ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮން މެދުއިރުމައްޗަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި، ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
މެކްރޮން ސައުދީއަށް ވަޑައިގެން ވަލީއަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރެއްވި އެވެ. ދެ ބޭފުޅުންގެ މައިގަނޑު މައުލޫއަކީ މެދުއިރުމަތީގައި އޮތް ނުތަނަވަސްކަމެވެ.
ދުނިޔެއަށް ބޮޑުވެފައި އޮތް އީރާންގެ ނިއުކްލިއާ މައްސަލަ އާއި ލުބުްނާއާ އަރަބި ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މެކްރޮންގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ޔޫއޭއީއަށެވެ. އެއީ އަސްކަރީ ވިޔަފާރި އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށެވެ. މި އެއްބަސްވުމުގެ ދަށުން ފްރާންސުން ރަފާލް މަރުކާގެ 80 ޖެޓްފައިޓަރު ޔޫއޭއީއަށް 18.08 ބިލިއަން ޑޮލަރަށް ވިއްކާނެ އެވެ.
ސައޫދީއަށް މެކްރޮން ވަޑައިގަތީ ފްރާންސްގައި ނަގާކިޔާ ވިޔަފާރި ކުންފުނިތައް ގޮވައިގެންނެވެ. ސައޫދީއާއެކު ފްރާންސުން 27 އެއްބަސްވުމެއްގައި ސޮއި ކޮށް ދެ ގައުމަށް އެއްބަސްވެވޭ އުސޫލަކުން އަމަލުކުރަން ވަނީ އެއްބަސްވެފަ އެވެ.
ޕްރިންސް މުހައްމަދު ބިން ސަލްމާންއާއެކު މެކްރޮން ދެއްކެވި މައިގަނޑު ވާހަކަތައް ބިނާ ކުރެއްވީ ވިޔަފާރިއަށެވެ. ސައޫދީގައި އިންވެސްޓްކުރުމާއި ފްރާންސްގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންނެވެ.
ފްރާންސްގައި އުފައްދާ އަސްކަރީ އާލާތްތައް މެދުއިރުމައްޗަށް ގެނައުމުގައި ސައޫދީގެ ނުފޫޒު ވަރަށް ގަދަ އެވެ. ޔޫއޭއީ އާއި ބަހްރެއިން އަދި މިސްރުން ވެސް ހަތިޔާރު ގަތުމުގައި ސައުދީއާ މަޝްވަރާކުރެ އެވެ.
ސައުދީއާ މެދު މެކްރޮން ވެސް ދެކެވަޑައި ގަންނަވަނީ މެދުއިރުމަތީގައި ބާރުގަދަ ރޯލެއް އަދާކުރެވިދާނެ ގައުމެއް ގޮތުގަ އެވެ. ޕްރިންސް މުހައްމަދާ މަޝްވަރާ ކުރެއްވުމަށް މެކްރޮން ނިންމެވި ސަބަބަކީ ވެސް މިއީ އެވެ.