ވާހަކަ

އެހާ ލޯބިން ދިނީމާ ހިތް

( 4 ޑިސެމްބަރ 2021އާ ގުޅޭ )

"ނޫން! ނޫން!" ސަހުލާއަށް ފަަހަތަށް ފިޔަވަޅެއް ނެގުނެވެ. ސަހުލާގެ ލޯމަތިން ފެންނަމުންދާ މަންޒަރު ބަލަން ސަހުލާއަށް އެއްވެސް ގޮތަކަށް ފަސޭހަ އެއް ނޫނެވެ. ސަހުލާގެ ލޮލުން އޭރު ވެސް ހޯސްލާފައި ކަރުނަތައް ފައިބަމުން ދެއެވެ. އެނދުގައި އަޅާފައިވާ ފޮތިގަނޑުގައި ހުރި ލޭ ތަކަށް ބަލަން ނުކެރިގެން، ސަހުލާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އޭނާގެ ހިތް ތެޅެމުން ދިޔައީ ނުހަނު އަވަސް މިނެއްގައެވެ. ބަނޑަށް އެރި ތަދަށް ވީގޮތް ސަހުލާއަށް ނޭނގިފައި ހުރެވުނީ ވެސް، ހިތުގައި އުފެދިގެން ދިޔަ ބިރުވެރި ކަމެއްގެ ސަބަބުންނެވެ. ވަގުތު ކޮޅަކު ސަހުލާ ގަނބުވެފައި، އެއްވެސް ހަރަކާތެއް ނެތިފައި ހުރުމަށްފަހު، ކުއްލިއަކަށް ތެޅިގެންފައިނނެގީ އެނދުމަތީގައި އޮތް އޭނާގެ ފޯނެވެ.

"ހަލޯ! ރިޝް.." ގަޑިން ވީއަރަކަށް ނުބަލާ ސަހުލާ ގުޅާލީ ރިޝްފާ އަށެވެ. ދެވަނަ ރިންގާ އެކުގައި ރިޝްފާ ފޯނު ނެގިއެވެ.

"ކީކޭ ސަހޫ؟ ކިހިނެއްވީ؟" ސަހުލާގެ އަޑު ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ރިޝްފާއަށް ރޭކާލިއެވެ. ފޯނުން ގުޅައިގެން ތިބެ، ކަންތައް ވީ ގޮތް ރިޝްފާއަށް ސަހުލާ ކިޔައި ދިނީ ރޮމުންނެވެ. "އާނ މިދަނީ"އޭ ބުނެ ރިޝްފާ ފޯނު ބޭއްވީ ސަހުލާގެ ޙާލަތު ވިސްނުމުންނެވެ. ސަހުލާގެ ގާތަށް ގޮސް އޭނާއާ ވާހަކަދައްކަން ޖެހޭކަން އަމިއްލައަށް ޤަބޫލު ކުރެވުމުންނެވެ. ސަހުލާއަށް ލިބޭ ކޮންމެ ހިތާމައެއް ވިޔަސް، ސަހުލާގެ ގާތުގައި ރިޝްފާ ހުރެއްޖެނަމަ، ސަހުލާ އެކަމަކުން މިންޖު ވާން ނަގާނީ ކުޑަ ހިނދުކޮޅެކެވެ.

ފަތިސް ވަގުތެވެ. ރިޝްފާ އިނީ ސަހުލާގެ ގޭގައެވެ. ސަހުލާގެ ކޮޓަރީގައި ތިބެ ރިޝްފާ އާއި ސަހުލާ ވަރަށް ވިސްނައިފިއެވެ.

"ދެން ކިހިނެއް ހަދާނީ؟ އަހަރެން ބޭނުން އެ ބޭބީ." ސަހުލާއަށް ލިބިފައިވާ ފުން އަސަރާ އެކުގައި އޭނާ އަހައިލިއެވެ.

