އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދެވަނަ ދައުވާގެ އަޑުއެހުމަށް މާދަމާ އަށް ތާވަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މާދަމާ ބާއްވާ އަޑުއެހުމަކީ ރ. ފުއްގިރި ކުއްޔަށް ދޫކޮށްގެން ހޯއްދެވި ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. މިއީ ކޯޓުގައި ޝަރީއަތް ހިނގަމުންދާ ދެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި އަޑުއެހުން ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ.
ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށް ދީގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވެވަޑައިގެން ހޯއްދެވި ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި އެ މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވެ އެވެ.
އާރަށުގެ މައްސަލާގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު އުފުލި ތިންވަނަ ދައުވާގެ އަޑުއެހުންތައް އަދި ފަށާފައެއް ނުވެ އެވެ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.
އާރަށުގެ މައްސަލާގައި ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވެ އެވެ.
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި ހުކުމް މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންކަމުން މިވަގުތަށް އެމަނިކުފާނު ވަނީ ޖަލު ހުކުމުން ސަލާމަތްވެ މިނިވަންވެފަ އެވެ.
ޖަލުން މިނިވަންވި ނަމަވެސް ރާއްޖެއިން ބޭރަށް ފުރުން މަނާކުރުމުގެ ގޮތުން ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.