ހޮލީވުޑް

ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް: ނޮމިނޭޝަންސްތަކަށް ފާޑުކިޔުން

Dec 10, 2015

ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް ނުވަތަ ސެގް އެވޯޑްސްގެ މި އަހަރުގެ ނޮމިނޭޝަންސްތައް އެ ވަނީ ބުދަ ދުވަހު އިއުލާނުކޮށްފަ އެވެ. ޔަގީނަށް ވެސް ނޮމިނޭޝަންސްތައް އައިސްފައި މި ވަނީ ވަރަށް ގިނަ ބަޔަކު ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ފަހަރެއްގައި މި ނޮމިނޭޝަންސްތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ސަބަބަކީ ވެސް މިއީ އެވެ.

ފާހަގަކޮށްލަން ޖެހެނީ އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ފެވަރިޓުންގެ ގޮތުގައި ނޮމިނޭޝަންސް ލިބޭނެ ފަރާތްތަކާއި ފިލްމުތަކެއް ކަޓައިގެން ގޮސްފައިވާއިރު އެވޯޑަށް ނޮމިނޭޓްވި އެކްޓަރުންނާއި ފަންނާނުންގެ ތެރޭގައި އާދަޔާހިލާފަށް އަންހެން ފަންނާނުން ވެސް މަދުވުމުންނެވެ. ޖުމްލަ 38 މީހަކު އެވޯޑަށް ވާދަކުރާއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަ އަންހެނުންނެވެ.

އަންހެން އެކްޓަރުންގެ ވަރުގަދަ ރޯލުތައް ހިމެނޭ ގިނަ ފިލްމުތަކެއް ރޭހުން ކަޓުވާލާފައިވާކަން ފާހަގަކޮށްލެވެ އެވެ.

އަންހެނުންނާއި ފިރިހެނުން ތަފާތުކުރާ މައްސަލަ އަކީ ހޮލީވުޑްގައި މިފަހުން ވަރަށް ބޮޑުވެފައި އޮތް މައްސަލަ އެކެވެ. ހާއްސަކޮށް މުސާރައިގެ މައްސަލައިގަ އެވެ.

ކޮންމެއަކަސް މި މައްސަލައެއްގެ ތެރެއަށް ނުވަދެ 22 ވަނަ ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގެ ނޮމިނޭޝަންސްތަކަށް ބަލައިލަމާ ހިނގާށެވެ.

މި ރޭހުގެ ކުރީގައި އުޅެނީ އިނގިރޭސި އެކްޓަރުންނެވެ. އެގޮތުން ހެލެން މިރެން އާއި އިދްރިސް އެލްބާ އަދި މިދިޔަ އަހަރު ސެގްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރި އެޑީ ރެޑްމެއިން ހިމެނެ އެވެ.

މި އެވޯޑް މަޝްހޫރުވެފައި ވަނީ ހޮލީވުޑްގެ ޝަރަފްވެރި އޮސްކާގެ ފެހި ސިގްނަލެއްގެ ގޮތުގަ އެވެ. ފާއިތުވި 10 އަހަރު ސެގްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރި ފަރާތްތަކުން ވަނީ އޮސްކާގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ އެ އެކްޓަރަކީ ރެޑްމެއިން އެވެ.

ފާހަގަކޮށްލަން ޖެހެނީ މިފަހަރުގެ ރޭހުގައި ވެސް ރެޑްމެއިން ވާދަކުރާ ކަމެވެ. އޭނާ މި ފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑް ގެންގޮސްފި ނަމަ ވެގެން ދާނީ ތާރީޚީ ކާމިޔާބީއަކަށެވެ. މީގެ ކުރިން ޖެހިޖެހިގެން އެގޮތަށް އެވޯޑް ކާމިޔާބުކޮށްފައި ވަނީ ޓޮމް ހޭންކްސް އެވެ.

ރެޑްމެއިންއާ އެކު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާ އެކްޓަރުންގެ ލިސްޓް ވަރަށް ވެސް ވަރުގަދަ އެވެ. އެގޮތުން ފިލްމު "ޓްރަމްބޯ" ގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރު ބްރަޔަން ކްރޭންސްޓޮން އަކީ ވެސް ފެވަރިޓެކެވެ. އޭނާ އަކީ "ބްރޭކިން ބޭޑް" ގައި ވޯލްޓާ ވައިޓްގެ ރޯލު ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އެކްޓަރެކެވެ.

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރެ އެވެ. އެއީ ފިލްމު "ބްލެކް މާސް" އިންނެވެ. އަބަދުވެސް އެވޯޑް ނޮމިނޭޝަންސްތަކާ ރައްޓެހި އެކަމަކު އެވޯޑާ ބީރައްޓެހި ލިއަނާޑޯ ޑިކެޕްރިއޯ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ ފިލްމު "ދަ ރެވެނަންޓް" އިންނެވެ.

"ސްޓީވް ޖޮބްސް" ގައި ޖޮބްސްގެ ރޯލު ކުޅެފައިވާ މިކައެލް ފަސްބެންޑާ ވެސް އެވޯޑަށް ވާދަކުރެ އެވެ. ރެޑްމެއިން ވާދަކުރަނީ "ދަ ޑެނިޝް ގާލް" އިންނެވެ.

ފާހަގަކޮށްލަން ޖެހެނީ މިހުރިހާ އެކްޓަރުން ވެސް މި ރޭހުގައި ވާދަކުރަނީ ހަގީގީ ހާދިސާ ނުވަތަ އަސްލު މީހުންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމުތަކުންކަމެވެ.

އެންމެ މޮޅު ބަތަލާއިންގެ ގޮތުގައި ވާދަކުރާ ތަރިންގެ ތެރެއިން ފިލްމު "ކެރޯލް" ގައި ލީޑް ރޯލު ކުޅެފައިވާ ކޭޓް ބްލެންޗެޓް އަކީ ފެވަރިޓެކެވެ. ފިލްމު "ރޫމް" އިން ބްރީ ލާސަން ވާދަކުރާއިރު ހެލެން މިރެން މި ރޭހަށް ނުކުމެފައި ވަނީ "ވުމެން އިން ގޯލްޑް" އިންނެވެ. ފިލްމު "ބްރޫކްލިން" އިން ސައޯސީ ރޯނަން ވާދަކުރާއިރު ސާރަ ސިލްވަމަން މި އެވޯޑަށް ވާދަކުރަނީ ފިލްމު "އައި ސްމައިލް ބެކް" އިންނެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ވަދަކުރާ ތަރިންގެ ތެރޭގައި ކޭޓް ވިންސްލެޓް އާއި ރޫނީ މާރާގެ އިތުރުން ރޭޗަލް މެކްއެޑަމްސް އަދި ހެލެން މިރެން ވެސް ހިމެނެ އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ "ދަ ބިގް ޝޯޓް" އިން ކްރިސްޓިއަން ބޭލް އާއި "ބީސްޓްސް އޮފް ނޯ ނޭޝަން" އިން އިދްރިސް އެލްބާ އާއި "99 ހޯމްސް" އިން މައިކަލް ޝެނޮން އަދި "ރޫމް" އިން ޖޭކޮބް ޓްރެމްބްލޭ އާއި "ބްރިޖު އޮފް ސްޕައިސް" އިން މާކް ރެލޭންސް އެވެ.

ސެގް އެވޯޑްސް އަކީ އެމެރިކާގެ ޓީވީ އަދި ސިނަމާގެ އެކްޓަރުންނަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.