"ކެތްކުރޭ! ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ. މިއަދު ތިހެން ތިވީ، ވެދާނެ މާދަމާ އެއީ ސަހޫއަށް ލިބުނު ނަސީބަކަށް ވެސް.. އިރާދަކުރެއްވިއްޔާ ސަހޫއަށް އަދި ދަރިން ލިބޭނެ. ބާރުގަދަ ބޭސް ތަކެއް ކައިގެން، ގަސްތުގަ ކުރި ކަމެއް ނޫނެއްނު މީ.. އެހެންވީމަ ހިތްވަރު ކުރޭ." ރިޝްފާގެ ވާހަކަތައް ސަހުލާއަށް ޤަބޫލު ކުރެވުނެއް ކަމަކު، އޭނާގެ ހިތަށް ތަދުވެއެވެ. ސަހުލާގެ ބަނޑުގައި އޮތް ދަރިއަކީ ސަހުލާ ދުށް ވަރަށް ފޮނި އުއްމީދެކެވެ. އެ ދަރިއަކީ ކޮންމެ ގޮތަކަށް ލިބެން އުޅޭ ދަރިއެއް ކަމުގައި ވިޔަސް، އެ ދަރިއަށްޓަކައި ސަހުލާ ދެކުނީ ނިކަން ފޮނި ހުވަފެންތަކެކެވެ. ޖައިޝްއާ އެކުގައެވެ. ޖައިޝްގެ އުޅުން ބަދަލުކޮށް، ޖައިޝް ރަނގަޅު ޒިންމާދާރު މީހަކަށް ހަދަން އެ ދަރީގެ މުހިންމުކަން ސަހުލާއަށް އެނގެއެވެ.

"ސަހޫ އަދިވެސް ބަނޑަށް ތަދުވޭތަ؟" ރިޝްފާ ހިފައިލީ ސަހުލާގެ އަތުގައެވެ. ސަހުލާ ޖަވާބުގައި ބޯ ދެފަރާތަށް ހޫރައިލިއެވެ.

"ނަސީބެއްނު؟" ސަހުލާގެ އަތުގައި ހިފަހައްޓައިގެން އިނދެ، ރިޝްފާ ބުނެލިއެވެ. މިހާރު އެދެމީހުން އެ ތިބީ، އެނދު ވެސް ސާފުކޮށް ނިންމައިގެންނެވެ.

"ސަހޫ ބުނެބަލަ! ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟" ރިޝްފާ ބަލައިލީ ސަހުލާގެ މޫނަށެވެ.

"އަޅެ ރިޝް ބުނެބަލަ! އަހަރެންގެ ސިކުނޑިއަކަށް ނުވިސްނޭ." ސަހުލާ އިސްދަށަށް ޖަހައިލިއެވެ. އަދި ދެއަތް ދެއަތަށް ކާއްތަން ފެށިއެވެ.

"އަހަރެންނަށް ފެންނަނީ މިކަން ސިއްރު ކުރަން. މިސްކަރޭޖް ވީކަން އެނގެއްޖިއްޔާ، ޖައިޝް ހީވޭތަ ސަހޫއާ ކައިވެނި ކޮށްފާނެހެން؟ ހައްތަހާ ވެސް ސަހޫގެ ޑްރީމްސްތައް ދޯ ފުޑުފުޑު ވާނީ.." ރިޝްފާގެ ވާހަކަތަކާ އެކުގައި ސަހުލާ އިސްނަގައި ބަލައިލީ ރިޝްފާ އަށެވެ. އަދި ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ.

"ސަހޫ ބޭނުންތަ ޖައިޝްއާ މެރީ ކުރަން؟" ރިޝްފާ ސުވާލު ކޮށްލުމާ އެކުގައި ސަހުލާ ވަގުތުން އާނއެކޭ ބުނާ ބީދައިން ބޯޖަހައިލިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ވާހަކަދައްކަން ފެށިއެވެ.

