ހަބަރު

ރާއްޖޭގައި ހައްޔަރުކުރި ހެކަރުގެ ޝަރީއަތުގައި ޝަމީމް ހެކި ބަސް ދީފި

އެމެރިކާގެ އެޖެންޓުންތަކެއް ރާއްޖޭގެ އެއާޕޯޓުން ހައްޔަރު ކުރި ރަޝިޔާގެ ހެކަރު ރޯމަން ސެލެޒްނޭވް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކުއިޓާ ޖެނެރަލް ހުސެން ޝަމީމް އެމެރިކާގެ ކޯޓެއްގައި އިއްޔެ ހެކިބަސްދެއްވައިފި އެވެ. އޭނާ ހެކިބަސް ދީފައި ވަނީ ސެލެޒްނޯވް ހައްޔަރު ކުރީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ކަމަށް ވިދާޅުވެ އެވެ.

އެކަން ޔަގީން ކޮށްދެއްވާ ޝަމީމް މިއަދު ކުރި ޓްވީޓެއްގައި ބުނީ ރޯމަން ސްލެޒްނޭވް ރާއްޖޭގައި ހައްޔަރު ކުރި މަރުހަލާ އާ ބެހޭގޮތުން ޔޫއެސްގެ ފެޑަރަލް ކޯޓަށް ހެކި ބަސް ދީފައިވާ ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

އޭޕީގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނީ ތަޖުރިބާކާރެއްގެ ގޮތުގައި ކޯޓަށް ހެކިބަސް ދެއްވި ޝަމީމް ވަނީ ސެލެޒްނޯވް އެއާޕޯޓުން ހައްޔަރު ކުރީ ރާއްޖޭގައި މީހަކު ހައްޔަރު ކުރެވޭނެ ކަމަށް ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ތިން އިޖުރާއަތްތަކުގެ ބޭރުން ކަމަށެވެ. ޝަމީމް ކޯޓުގައި ޖުމްލަ ހަތަރު ނުގުތާއެއް ފާހަގަ ކުރި ކަމަށް އޭޕީއިން ބުންޏެވެ.

ޝަމީމް ފާހަގަ ކުރެއްވި ނުގުތާތައް

  • ހައްޔަރު ކުރެވޭނީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި
  • ކުށެއް ކޮށްފި ކަމުގެ ސާފު ހެކި ފުލުހުންނަށް ލިބުމުން
  • ނޫނީ ކޯޓު އަމުރެއްގެ ދަށުން
  • އެޖެންޓުންނަށް އެހީވި ފުލުހުންގެ އަތުގައި ކޯޓު އަމުރެއް ނެތް
  • ސެލެޒްނޯވްގެ ފޮށިތައް ފާސްކުރީ ކޯޓު އަމުރެއް ނެތި

ޝެލެޒްނޯވް ހައްޔަރުކޮށްފައިވަނީ ޝަމީމް ޑެޕިއުޓީ ޕީޖީ ކަމުގައި ހުންނެވި އިރު 2014 ވަނަ އަހަރު ރާއްޖޭގެ އެއާޕޯޓުގައި ހުއްޓާ އެމެރިކާ ސީކްރެޓް އެޖަންޓުން ތަކެކެވެ. ނަމަވެސް ރޯމަންގެ ލޯޔަރު ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އެމެރިކާގެ އެޖެންޓުން ކޯޓުގައި ބުނަނީ އޭނާ ހައްުޔަރު ކުރީ ދިވެހި ފުލުހުން ކަމަށެވެ.

ސެލެޒްނޯވް ކޯޓުގައި ބުނަނީ، އޭނާ ރާއްޖޭގައި ރަހީނު ކުރީ ކަމަށެވެ. އެގޮތުން ފުލުހުން އޭނާ ކޮޓަރިއަކަށް ވައްދައި، އޭގެ އިރުކޮޅެއް ފަހުން އެމެރިކާގެ ސީކްރެޓް ސާވިސްގެ ބަޔަކު އައިސް އޭނާގެ އަތުގައި ބިޑި އަޅުވައިގެން ޖެޓަކަށް އަރުވައިގެން ގެންދިޔައީ ކަމަށް ސެލެޒްނޯވް ބުނެ އެވެ. 

ޝަމީމް އަކީ ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ވެސް ލޯޔަރެވެ. އެކަމުގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ޝަމީމްގެ މައްޗަށް އަންނަނީ ބަލަމުންނެވެ. އެ މައްސަލަ ބަލާތީ އޭނާ ވަނީ ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.