ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ހޯމް ލޯނުގެ ރޭޓް ކުޑަކޮށްފި

ދިވެހި ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމް ލޯން ދޫކުރާ ރޭޓަށް ބަދަލު ގެނެސް ރޭޓް ކުޑަ ކޮށްފި އެވެ.

ބީއެމްއެލް އިން ގެނައި ބަދަލާއެކު ހޯމް ލޯންގެ ރޭޓް ނުވަ ޕަސެންޓް ވަނީ ދަށްކޮށްފަ އެވެ. މިއީ ރާއްޖޭގައި ހޯމްލޯން ދޫކުރާ އެންމެ ކުޑަ ރޭޓެވެ.

އަދި ކަސްޓަމަރުން އެދޭ ލޯނާއި އެހެން މާލީ އިދާރާއަކުން ނަގާފައިވާ ލޯނެއް ރީފައިނޭންސް ކުރުމަށް އެދި ހުށަހެޅުމުން މިހާރު ކަނޑައަޅާފައިވާ ރޭޓުގައި ލޯނު ދޭނެ ކަމަށް ބޭންކުން ބުނެ އެވެ. އަދި ބީއެމްއެލް ހޯމް ލޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެޕާޓްމަންޓް ނުވަތަ ރޯހަ އުސް ގަނެވޭނެ އެވެ. އަދި ލޯން، އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިވަގުތު ބޭންކު އޮތީ ލޯން ޕޯޓްފޯލިއޯގައި ހިމެނޭ ލޯނުތަކެއްގެ ރޭޓް ދަށް ކުރެވޭނެ ހާލަތެއްގައި ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ބޭންކުން ހޯމް ލޯނު ދޫކުރަން ނިންމުމާއެކު ގެދޮރު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ކަށީގެންވާ އަދަދެއްގެ ފައިސާ ފަހަށް ރައްކާކުރެވޭނެ ކަމަށެވެ.

"މިސާލަކަށް ދަންނަވާނަމަ، ތިން މިލިއަން ރުފިޔާގެ ލޯނަކުން ގާތްގަނޑަކަށް 500،000 ރުފިޔާ ރައްކާ ކުރެވޭނެ. މީގެ އިތުރުން، އަޅުގަނޑުމެން މިވަނީ ކިޔަވާ ލޯނުގެ ރޭޓް ދަށްކޮށް ލައިފް ސްޓައިލް ލޯނުގެ ޝަރުތުތަކަށް \ވެސް މިވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައި." ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވި އެވެ.

ބޭންކުން ވަނީ މަތީ ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ދޫކުރާ ކިޔަވާ ލޯނުގެ ރޭޓް ވެސް ނުވަ ޕަސެންޓަށް ދަށްކޮށްފަ އެވެ. މީގެ އިތުރުން ލައިފް ސްޓައިލް ލޯނުގެ ޝަރުތަކަކަށް ބަދަލު ގެނެސް ކަސްޓަމަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބައި ލައިފް ސްޓައިލް ލޯނު ދޫކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މި މަހުގެ އެކަކުން ފެށިގެން އަލަށް ކަނޑައެޅުނު ރޭޓްތަކަށް ދަނީ އަމަލުކުރަމުން ނެވެ. ބީއެމްއެލް އިސްލާމިކް އިން ޝަރީއާ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓްތަކަށް ވެސް އެ ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށް ބޭންކުން ވަނީ ރަހުނަކާ ނުލާ ދޫކުރާ ހުރިހާ ޕާސަނަލް ލޯނުތަކަށް އިންޓާނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭގޮތް ހަމަޖައްސާފައެވެ. އެގޮތުން ވެހިކަލް ލޯނު، ލައިފްސްޓައިލް ލޯނު އަދި ގްރީން ލޯނަށްވެސް މިހާރު އޮންލައިންކޮށް އެދި ހުށަހެޅޭނެ އެވެ.