"އަހަރެން ވަރަށް ބޭނުން ޖައިޝްއާ މެރީ ކުރަން. ރިޝް ތިބުނި ގޮތަށް މިކަން ސިއްރު ނުކޮށްފިއްޔާ، އޭނާ ނުކުރާނެ އަހަންނާ ކައިވެންޏެއް.. އެ މެރީ ކުރަނީ ވެސް، އަހަރެން ޕްރެގް ވެފަ އަހަރެން ދެއްކި ވާހަކަތަކުން.." ސަހުލާ އޭނާގެ ދުލުން ބޭރުކޮށްލީ އޭނާ ޖައިޝްއާ އެކުގައި އައު ޙަޔާތެއް ފަށަން ބޭނުންވެފައި ހުރި މިންވަރެވެ.

***

ފެށިގެން ދިޔަ އައު ދުވަހާ އެކުގައި، ސަހުލާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބެއްޖެއެވެ. ރޭގަ ކަންތައްތަކުން ސަހުލާއަށް އަރައި ގަނެވުނީ ރިޝްފާގެ ސަބަބުންނެވެ. ރިޝްފާގެ ޚިޔާލާއި ސިކުނޑިން ސަހުލާއަށް ކުރިއަށް ދާންވީ ގޮތް ކިޔައިދިނުމުންނެވެ.

މެންދުރުފަހުގައި އޮތް ސަހުލާ އާއި ޖައިޝްގެ ކައިވެނީގެ މަޖިލީހަށް ދިޔުމަށްޓަކައި ހަފްސާ އާއި ގާދިރު ތައްޔާރު ވަމުން ދިޔައެވެ. ނަމަވެސް އެދެމީހުންގެ މޫނުމަތިން އެއްވެސް ދިރުމެއް ފެންނާކަށް ނެތެވެ. މިއީ އެދެމީހުންގެ ޙަޔާތުގައި އައި އެންމެ ހިތްދަތި ދުވަހޭ ވެސް ބުނެވިދާނެއެވެ. ކުރެވެން މިއުޅޭ ކައިވެނި އެދެމީހުންނަށް ސިފަ ވަނީ އެއީ އެމީހުންގެ ހަނގު ދަރިފުޅަށް ލިބޭނެ ބޮޑު ފިލާވަޅަކަށެވެ. އިމްތިޙާނަކަށެވެ. މިކައިވެނި ރަނގަޅަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އެދެމީހުންގެ އަދިވެސް އެބައޮތެވެ. އެމީހުންގެ ދުޢާ އަކީ ސަހުލާއަށް ވިސްނިގެން ޖައިޝްގެ ކިބައިން އަވަހަށް ސަލާމަތް ވުމެވެ. ނަމަވެސް ޖައިޝްގެ ފަރާތުން އެމީހުންގެ ދަރިއަށް ލިބި ދާނެ ގެއްލުމަކަށްޓަކައި އެމީހުން ވަރަށް ޖެހިލުންވެއެވެ. ވަރަށް ހާސްވެއެވެ. ހުރިހާ ކަމެއް ވެސް މާތްﷲއަށް ވަކީލުކޮށްލައިގެން ދުރުގައި ބަލަން ތިބެން އެ ދެމީހުންނަށް ޖެހުނީ، އެއްވެސް ކޮޅެއްގައި ސަހުލާގެ ކަންތައް ނުޖެހުނީމައެވެ.

