުގެ ވާހަކަތައް ލިޔެފައި ވެއެވެ.
"ޝާހްޒާދާ އާއި އޭނާގެ ދަރިފުޅު ސުލައިމާންގެ މެދުގައި އޮތް ގުޅުމަކީ ބަލާ ފޫހިނުވާ ވަރުގެ މަޖާ އަދި ގާތް ގުޅުމެއް. އެ ދެބަފައިންނަކީ އެކަކު އަނެކަކުގެ އެންމެ ބޮޑު ސަޕޯޓަރުން. އަދި އެޑްވެންޗާ އާއި ކަންކަން އެކްސްޕްލޯ ކުރުމަށް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުން އުޅެފައިވޭ. ދެބަފައިންގެ ގުޅުން އިތުރަށް ބަދަހިވެފައިވަނީ އެމީހުން ޝައުގުވެރިވާ ކަންކަން އެއްގޮތް ކަމުން،" އާއިލާގެ ތައުޒިޔާގައި ވެއެވެ.
ޝާހްޒާދާ އަކީ އާއިލީ ގުޅުމަށް ވަރަށް އިސްކަން ދިން މީހެކެވެ. އަދި އޭނާގެ ދަރިންނަށް ވެސް އާއިލީ ގުޅުމުގެ މުހިއްމުކަން އޭނާ ދަސްކޮށްދީފައި ވެއެވެ.
ޝާހްޒާދާ އަކީ ގަސްއިންދުމަށާއި ފޮޓޯގްރަފީ އަށް ލޯބިކުރި މީހެކެވެ. ފަހުގެ ޓެކްނޮލޮޖީއަށް ވަރަށް ލޯހުޅުވޭ އަދި އެ އެއްޗެތި ހޯދާ ދަސްކުރުމުގެ ޝައުގުވެރިކަން ވެސް ޝާހްޒާދާގެ ބޮޑެވެ. އަނެއްކޮޅުން ސުލައިމާން އަކީ ވޮލީބޯޅަ ކުޅުމަށާއި ސައިންސް ފިކްޝަން ލިޓްރޭޗާ އަށް ލޯބިކުރި ޒުވާނެކެވެ. އޭނާގެ ރަނގަޅުކަން އޭނާގެ މިޒާޖުން ހާމަވޭވޭ ހުއްޓެވެ. މިއީ އޭނާގެ މައިންބަފައިންގެ ރަނގަޅު ތަރުބިއްޔަތުގެ ނަތީޖާ ކަމަށް އާއިލާއިން ދެކެ އެވެ.
ސުލައިމާންގެ ޔުނިވަސިޓީ އެކުވެރިން ދެކޭ ގޮތުގައި އޭނާއަކީ ވަރަށް ހިތްތިރި އަދި އެންމެންނާ ވެސް ވަރަށް ގުޅޭ މިޒާޖެއްގެ ރަނގަޅު ޒުވާނެކެވެ. އަދި ކޮއްކޮ އަލީނާ އަށް އޭނާގެ "ސުލައިމާން ބާއީ" ވަރެއް ނެތެވެ. އަނެއްކޮޅުން ޝާހްޒާދާގެ މައިންބަފައިން (ސުލައިމާންގެ މާމަ، ކާފަ) އާއި ބޮޑުދައިތަ އިންނާއި ބޮޑުބޭބެއިންގެ އެންމެ ފޭވަރިޓް ކުއްޖަކީ ވެސް ސުލައިމާން އެވެ.
އެހެންކަމުން ޖަނާޒާ ބާއްވާނެ ފުރުސަތު ވެސް ނުލިބި ސުލައިމާން އާއި އޭނާގެ ބައްޕަ ވަކިވެގެން ދިއުމުން އާއިލާއަށް ވަނީ ދުވަހަކުވެސް ފޫނުބެދޭވަރުގެ ބޮޑު ގެއްލުމެއް ލިބިފަ އެވެ. މިހިތާމައިން ދުވަހަކުވެސް އެމީހުންނަށް އަރައިގަނެވޭނެ ކަމަށް ނުބެލެވެ އެވެ.