މޯލްޑިވްސް ޕޮލިސް ސާވިސް

ތާޖުއްދީން ސްކޫލު ފަޅާލައި ޓެބްލެޓް ތަކެއް ވަގަށް ނަގައިފި

Dec 6, 2021

ތާޖުއްދީން ސްކޫލު ފަޅާލައި ވައްކަންކޮށްފި އެވެ.

ތާޖުއްދީން ސްކޫލަށް ރޭ މެންދަމުގެ ވަގުތެއްގައި ބަޔަކު ވަދެ ސްޓާފް ރޫމުގައި ބަހައްޓާފައި ހުރި ޓީޗަރުންގެ ޓެބްލެޓް ތަކެއް ވަނީ ވަގަށް ނަގާފަ އެވެ.

ފުލުހުން ބުނީ ތާޖުއްދީން ސްކޫލު ފަޅާލައި ވައްކަން ކުރި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:48 ހާއިރު ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާ އެކު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށްވެސް ބުންޏެވެ.

މައްސަލައިގެ ތުހުމަތުގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މިކަމާ ގުޅިގެން ތާޖުއްދީން ސްކޫލުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތަންތަން ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާ މައްސަލަތަކާއި، ފޭރުމުގެ އަމަލުތައް ހިންގައިގެން ބޮޑެތި އަދަދުތަކުން ފައިސާ، ކުށްވެރިންގެ އަތަށް ދާތީވެ އެފަދަ މައްސަލަތަކުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.