ކައިވެނީގެ މަޖިލީހަށް ދިޔުމަށްޓަކައި ޖައިޝް ހުރީ ތައްޔާރުވެ، ނިމިގެންނެވެ. ޖައިޝް ލައިގެން ހުރީ ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި، ކަޅު ޖިންސެކެވެ. އަރައިގެން ހުރީ "ބްރައުން" ކުލައިގެ ކެޝުއަލް ބޫޓަކަށެވެ. އަތު ކުރީގައި ކަޅު ކުލައިގެ ކަމަރުލީ ގަޑިއެއް އޮތެވެ. ކަރުގައި އަޅާފައި އޮތީ ރިހި ފަށެކެވެ. ބޮލުގައި އޮތް ބުޅި އިސްތަށިގަނޑުން ފެންނަނީ "ފްރެޝް" ކަމެވެ. ކަންޓު ލާ ތަތްކޮށްލާފައި އޮތް އިސްތަށިގަނޑުގެ ރީތިކަން ބޮޮޑަށް ފެންނަމުން ދިޔައީ ޖައިޝް ލައިގެން ހުރި ހުދު ގަމީހުގެ ސަބަބުންނެވެ. ޖައިޝް ޖަހައިގެން ހުރި އިންވިކްޓަސް ސެންޓުގެ ވަހުން އޭނާ ހުރި ތަން ވަނީ އެއްވަސް ވެފައެވެ. ޖައިޝް އެގޮތަށް ހުއްޓާ އޭނާ ފެންނަ އަންހެން ކުއްޖެއް، އެއްވެސް އިޚްތިޔާރެއް ނެތި ޖައިޝްއަށް ޓަކައި އެކުއްޖެއްގެ ހިތް ދޭނެއެވެ. އެހާ ވެސް ޖައިޝް ހޮޓެވެ. "ހޭންޑްސަމް"އެވެ.

ރީތިވެ ނަލަވެލައިގެން ސަހުލާ ކޮޓަރިން ނުކުތުމާ އެކުގައި، ސޯފާގައި އިން ހަފްސާއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ ސަހުލާ ފެނިފައެވެ. "އެއީ ހަމަ ސަހުލާ ބާ؟" ހިތަށް އަރާފައެވެ. ހަފްސާ ކުރިއަށް މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ހުއްޓުނީ ސަހުލާގެ ކުރިމަތީގައެވެ. ހަފްސާގެ ފަހަތުން ގާދިރު ވެސް ދިޔައެވެ.

"ދަރިފުޅު ހާދަ ރީއްޗޭ! މާޝާ ﷲ.." ހަފްސާއަށް އެހެން ބުނެވުމާ އެކުގައި އޭނާގެ ދެލޯ ފެންކަޅި ވިއެވެ. ސަހުލާ ހީވަނީ ޗާލު ޕަރީއެއް ހެންނެވެ. މޫނުމަތީގެ އޮމާން ކަމާއި އެއް ވަރަށް، މޭކަޕްގެ ރީތިކަން ވެސް ހީވަނީ ޖާދޫއެއް ހެންނެވެ. ދެލޮލުގެ ތެރޭގައި ވިދަމުންދާ ފެހި ކުލައިގެ ކަޅި އާއި، އެ ކަޅިއަށް ހިމާޔަތް ދެމުންދާ ދިގު ރީތި އެސްފިޔަތައް ފެނިފައި ކޮންމެ މީހަކު ވެސް ބަސް ހުއްޓޭނެއެވެ. ސަހުލާ ލައިގެން ހުރީ ހުދު ކުލައިގެ އޭނާގެ ކަކޫ ފޮރުވޭ ވަރުގެ ހެދުމެކެވެ. އެ ހެދުމާ ސަހުލާ ހުރި ގޮތް ބޮޑަށް ގުޅެނީ އޭނާގެ ފަސް އިސްތަށިގަނޑު ފަހަތަށް ވައްޓާލައިފައި އޮތުމުންނެވެ. ސަހުލާ ޖަހައިގެން ހުރީ ގުޑްގާރލް އެވެ. އެ މީރު ވަސް ހަފްސާގެ ނޭފަތުން ވެސް ދިޔައީ ޖާގަ ހޯދަމުންނެވެ.

"ދަރިފުޅާ! މަންމަމެން އަބަދުވެސް ތިބޭނަން. ދަރިފުޅު ތިހުރީ އެކަންޏެއް ނޫން. އެކަން ހަނދާން ކުރާތި! ދަރިފުޅާ! ތި ކުރެވެނީ ވަރަށް ބޮޑު ކަމެއް. އެންމެ މުހިންމު ކަމަކީ ތިމާގެ އަޚްލާޤު.. ރީތި ދިރިއުޅުން. ދަރިފުޅާ ސަހުލާ! ދީނާ ދުރަށް ނުދާތި! ނަމާދު ކުރާތި!" ހަފްސާގެ ލޮލުން ވެއްޓެން އުޅުނު ކަރުނަ ތިކި ފޮހެލަމުން އޭނާ ބުނެލިއެވެ. އެހުރިހާ ވާހަކައަކަށް ސަހުލާ ޖަވާބަކަށް ދިނީ ލުއި ހިނިތުންވުމެކެވެ.

