ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ޖެހުނު ފަހުން ކާ އެއްޗެތީގައި ކުނި ވަސް!

އެންމެ ފޭވަރިޓް ކެއުމުގައި ކުނިގޮނޑު ވަސް ނުވަތަ ޖަންގްޝަން ވަސް ދުވާނަމަ ކުރެވޭނީ ކޮން ކަހަލަ އިހްސާސެއް ހެއްޔެވެ؟ އަދި މިކަން ހައްލު ކުރަން އެއްވެސް ކަމެއް ނުކުރެވޭނަމަ އެމީހަކު ވާނެ ދެރަ ވިސްނާލާށެވެ. މިއީ ކޮވިޑް-19 ޖެހި ރަނގަޅުވީ އަންހެނަކަށް މިހާރު ދިމާވެގެން އުޅޭ މައްސަލަ އެކެވެ. އޭނާ ބުނި ގޮތުގައި ބަލިން ރަނގަޅުވީ ފަހުން އޭނާއަށް ހުރިހާ ކާނާއަކުން ވެސް ދުވަނީ "ކުނި" ވަހެވެ.

ނިއު ޖާޒީގެ މެންދާމްގައި ދިރިއުޅޭ ނަޓާލިއާ ކެނޯއަށް ކޮވިޑް ޖެހުނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާއަކީ ފުޑް ސްޓޯރެއްގައި މަސައްކަތްކުރާ މީހެކެވެ. ނަޓާލިއާ ބުނި ގޮތުގައި ކޮވިޑް ޖެހުނު ފަހުން އޭނާގެ ރަހަލުމާއި ވަސް ދުވުމުގެ ހިއްސަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ.

ޓިކްޓޮކްގައި 20 އަހަރުގެ ނަޓާލިއާ މި ވާހަކަ ޝެއާ ކުރަމުން ބުނި ގޮތުގައި ކުރިން އޭނާއަށް މީރު ވެގެން ކައި އުޅުނު އެއްޗެތީގައި ވެސް މިހާރު ލަނީ ކުނި ރަހަ އެވެ. އޭނާއަށް ދުވަނީ އެއްޗެތި ކުނިވީމަ ދުވާ ވަހާއި ޖަންގްޝަން ވަސް ކަހަލަ ނުބައި ވަސް ވަހެވެ. މިއީ ޕަރަސޯމިއާ ކިޔާ ބައްޔެއް ޖެހުމުން ދިމާވާ ކަމެކެވެ. މި ބަލީގެ ސަބަބުން ނަޓާލިއާ އަށް މިހާރު ކާއެއްޗެތި ފެނުނަސް ހޮޑުލަވަ އެވެ. އަދި ނުކެވި ނުކެވި ގޮސް ގަދަކަމުން ވެސް އެއްޗެއް ކައިފިނަމަ ހޮޑު ލެވެ އެވެ.

"އަހަންނަކަށް ހިއެއް ނުވޭ އަހަރެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް މި ބަލީގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް އެހެން މީހަކަށް ވިސްނޭނެހެނެއް. ހަމައެކަނި ނުބައިވަހެއް ނޫން ޖަންގްޝަން ވަސް ވެސް ދުވާ އަހަންނަށް. ދުނިޔޭގައި ލެއްވި ހުރިހާ ނުބައި ވަހެއް އަހަންނަށް ދުވަނީ. އަދި ކާއެއްޗެތީގައި ލަނީ ވަރަށް ގަދަ ހިތި ރަހައެއް. ހީކޮށްލާ ކުރިން މީރުވެގެން ކޭ އެއްޗެތީގައި މިފަދަ ވަސް ވަސް ދުވާނަމަ ދެން އެމީހަކަށް ކާން އުނދަގޫ ވާނެ މިންވަރު،" ނަޓާލިއާ ބުންޏެވެ.

ނަތާލިއާ ބުނި ގޮތުގައި އޭނާއަށް ކޮވިޑް ޖެހުނު ފަހުން 10 ވަރަކަށް މަސް ފާއިތު ވެއްޖެ އެވެ. އަދި މި ދުވަސްތަކުގައި ޑޮކްޓަރުން ދިން އެއްވެސް ބޭހަކުން އޭނާއަކަށް އެއްވެސް ރާހަތެއް ނުކުރި އެވެ. އަދި އަހަރެއްހާ ދުވަސް ތެރޭގައި ރަނގަޅު ނުވެއްޖެނަމަ މުޅި އުމުރަށް އެގޮތަށް އުޅެން ޖެހިދާނެކަމަށް ޑޮކްޓަރުން ބުނާ ކަމަށް ވެސް ނަޓާލިއާ ބުންޏެވެ.

ތަޖުރިބާކާރުން ކޮށްފައިވާ ސާވޭއަކުން ހާމަވެފައިވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ތެރެއިން 10 ޕަސެންޓް މީހުންނަށް މި މައްސަލަ ދިމާވެފައި ވެއެވެ. ނަމަވެސް މިކަމާ ގުޅޭ ރިސާޗެއް އަދި ހަދާފައެއް ނެތެވެ. އަދި ފަރުވާއެއް ވެސް ހޯދިފައެއް ނެތެވެ.

"ދެން އަހަރެން މި ގޮތަށްތަ މުޅި އުމުރަށް އުޅެންވީ؟ ކޮންމެ އެއްޗެއް އަހަރެން މި ކަނީ މޭނުބައިކޮށް އޯކަށް ދެމެމުން،" ނަޓާލިއާ ބުންޏެވެ.