ލައިފްސްޓައިލް

އަންހެނަކު 12 ވަނަ ކައިވެނި ކުރަން ތައްޔާރުވަނީ!

ބައެއް ގައުމުތަކުގެ ސަގާފަތުގައި ގިނަ ކައިވެނިކުރުމަކީ ވަރަށް ހަޑި ހުތުރު ކަމެކެވެ. ޚާއްސަކޮށް އަންހެނުން އެއް ފަހަރަށް ވުރެ ގިނަ ފަހަރަށް ކައިވެނިކުރާނަމަ ވަރަށް ގިނަ މީހުން ފާޑުކިޔައި މަލާމަތް ކުރެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ މީހުންނަށް ގިނަ ކައިވެނި ކުރުމަކީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ. ކައިވެންޏަށް ދެވި ހިފާފައިވާ އެމެރިކާ އަންހެނަކު މާ ގިނައިން ކައިވެނިކުރުން އެ ގައުމުގެ މީހުންނަށް އެހާ ބޮޑު ކަމަކަށް ނުވީ އެހެންވެ އެވެ.

އެމެރިކާގެ އުޓާގައި ދިރިއުޅޭ މޮނޭޓާ ޑައިސް ނަމަކަށް ކިޔާ މި މީހާ އަކީ ކައިވެނިކުރަން ދެވި ހިފާފައިވާ މީހެކެވެ. އެގޮތުން އޭނާ މިހާތަނަށް 11 ކައިވެނިކޮށްފި އެވެ. އަދި 12 ވަނަ ކައިވެންޏަކަށް ދަނީ ތައްޔާރުވަމުންނެވެ.

އެމެރިކާގައި ދައްކާ ޓީވީ ޝޯއެއް ކަމަށްވާ "އެޑިކްޓަޑް ޓު މެރިޖް"ގައި ބައިވެރިވެ ވާހަކަ ދައްކަމުން 52 އަހަރުގެ މޮނޭޓާ ބުނީ 12 ވަނަ އަށް އޭނާގެ ފިރިއަކަށް ވާނެ މީހަކު މިހާރު ވަނީ ހޯދާފަ އެވެ. އެއީ 57 އަހަރުގެ ޖޯން ނަމަކަށް ކިޔާ މީހެކެވެ. އެ މީހާ އަކީ މިހާތަނަށް ދެ މީހުންނާ އިނދެ ވަރިކޮށްފައިވާ މީހެއްކަމަށް މޮނޭޓާ ބުންޏެވެ.

އެހާ ގިނަ މީހުންނާ ކައިވެނިކޮށް ވަރިވަމުންދާ ސަބަބު ކިޔައިދެމުން މޮނޭޓާ ބުނީ އޭނާއަށް ވަރަށް ފަސޭހައިން މީހުން ދެކެ ލޯބި ވެވޭ ކަމަށެވެ. އޭނާއަށް 28 ފަހަރަކު ޕްރޮޕޯޒްކޮށްފައިވާ ކަމަށާއި ކޮންމެ ޕްރޮޕޯސަލް އަކާއެކު އޭނާ ކައިވެނީގެ ހުވަފެންތައް ދެކޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް ކުރި އެއްވެސް ކައިވެންޏަކުން އުންމީދުކުރި ކަހަލަ ނަތީޖާއެއް ނުފެނި ކައިވެނި ފޭލްވަނީ ކަމަށް މޮނޭޓާ ބުންޏެވެ.

މޮނޭޓާއަށް އެންމެ ގިނަ ދުވަހު އެކަކާ ކައިވެނިކޮށްގެން އުޅެވުނީ 10 އަހަރު އެވެ. އަދި އެންމެ ކުރު މުއްދަތަކަށް ދެމިގެން ދިޔަ ކައިވެނީގައި ހޭދަވީ ހަ ހަފުތާ އެވެ.

މޮނޭޓާގެ 11 ކައިވެނި ފެއިލް ވެފައި ވިޔަސް އޭނާ އަދިވެސް ލޯތްބަށް އިތުބާރު ކުރެ އެވެ. އަދި ކޮންމެވެސް ދުވަހަކުން ރަނގަޅު ލޯބިވެރިއަކު ލިބެން އުންމީދު ކުރެ އެވެ. އެފަދަ ދުވަހެއް ފެންނަން ދެން ކައިވެނި ކުރުމުގެ ސިލްސިލާ އޭނާ ކުރިޔަށް ގެންދާނެ އެވެ.