އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް ގެ އަޅައިދިނުމަށް އެހީވުމުގެ ފުރުސަތު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ތައާރަފްކޮށްފައިވާ ހައުސިން ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.
މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް، ފަރުނީޗަރުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެ އެވެ. އެ ފުރުސަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ބޭންކުން ބުނެ އެވެ.
ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސަޢީދު ވިދާޅުވެފައި ވަނީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމަށް ކުރާ މަސައްކަތުގައި ބޭންކުން ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
ހައުސިންގ ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.