ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފްރާންސްއަށް ވަޑައިގެން ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރަައްވައިފި އެވެ. ބައްދަލުވުން އޮތީ ރިޔާސީ ގަނޑުވަރު، އެލީސީ ޕެލަސްގަ އެވެ.
ރައީސް މެކްރޮން މުހައްމަދަށް މަރުހަބާ ދަންނަވައި ސަލާމްކުރައްވައި އިރުކޮޅެއް ވަންދެން ވާހަކަދައްކަވާ ލެއްވުމަށް ފަހު ގަނޑުވަރުގެ ތެރެއަށް ދެ ލީޑަރުން ވަޑައިގަތީ އެވެ.
ދެ ލީޑަރުންގެ ބައްދަލުވުމުގައި ސަރަހައްދީ، ބައިނަލްއަގުވާމީ އަދި ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ވިޔަފާރި އިންވެސްޓްމަންޓް ތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
މަޝްވަރާތަކުގެ ބޮޑުބައި ޚާއްސަކުރައްވާނެ ކަމަށް ބެލެވެނީ ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ޖެހިފައި އޮތް ހާލަތަށެވެ.
ދުނިޔެ ތެލަށް ޖެހި ކާބޯތަކެއްޗަށް ޖެހިދާނެ ކަމަށް ބެލެވިފައި އޮތް މި ދަނޑިވަޅުގައި ސައޫދީއަށާއި ފްރާންސަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
ސައޫދީ އަކީ ފްރާންސުން އަސްކަރީ އެހީތެރިކަން ހޯދާ ގައުމެކެވެ. އަނެއްކޮޅުން ފްރާންސްގައި ހުރި ސައޫދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވެސް ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ އެވެ.
ފްރާންސާއި ސައޫދީއާ ދެމެދު ފާއިތުވި ފަސް އަހަރު ތެރޭގައި 43.4 ބިލިއަން ޑޮލަރުގެ ވިޔަވާރި ވަނީ ކުރެވިފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ދެގައުމުގެ ވިޔަފާރި ކުރިއަށް އޮތް އަހަރު ތަކުގައި ބޮޑުތަން އިތުރުވާނެ ކަމަށް އަންދާޒާ ކުރެެވެ އެވެ.
ދެ ލީޑަރުންގެ ބައްދަލުވުމަށް ފަހު ގުޅިފައި އޮތް ބަޔާނެއް އަދި ނުނެރެ އެވެ. ބައްދަލުވުމުން ނިންމާނެ ކަންތައްތައް ކޮންމެވެސް ވަރަކަށް ލީކުވެފައި ހުރި ނަމަވެސް އަދި ރަސްމީ ސިފައެއް ނުޖެހެ އެވެ.
ފްރާސްގެ ނިޔަތަށް ވާނީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތެލާއި ގުދުރަތީ ގޭސް ލިބުން ދަތިވެފައި އޮތް އޮތުން ފްރާންސްއަށް ތަކުލީފަކަށް ނުވާ ވަރު ކުރުމެވެ.