އަހުމަދު ޝިޔާމް

ޔާމީން ނުފިއްލަވާނެ، މަޖުބޫރު ކުރުވުމުންވެސް ބޭރަށް ވަޑައިނުގެންނެވި: ޝިޔާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެ ދޫކޮށް ފިލައިގެން ހިނގައިދާނެ ކަމުގެ ހެކި ލިބިފައިވާ ކަަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ހިންގޭ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހޫނު ރައްދެއް ދެއްވައިފި އެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކާއި ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން މިއަދު ވަނީ އެދިފައެވެ. ދައުލަތުގެ ފަރާތުން މިއަދު ކޯޓުގައި ބުނެފައި ވަނީ ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ ކުށެއްކޮށްފައިވާ ކަމުގެ ހެކި އެކަށީގެންވާ ވަރަށް ހުރުމުން ކަމަށެވެ. އަދި ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ހެކި ވެސް ހުރި ކަމަށާއި ކުރީގެ ރައީސްކަން ވެސް ކުރައްވާފައި ވާތީ ފިލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށެވެ. އަދި ކުރީގެ ރައީސްކަން ކުރައްވާފައި ވުމުން ބޭރުގެ ފަރާތްތަކާއި ގުޅުންތައް އޮންނާނެ ކަމަށް ވެސް ދައުލަތުގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީންއަށް މަޖުބޫރުކުރުމުންވެސް ގައުމުދޫކޮށް ވަޑައިނުގެންނެވި ކަމަށެވެ. އަދި ދައުލަތުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް ލަދުވެތިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދައުލަތް އުޅޭގޮތުން ރައްޔިތުން އެބަ ބޮޑުކޮށް ލަދުގަނޭ. ރައީސް ޔާމީންއަށް މަޖުބޫރު ކުރުމުންވެސް ގައުމުދޫކޮށް ވަޑައިނުގެންނެވި. އަދީބު ވަގަށް ފިލަން އެރީ ޓަގު ބޯޓަކަށް. އެއްހަމައަކުން މިނީ ސިޔާސީ އޯޑަރަށް. ދައުލަތެއް ސަރުކާރު ވާނީ މިހާ ވަރަށް،" އަދީބު ފިއްލެވުމުން ރައީސް ޔާމީންވެސް ފިއްލެވުމުގެ ފުުރުސަތު ބޮޑު ކަމަށް ދައުލަތުން ބުނާތީ އެކަމަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވަނީ އެމަނިކުފާނު ފިއްލަވަން އުޅުއްވާ ކަމަށް ދައުލަތުން ކުރާ ތުހުމަތަކަށް އިއުތިރާޒް ކުރައްވާފަ އެވެ. އެ ހުށަހެޅުމާއި ގުޅިގެން ދައުލަތުން ހުށަހެޅި ފޯމު ވެސް ލިބުނީ މިއަދު ކޯޓަށް ހާޒިރު ވުމުން ކަމަށާއި އަދި ފުލުހުންނަށް ލިބިފައިވާކަމަށް ދައުލަތުން ބުނާ، ރައީސް ޔާމީން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތައް ވެސް ދިރާސާ ކުރައްވަން ބޭނުންވާ ކަމަށެވެ.

ރައީސް ޔާމީން ވެސް ކޯޓުގައި އެދިވަޑައިގަތީ ފުލުހުންނަށް އެމަނިކުފާނު ފިއްލަވައިގެން ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތަކެއް ލިބިފައިވާތީ އެ ހެކިތައް ވަކީލުންގެ ޓީމާ އެކީގައި ވާހަކަދައްކަވައިގެން ދިރާސާ ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ފުލުހުން އެމަނިކުފާނުގެ މައްޗަށް ކޮށްގެންވެސް ނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ދައުލަތުން ބުނެފައި ވަނީ ފޯމާ އެކީގައި ރައީސް ޔާމީން ފިއްލަވަން އުޅޭ ކަމުގެ ވަކި ހެއްކެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އެކަމަކު މައްސަލައިގައި ހުށަހަޅާފައިވާ ހެކިތައް ވަޒަންކޮށްގެން ތުހުމަތުކުރެވޭ މީހާ ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭނެ ކަމަށެވެ.