ފައިސަލް ނަސީމް

ފައިސަލް، އިންޑިއާ ފައުންޑޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

Dec 5, 2021

ނައިބް ރައީސް ފައިސަލް ނަސީމް، އިންޑިއަން ފައުންޑޭޝަންގެ ގަވާނިން ކައުންސިލުގެ މެންބަރު ރާމް މާދަވް އާއި ސްރީލަންކާގެ އިންސްޓިޓިއުޓް އޮފް ނެޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް)ގެ ޑިރެކްޓާ ޖެނެރަލް ޕްރޮފެސާ ރޯހަން ގުނަރަތްނައާ ބައްދަލުކުރައްވައިފި އެވެ.

ނައިބް ރައީސް، މި ދެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އަބޫދާބީގައި ވަކިވަކިން ބޭއްވެވި ދެ ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ ވަކިވަކިން ބޭއްވެވި މި ދެ ބައްދަލުކުރެއްވުމުގައި ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅު އެޅުން ފަދަ ތަފާތު އެކި މައްސަލަތަކުގައި މަޝްވަރާކުރެއްވެވި ކަމަށެވެ.

މީގެ އިތުރުން ގިނަ ގައުމުތައް ޝާމިލުވާ ބައިނަލްއަގްވާމީ އެކި މައްސަލަތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ފައިސަލް ފާހަގަކުރެއްވި ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

ނައިބް ރައީސް ފައިސަލް ނަސީމް، ޔޫއޭއީ އަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ފަސްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.