ފެނަކަ ކޯޕްރޭޝަން

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާތީ ފެނަކައަށް ރިވެލި އެވޯޑު

Dec 6, 2021

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި އިހުސާންތެރިކަމާއި އޯގާތެރިކަން އިސްކޮށް ފެނަކައިން ކުރަމުންދާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރިވެލި އެވޯޑު ދީފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ރިވެލި އެވޯޑްގެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން މިއަހަރު ފެނަކަ ކޯޕަރޭޝަނުން ވަނީ އެވޯޑް ހާސިލްކޮށްފަ އެވެ.

މި އެވޯޑަކީ ޖެންޑާ މިނިސްޓްރީން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އެވޯޑު ހަފްލާ އެކެވެ.

ފެނަކައިން ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ މުޖުތަމައުގައި ބޭނުންތެރި ބަލައިގަންނަ ބަޔަކަށް ހަދައި، އެމިހުންގެ އެކިއެކި ހުނަރުތައް ތަރައްގީކުރުމަށް މަގުފަހިކޮށްދީ، އެ ހުނަރުތައް މަސައްކަތުގެ ދާއިރާގައި ބޭނުންކުރާނެ ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ މީހުން މުޖުތަމައުން އެކަހެރިކުރެވެމުން ދިޔުން ނިމުމަކަށް ގެނެސް، އިންސާނީ ހައްގުތަކުގެ ރޮނގުން އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ލިބޭކަން ވެސް ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އެ ކުންފުނިން ކޮންމެ ރަށެއްގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަނެ، ކަމާގުޅޭ އިދާރާތްތައް މެދުވެރިކޮށް އެ މީހުންގެ މައުލޫމާތު ހޯދައި އެވަގުތައް ބޭނުންވާ އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުންފުނިން އެމީހުންނަށް އެންމެ އެކަށީގެންވާ ވަޒީފާއެއް ހަމަޖައްސައިދިނުން ނުވަތަ އެމީހުންގެ ހުނަރު ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ފެނަކައިން ބުނީ އެ ކުންފުނިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދިނުމަށްފަހު ވަޒީފާގައި ގެންގުޅޭއިރު، މުވައްޒަފުންނަށް ލިބިދޭންޖެހޭ ހައްގުތައް ލިބިދިނުމުގައި އެއްވެސް މިންވަރަކަށް އެހެން މުވައްޒަފުންނާއި ތަފާތުކުރުން ވެސް ނުގެންގުޅޭ ކަމަށެވެ.