ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަވަށްޓެރި އޮމާނަށް މިއަދު ވަޑައިގަންނަވާނެ އެވެ. މިއީ ފްރާންސްގެ ރައީސް، އިމަނުއެލް މެކްރޮންއާ ބައްދަލު ކުރެއްވުމަށް ފަހު ޕްރިންސް ގައުމުން ބޭރަށް ވަޑަައިގަންނަވާ ފުރަތަމަ ފަހަރެވެ.
މެކްރޮން ސައޫދީއަށް ވަޑައިގެން ދެއްކެވި ވާހަކަތަކުގެ ތެރޭގައި މެދުއިރުމަތީގައި ސުލްހަ ގާއިމުކޮށް ދެމެހެއްޓުމަށް ފްރާންސުން ބަރޯސާ ކުރައްވާނީ ސައޫދީއަށް ކަމަށް ވިދާޅުވި އެވެ. އަދި ސައޫދީ އިސްވެ އަވަށްޓެރި ގައުމުތައް ސުލްހަ ކުރަން ކުރާ މަސައްކަތްތަކަށް ފްރާންސުން އެއްބާރު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޮމާންގެ ޝާހީ ކޮއިލުން ވެސް ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ބަޔާނެއް މެދުވެރިކޮށް ރަސްކަމުގެ ދަރުބާރުން ބުނެފައި ވަނީ ވަލީއަހުދުގެ ދަތުރަކީ އޮމާންއަށް ހާއްސަ އުފަލެއް ކަމަށާއި ސައޫދީއާއެކު ދެމެހެއްޓިފައި އޮތީ ތާރީހީ ގުޅުމެއް ކަމަށެވެ.
އޮމާންގައި ސުލްތާން ގާބޫސް ވެރިކަން ކުރެއްވިއިރު ވެސް ސައޫދީއާއެކު ހަމަޖެހޭ ގުޅުމެއް ބޭއްވެވި އެވެ. އަދި ގާބޫސް އަވަހާރަ ވުމަށް ފަހު ސުލްތާން ހައިސަމް ބިން ތާރިގް ވެސް ސައޫދިއަށް ވަޑައިގެން ގުޅުން ބަދަހި ކުރެއްވި އެވެ.
ޚަބަރުތައް ބުނާ ގޮތުން މުހައްމަދު ބިން ސަލްމާން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ދެ ގައުމުގެ ތަރައްގީއަށެވެ. ދެ ގައުމުގައި ހުރި އިންވެސްޓްމަންޓްތައް ސަރަހައްދަށް ފުޅާ ކުރުމާއި އަވަށްޓެރިންގެ މެދުގައި އޮތް ހުޅުމަށް ވެސް ބައްލަވާ ލައްވާނެ ކަމަށް ވެ އެވެ.
މުހައްމަދު ބިން ސަލްމާއާ މެކްރޮން ބައްދަލު ކުރެއްވުމަށް ފަހު ލުބްނާންގެ މަޝްރަހު ފިނި ކުރަން ޕްރިންސް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.