ގަޑިން މެންދުރު 2 ޖެހުމާ އެކުގައި ކައިވެނީގެ މަޖިލީސް ފެށިއްޖެއެވެ. ސަހުލާގެ ޢާއިލާ އާއި ރިޝްފާ ވެސް ތިއްބެވެ. ޖައިޝްގެ ފަރާތުން ތިބީ އޭނާގެ 2 ރަޙުމަތްތެރިންނެވެ. ޤާޒީ ދައްކަމުންދާ ވާހަކަތައް އަޑު އަހަން ސަހުލާ އިން އިރު، އޭނާގެ ތުންފަތުން ފައުޅުވެފައި ވަނީ ލުއި ހިނިތުންވުމެކެވެ. ރޭގަ ވީ ކަންތަކުން ހިތަށް ލިބުނު އުނދަގޫ އެގޮތުގައި އޮތަސް، ޖައިޝްއާ ކައިވެނި ކުރެވޭތީ ސަހުލާ އިނީ ނިކަން އުފާވެފައެވެ. އެއީ ވެސް ސަހުލާގެ އުއްމީދަކަށް ވީތީއެވެ. އަދި ހަށި ހުސްކޮށް ހުރެ، ކައިވެނި ކުރެވުމުން ފޭކް އަންބަކަށް ނުވާނެ ކަން އެނގިފައި ވާތީ އެކަމާ ވެސް ސަހުލާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަޖެހިފައެވެ. ހިތްހަމަޖެހުމުގެ އިޙްސާސް ވާއިރަށް ރޭގަ ވީކަންތައް ހިތަށް ވަދެ، އޭނާގެ ހިތަށް ތަސައްލީއެއް ނުލިބެން އުޅޭ ކަހަލައެވެ. ހުރިހާ މޮޅެއް ނުލިބޭނެކަން ވެސް ސަހުލާ ދަނެއެވެ. އެހެން ކަމުން، ކުރެވެން އުޅޭ ކައިވެނިން އެ ހުރިހާ އުފާ ހޯދާނީއޭ ސަހުލާގެ ހިތް ބުނެލިއެވެ.

ހަފްސާގެ ހިތަށް ކެތްވަނީ ވަނީ ހަމަ ކިރިޔާއެވެ. ފެންނަމުންދާ މަންޒަރު ބަލަން ކިތަންމެހާ ވެސް ބޮޑަށް ހަފްސާއަށް ދައްޗެވެ. ނަމަވެސް މި ނޫން ގޮތެއް ނެތެވެ. ހިޝާމްގެ އަތުގައި ހިފާލައިގެން ހަފްސާ އެ މަޖިލީހުގައި ހަމަ އިނީއެވެ. އެމީހުންނާ ޖެހިގެން ގާދިރު ވެސް އިނެވެ.

"އަނބި ޤަބޫލުކޮށްފިން.." ޖައިޝްގެ ޖުމުލަ އެ މަޖިލީހުގައި ގުގުމާލީ ހަފްސާ އާއި ސަހުލާގެ ދެލޮލަށް ކަރުނަ ޖަމާކޮށްލަމުންނެވެ. ހަފްސާގެ ލޮލުން ފޭބީ އޭނާގެ ހިތަށް ލިބުނު ވޭނުން ހިލުނު ކަރުނައެވެ. ސަހުލާގެ ލޮލުން ފޭބީ އޭނާގެ ހިތަށް ލިބުނު އުފާވެރިކަމުން ހިލުނު ކަރުނައެވެ. ޖައިޝްގެ ޖުމުލައިން ދެމައިންނަށް ލިބުނީ ތަފާތުކަން ބޮޑު ދެ އިޙްސާސެކެވެ. (ނުނިމޭ)