ރައީސް އަބްދުﷲ ޔާމީން

ޔާމީން ހޯދަން އެދުނީ 24 ލައްކަ ރުފިޔާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް ލިބެން ޖެހޭ އިނާޔަތުގެ ގޮތުގައި އެދިފައިވަނީ 24 ލައްކަ ރުފިޔާ ދިނުމަށް ކަމަަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހޭނެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެ އެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު ދޭން ޖެހޭ 50،000ރ އާއި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު ދޭ 50،000 ރުފިޔާ ޖަލު ހުކުމާއި ހަމައަށް ރައީސް ޔާމީން ނެންގެވި ކަމަށެވެ. އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހުނު ނަމަވެސް އެފަަދަ އޮފީހެއް ނުހިންގަވާތީ އެ ފައިސާ އެމަނިކުފާނު ނުނަންގަވާ ކަމަށެވެ.

އެހެން ކަމުން ބަންދުގެ މުއްދަތަށް ދިނުމަށް އެދިފައިވަނީ މަހަކު އެއްލައްކަ ރުފިޔާގެ މަގުން ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. އެމަނިކުފާނު 24 މަހު ބަންދުގައި ހުންނެވިއެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު މިއަދު އަވަސްއަށް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ހުންނެވި މުއްދަތުގައި ލިބެންޖެހޭ ހުރިހާ އިނާޔަތްތަކެއް ހޯދަން ފިނޭންސް މިނިސްޓްރީއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިދިޔަ ބުރާސްފަތު ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމަށް ގޮތެއް ނުނިންމަވާ ކަމަށެވެ.