ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދޭތާ ތިން މަސް ތެރޭގައި ޕާޓީ ރަޖިސްޓްރީކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުމަށް އަމަލު ކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް އަންނާނީ ކޮވިޑާ ގުޅިގެން އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ހުއްދަ ދިނުމުން 3،000 މެންބަރުންގެ ސޮޔާއެކު ތިން މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީ އުފައްދަން ގާނޫނުން ދީފައިވާ ތިން މަސް ދުވަހުގެ މުއްދަތަށް ވަގުތީގޮތުން އަމަލު ކުރުން ދޫކޮށްލާފަ އެވެ.
އަވަސް އިން މިއަދު ސުވާލު ކުރުމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ކޮވިޑްގެ ހާލަތު ރަނގަޅު ނަމަވެސް ޕާޓީ އުފައްދަން ކޮމިޝަނުން ދީފައިވާ ލުޔަށް ބަދަލެއް ގެނައުމަށް ވިސްނާފައި ނުވާ ކަމަށެވެ. މިހާރު ދީފައިވާ ލުއި ނިމުމަކަށް ގެނެވޭނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށެވެ.
"ހަގީގަތުގައި ޕާޓީއެއް އުފެއްދުމަށް ސޮއި ހޯދުމަކީ ވަރަށް ގިނަ ބަޔަކާ ބައްދަލުކޮށް، ގޭގެއަށް ޒިޔާރަތް ކޮށްގެން ކުރެވޭ ކަމެއް. ކޮވިޑާ ގުޅިގެން މިހާރު މިއީ ދަތުރުކުރުމާއި ގޭގެއަށް ޒިޔާރަތްކުރުން އެންމެ ރަނގަޅު ވަގުތެއް ނޫން. އެހެންވެ އަޅުގަނޑުމެން މިހާރު ދީފައިވާ ލުޔަކީ ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ވެސް އެޅޭ ބާރަކަށް ވާނެ،" ފުއާދު ވިދާޅުވި އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރު އެންމެ ފުރަތަމަ ނެރުނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހު އެވެ. އޭގެފަހުން މި ގަރާރުގެ މުއްދަތު 20 ވަނަ ފަހަރަށް އިތުރު ކުރީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެ އެވެ.
ފުއާދު ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ގަރާރު އުވާލުމުން މިހާރު ދީފައިވާ ލުޔަށް ބަދަލެއް ގެނައި ނަމަވެސް އެކަން ކުރާނީ އުފައްދަން މަސައްކަތް ކުރާ ޕާޓީ ތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ވެސް ގެއްލުމެއް ނުލިބޭ ގޮތަށް ކަމަށެވެ.
"މިސާލަކަށް ގަރާރު އުވާލާއިރު ދީފައިވާ ލުއި ނިމުމަކަށް ގެނައި ނަމަވެސް އުފައްދާ ޕާޓީ ތަކަށް އަޅުގަނޑުމެން ދޭނަން ފޯމުތައް ހުށަހެޅުމަށް އެކެއް ނުވަތަ ދެމަސް ވަރު. އޭރުން ޕާޓީތައް އުފައްދަން މަސައްްކަތް ކުރައްވާ ބޭފުޅުންނަށް ދިމާވާނެ ދަތިކަމެއް ނޯންނާނެ ކަމަށް މިބަލަނީ،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި ޕާޓީ އުފެއްދުމަށް ލުއި ދީފައިވާ ތިން ޕާޓީއެއް އެބައޮތެވެ. ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ބޮޑެތި ޕާޓީ ތަކުން މިހާރު ގެންދަނީ މެންބަޝިޕް އިތުރުކުރުމަށްވެސް ހާއްސަ ހަރަކާތްތަކެއް ހިންގަމުންނެވެ.