މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރު ދައްކައިފި

ކ. ރަސްފަރި ފަރަށް އާގު ބޯޓެއް އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 10 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ގުޅިގެން އެ ފައިސާ ބޯޓް ނިސްބަތްވާ ކުންފުނިން ސަރުކާރަށް ދައްކައިފި އެވެ.

އެ ފައިސާ ދައްކާފައި ވަނީ "އެމްވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު، ކ. ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރި ފަރާތުން މިނިސްޓާ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމާ ގުޅިގެން މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭ ގެ ނިންމުން ބަދަލު ކުރަން އަންގަންޖެހޭ ތަނެއް ނެތްކަމަށް އެންގުމާ ގުޅިގެންނެވެ.

ބޯޓުގެ ވެރިފަރާތާއެކު މި މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސް އަދި ޓްރާސްޕޯޓު އޮތޯރިޓީން ކުރި މަޝްވަރާތަކަށް ފަހު ޖޫރިމަނާ ފައިސާ އާއި ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަޙައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭ ގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ބޯޓުގެ ވެރިފަރާތުން މިއަދު ވަނީ ޖަމާކޮށްދީފައި ކަމަށް އެ އެންވައިމަންޓް މިނިސްޓްރީން ބުންޏެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދުނު ފަހަރެވެ. އަދި މިއީ ތިމާވެށްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް މިފަދަ ފައިސާއެއް ދައުލަތަށް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ. މި ފައިސާގެ އިތުރުން ތިމާވެށްޓަށް ލިބޭ މިފަދަ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭ ގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފައެވެ.

ސަރުކާރާއި ބޯޓުގެ ވެރިފަރާތާއި އެކު އެއްބަސްވެވުނުގޮތަށް ފައިސާ ދައްކާފައިވާތީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަޙައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާ އާއި މަޑިއާއި، މިޔަރާއި، ވެލާ ފެންނަ ސަރަހައްދެކެވެ.