ރިޕޯޓް

ތެޔޮ އަގު ބޮޑުވެއްޖިއްޔާ އެނގޭނެ، ހެޔޮ ވެއްޖިއްޔާ ބަހަބަރު!

މިއަދުން ފެށިގެން ޕެޓްރޯލް އަދި ޑީސަލް ވެސް ލިޓަރެއް 10ރ. ގެ މަގުން ވިއްކަން ނިންމިކަން އެސްޓީއޯ އިން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބައެއްގެ ވެސް ފުރަތަމަ ސުވާލަކަށްވީ އަދިވެސް ޓެކްސީ ދަތުރެއް 25ރ. އަށްތޯ އެވެ. ގޯސް ވާހަކައެއް ނޫނެވެ. ޓެކްސީކުރާ މީހުން ފީތައް ބޮޑުކުރުމަށް ދެއްކި އެންމެ ބޮޑު އެއް ސަބަބަކީ ތެޔޮ އަގު ބޮޑުވުމެވެ. އެކަމަކު މިއީ ޓެކްސީތަކަށް އެކަނި ހާއްސަ މައްސަލައެއް ނޫނެވެ. ތެލުގެ އަގު ބޮޑުވެއްޖެ ނަމަ މުދަލާއި ހިދުމަތްތަކުގެ އަގު ޖުމުލަ ގޮތެއްގައި މައްޗަށްދެ އެވެ. އެކަމަކު ތެލުގެ އަގު ދަށަށް ގޮސް ކިތަންމެ ދުވަހެއް ވިޔަސް އެހެންވެޔޭ ބުނެ މުދަލެއްގެ އަދި ހިދުމަތެއްގެ އަގު ދަށްކޮށްލަނީ ވަރަށް މަދު ވިޔަފާރިވެރިންނެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ މީގެ ހަ އަހަރު ކުރިން ހުރި މިންވަރަށް ދަށްވެފަ އެވެ. ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރުމަށް ނިންމި ސަބަބަކީ މިއީ އެވެ. އެކަމަކު މިއީ ފަހުގެ ތާރީހެއްގައި އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މިދިޔަ މަހެއްހާ ދުވަސް ތެރޭ އެސްޓީއޯ އިން މި ވަނީ ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ހެޔޮކޮށްފަ އެވެ. އެކަމަކު މި ބަދަލާ އެކު ބާޒާރުން އަގު ދަށްވީ ކޮން އެއްޗެއް ކޮން ކަމެއްގައި ހެއްޔެވެ؟ ހަރާމެވެ!

މިދިޔަ ހަފުތާތަކުގައި ބައިނަލްއަގުވާމީ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 45-50 ޑޮލަރާ ދެމެދުގައި ހިފެހެއްޓިފައި ވާއިރު މި މިންވަރަށް ތެޔޮ ގަންނަން އެންމެ ފަހުން ލިބިފައި ވަނީ 2009 ވަނަ އަހަރުގެ އޭޕްރީލަ މަހު އެވެ. ތެޔޮ އުފައްދާ ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އޯޕެކުން ތެލުގެ ސަޕްލައި ދަށްކުރުމަށް ދެކޮޅު ހަދާތީ ތެލުގެ އަގު އެހާ އަަވަހަށް މައްޗަށް ހިނގައިދާނެ ކަމަކަށް މާހިރުން ލަފައެއް ވެސް ނުކުރެ އެވެ.

ޕެޓްރޯލާއި ޑީސަލް އަދި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮވެއްޖެ އެވެ. އެކަމަކު ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ނޫނީ މިކަމާ ޗުއްޕެއް ވެސް ބުނެލި ބަޔަކު އަދި ނުފެނެ އެވެ. އެތަނުން ވަނީ ކަރަންޓު ބިލަށް އިތުރުކުރާ ސާޗާޖް، ތެލުގެ އަގަށް އައި ނިސްބަތުން ކުޑަކުރާނެ ކަމަށް ބުނެފަ އެވެ. ކުރިން ވެސް ތެލުގެ އަގާ އެކު ސާޗާޖަށް ބަދަލު ގެނެ އެވެ. އެކަމަކު ސްޓެލްކޯ އިން ނަގާ ތެލުގެ ސާޗާޖަކީ ސަބްސިޑީ ލިބޭ ބިލްތަކުން އެކީގައި އުނިވެގެންދާ އެއްޗަކަށް ވުމުން އެ އުނިވާ ބައިގެ ސީދާ އަސަރު ފަރުދުންނަށް ނުކޮށްފާނެ އެވެ. އެ ލުއި ލިބޭނީ ދައުލަތުގެ ބަޖެޓަށެވެ. އެކަމަކު ސަބްސިޑީ ނުލިބޭ ބިލްތަކުން މި ބަދަލު ސީދާ ގޮތެއްގައި އިހްސާސް ވާނެ އެވެ.

