ދުނިޔެ

ސައޫދީ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު، ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަރަންސޭސިވިލާތަށް ފުރާ ވަޑައިގެންފި އެވެ.

ސައޫދީ ޕްރެސް އޭޖެންސީ ބުނާ ގޮތުން މިއީ އެ މަނިކުފާން ފްރާންސަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

މުހައްމަދު ބިން ސަލްމާން ފްރާންސަށް ވަޑައިގެން އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލުކުރައްވާނެ ކަމަށްވެސް ސައޫދީ ޕްރެސް އޭޖެންސީ ބުނެ އެވެ.

ބިން ސަލްމާން ފްރާންސަށް ވަޑައިގެން އެ ގައުމުގައި ޖޫން 22-23 އަށް އޮންނަ "ނިއު ގްލޯބަލް ފައިނޭންސިން ޕެކްޓް" -- ގްލޯބަލް ސަމިޓާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުއްވާނެ އެވެ.

ބޮޑުވަޒީރު ފްރާންސަށް ވަޑައިގަތީ ގްލޯބަލް ސަމިޓްގައި ބައިވެރިވާ ވަފުދާ އެކު ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ބިން ސަލްމާންގެ މި ދަތުރުގައި "އެކްސްޕޯ 2030" ސައޫދީގައި ބޭއްވުމަށް މަގުފަހިކުރުމަށް ބާއްވާ ކެމްޕޭން ފަރިއްކޮޅެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ސައޫދީ އަރަބިއްޔާ އާއި ފަރަންސޭސިވިލާތާ ދެމެދު އިގުތިސާދީ ގޮތުން ގުޅުން ބަދަހިކޮށް އަދި ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ބޮޑުވަޒީރު މަޝްވަރާކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައޫދީއާ އެކު ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް ސައޫދީ އަށް ބޭނުންވާ އަސްކަރީ އާލާތްތަކާ ބެހޭ ގޮތުން ވެސް ބޮޑުވަޒީރާއި މެކްރޮން މަޝްވަރާ ކުރައްވާނެ އެވެ. މިއީ މެކްރޮން ޑިސެމްބަރު 2021 ގައި ސައޫދީއަށް ވަޑައިގެން ހުޅުވާލެއްވި ޗެޕްޓަރުތަކެކެވެ.

އިމަނުއެލް މެކްރޮން 2021 ގައި މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި ފުރަތަމަ ވަޑައިގަތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށެވެ. އެއީ އަސްކަރީ ވިޔަފާރި އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށެވެ. މި އެއްބަސްވުމުގެ ދަށުން ފްރާންސުން ރަފާލް މަރުކާގެ 80 ޖެޓްފައިޓަރު ޔޫއޭއީއަށް ވިއްކަން 18.08 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

މެކްރޮން ސައޫދީ އަށް ވަޑައިގެން ސަރަހައްދީ ނުތަނަވަސްކަމާ ބެހޭ ގޮތުން ވަނީ މަޝްވަރާތަކެއް ކުރައްވާފަ އެވެ. އަދި ފްރާންސަށް ބޭނުންވާ ތެޔޮ ހޯދުމާ ބެހޭ ގޮތުން ވެސް ވާހަކަދެކެވުނެވެ.

މުހައްމަދު ބިން ސަލްމާންގެ މި ދަތުރުގައި ފްރާންސާ އެކު އިގުތިސާދީ އަދި އަސްކަރީ ގޮތުން އާ މުއާމަލާތްތަކެއް ކުރައްވާނެ ކަމަށް ބެލެވެ އެވެ.