ތިމާވެށި

ކަނޑޫފާތަކުގެ ހާލަތު ބަލަން އިންޑިއާގެ ޓީމެއް ރަށްތަކަށް

ހަލާކުވެ ނިކަމެތިވެފައިވާ ކަނޑޫފާތަކުގެ ހާލަތު ބަލައި ދިރާސާ ކުރުމަށް އިންޑިއާގެ ޓީމެއް ރާއްޖޭގެ އުތުރަށް ފުރައިފި އެވެ.

މި ދަތުރުގައި ބައިވެރިވަނީ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ސީޔޫއެސްއޭޓީ) ގެ ހަތަރު ބޭފުޅުންނާއި އީޕީއޭގެ ބޭފުޅުންނެވެ. މި ޓީމު ހއ. ކެލާ އާއި ކުޅުދުއްފުށި ސިޓީ އާއި ހއ. ކޭލަކުނާއި ހދ. ވައިކަރަދޫ އާއި ހދ. ނޭކުރެންދޫ އާއި ށ. ގޮއިދޫ އާއި ށ. ފޭދޫ އާއި އަދި ނ. ކެނދިކޮޅުދޫން ގަސްގަހާގެހި، ސޫފާސޫފި އަދި ސެޑިމެންޓްސްގެ ސާމްޕަލް ނަގާނެ އެވެ.

އިންޑިއާގެ ޓީމުން ސާމްޕަލްތައް މޯލްޑިވްސް ފުޑް ޑްރަގް އޮތޯރިޓީގެ ނެޝަނަލް ލެބްގައި ތަހުލީލުކޮށް ޓެކްނިކަލް ރިޕޯޓެއް ނެރޭނެ އެވެ. މި ރިޕޯޓްގައި ކަނޑޫފާތަށް މަރުވާ ސަބަބުގެ އިތުރުން އަދި، ކަނޑޫފާ ސަރަޙައްދުތައް ބަލަހައްޓާ ،އެ ސަރަޙައްދުތައް ރިހެބިލިޓޭޓް ކުރުމަށް މުސްތަގުބަލުގައި އަމަލުކުރާނެ ގޮތްތައް ވެސް ހިމަނާނެ އެވެ.

ބޮޑެތި ކަނޑޫފާތަށް މަރުވާ ސަބަބު ދެނެގަތުމަށް މެންގްރޫވް ޑައި-އޮފް އެނަލިސިސް ހެދުމަށް ސީޔޫއެސްއޭޓީ އާއި އީޕީއޭއާ ދެމެދު އެއްބަސްވުމެއް ސޮއި ކުރެވުނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.