ކޮންމެ މުދަލަކާއި ހިދުމަތެއްގެ އަގު ކަނޑައެޅުމުގައި ތެލަކީ މުހިންމު ބަހާއަކަށް ވިޔަސް ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކު އާންމު މުދަލުގެ އަގަށް ބަދަލެއް ނާންނާނެކަން ގަބޫލުކުރަމެވެ. އެކަމަކު ތެލުގެ އަގު ދަށަށް ގޮސް ކިތަންމެ ދުވަހަކު އޮތަސް އާންމު މުދަލާއި ހިދުމަތްތައް ކުރިން އެރި ހިސާބުގައި ތާށިވެފައި އޮތުމަކީ ކާކު ގަބޫލުކުރާނެ ކަމެއް ހެއްޔެވެ؟

"މިއީ މަށަށް ވިޔަފާރިވެރިންގެ ތެދުވެރިކަން ހުންނަ މިންވަރު އެންމެ ބޮޑަށް ފެންނަ ކަހަލަ ވަގުތެއް. އަގު ބޮޑުކުރަން ވަރަށް ގިނަ ސަބަބު ދައްކާނެ. އަގު ހެޔޮވާންޖެހޭ އެއް ހާސް ސަބަބު އަޔަސް ދެނެހުރި ކަމަށް ވެސް ނުހަދާނެ،" ތެލުގެ އަގާއި ދިވެހި ވިޔަފާރިތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އެކަކު ދިން ޖަވާބަކީ މިއީ އެވެ.

އޭނާގެ ޖަވާބު ފުރިހަމަކޮށްލީ މިގޮތަށެވެ؛

"ދެން ބުނާނީ ތެލުގެ އަގު ބޮޑުކޮށް ހުރި ހުރި އެހެން ހަރަދުތައް ބޮޑުވީމާ ފައިދާ ނުލައޭ ވިއްކަނީ. އަދި ކިރިޔާއޭ އެއްޗެއް ލިބެނީ."

މީގައި އަދި ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާ އެކު ރާއްޖޭގައި ތެލުގެ އަގަށް ބަދަލު އައުމަކީ ވާނެ ކަމެއް ނޫނެވެ. އެއީ އެކަން ކުރާގޮތެއް ވެސް ނޫނެވެ. ތެލުގެ އާ ޝިޕްމަންޓަކާ އެކުގައި ނޫނީ ތެލުގެ އަގަށް ހަގީގަތުގައި ބަދަލެއް ނާދެ އެވެ. އެކަަަމަކު ކޮންމެ ދުވަހަކު އެސްޓީއޯ ނުވަތަ އެހެން ކުންފުންޏަކުން ތެޔޮ ގަނެގެން ހިދުމަތް ދޭ ފަރާތްތަކުގެ އަގަށް ތެލުގެ ހެޔޮ ބަދަލުގެ އަސަރު ނުފެންނަނީ ކީއްވެހެއްޔެވެ؟ ދަތުރުފަތުރުގެ އަގުތައް ކުޑައެއް ނުވެ އެވެ. މުދަލުގެ އަގަށް ބަދަލެއް ނާދެ އެވެ. އެކަމަކު ތެލުގެ އަގުން ލާރިއެެއް ބޮޑުވިޔަސް އެ އޮތީ މުދަލާއި ހިދުމަތުގެ އަގު ބޮޑުކުރަންޖެހޭ ނިކަން ބޮޑު ސަބަބެއް ފެނިފަ އެވެ!