އިންޑިޔާގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބުނު އިސްކޮޅުން ކުޑަ ޑްރައިވަރަށް ގައްޓިޕަލީ ޝިވްޕާލް ވެއްޖެ އެވެ. ހައިދަރުއާބާދުގައި ދިރިއުޅޭ 42 އަހަރުގެ ޝިވްޕާލްގެ އިސްކޮޅުގައި ހުންނަނީ އެންމެ ތިން ފޫޓެވެ. ނަމަވެސް އޭނާގެ އިސްކޮޅަކީ އޭނާ ކުރަން ބޭނުން ކަންތައްތައް ކުރުމަށް އޮތް ހުރަހެއް ކަމަކަށް އޭނާ ނުދެކެ އެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުނަށް ޚާއްސަ އިންސްޓިޓިއުޓަކުން ތައުލީމު ހާސިލުކޮށް 2004 ގައި ޝިވްޕާލް ވަނީ ޑިގްރީ ވެސް ހާސިލު ކޮށްފަ އެވެ. އަދި މިހާރު އޭނާ ގަސްތު ކުރަނީ ހަށިގަނޑަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތަކުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެހިކަލް ދުއްވަން ދަސްކޮށްދޭ ޑްރައިވިން ސްކޫލެއް ހުޅުވާށެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝިވްޕާލް ބުނީ އޭނާ އިސްކޮޅުން ކުރު ކަމުން މީހުން ވަރަށް މަލާމާތްކޮށް ހީނ ހަދަ އެވެ. ނަމަވެސް މިއަދު އޭނާވަނީ ލިމްކާ ބުކް އޮފް ރެކޯޑްސް އަށް ނޮމިނޭޓް ވެފައި ކަމަށާއި އަދި އޭނާ ކައިރިން ވެހިކަލް ދުއްވަން ދަސްކުރަން އޭނާ ފަދަ ހަށިގަނޑުގައި ނުކުޅެދުންތެރިކަން ހުރި ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.
ޕްރައިވެޓް ކުންފުންޏެއްގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ ޝިވްޕާލް ބުނީ އޭނާގެ އާއިލާގައި އޭނާ ނޫނީ "ކުރު މީހެއް" ނެތް ކަމަށެވެ. އަދި އެއްބަނޑު އެއްބަފާ މީހުންގެ ތެރެއިން އެންމެ ދޮށީ އޭނާ ކަމަށް ވާތީ އޭނާގެ ބޮލުގައި ގިނަ ޒިންމާތަކެއް އެޅިފައިވާ ކަމަށެވެ.
ކިޔެވުމާއި އާއިލާ ބެލެހެއްޓުމުގެ ކަންތައްތަކަށް ފައިސާ ހޯދުމުގެ ބޭނުމުގައި ޝިވްޕާލް ވަނީ ބައެއް ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އޭނާ ކަހަލަ މީހުންނަށް ދެމިތިބެން އުނދަގޫ ކަމަށް ޝިވްޕާލް ބުންޏެވެ.
"އަހަރެންގެ ހަށިގަނޑަށް ބަލާފައި މީހުން އަހަންނަށް ވަޒީފާ ދޭން ބޭނުމެއް ނުވޭ. ނަމަވެސް އެކުވެރިއެއްގެ އެހީގައި ޕްރައިވެޓް ކުންފުންޏަކުން ވަޒީފާއެއް ލިބި އެ ވަޒީފާގައި އުޅޭތާ މިހާރު 20 އަހަރު ވެއްޖެ. ވަޒީފާއަށް އައިސް ގޮސްވާން ބައެއް ފަހަރު އަހަރެން ޓެކްސީ ބުކް ކުރަން. ނަމަވެސް އަހަރެން ފެނުމާއެކު ގިނަ މީހުން ދަތުރު ކެންސަލް ކޮށްލާ. އަދި އަހަރެން އަންހެނުންނާއެކު މަގުމައްޗަށް ނުކުމެއްޖެނަމަ މީހުން ވަރަށް ލަދުގަންނަ ކަހަލަ އެއްޗެތި ކިޔައި މަލާމާތް ކުރޭ. އެހެންވެ އަހަރެން ކާރެއް ގަންނަން ގަސްތުކުރީ،" ޝިވްޕާލް ބުންޏެވެ.
ކާރު ދުއްވަން ޝިވްޕާލް ދަސްކުރީ ޔޫޓިއުބު ވީޑީއޯއެއް ބަލައިގެންނެވެ. އެއީ އޭނާ ކަހަލަ އެމެރިކާ މީހަކު ކާރު ދުއްވަން ދަސްކުރަން ކުރި މަސައްކަތް ރެކޯޑް ކޮށްފައިވާ ވީޑީއޯ އެކެވެ. އެ ވީޑިއޯގައި އެމީހާ ވަނީ އޭނާ ފަދަ ކުޑަކުޑަ މީހުންނަށް ކާރު ދުއްވޭނެ ގޮތަށް ކާރުގެ އެތެރެ މޮޑިފައި ކުރި ގޮތް ކިޔައިދީފަ އެވެ. ކާރުގެ ސީޓު އުސްކުރިގޮތާއި އެހެން ބައިތަކަށް ފަޔާއި އަތް ފޯރުވަން ކޮށްފައިވާ ކަންތައްތައް މި ވީޑިއޯގައި ދައްކަ އެވެ.
ޝިވްޕާލް ވެސް ކާރެއް ގަނެ އެގޮތަށް މޮޑިފައި ކޮށް ކާރު ދުއްވަން ފުރަތަމަ ދަސްކުރީ އެވެ. ކާރު ދުއްވަން އޭނާއަށް ދަސްކޮށް ދިނީ ރައްޓެއްސެކެވެ. އޭގެ ފަހުން ޑްރައިވިން ލައިސަންސް ހޯދަން ވެސް އޭނާއަށް ގިނަ ދުވަސްތަކެއް ވަންދެން ބުރަ މަސައްކަތް ކުރަން ޖެހުނެވެ. ސަބަބަކީ އިންޑިޔާގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ގައިޑްލައިންގައި ޑްރައިވިން ލައިސަންސް ލިބޭނީ ވަކި ވަރެއް މީހާގެ އިސްކޮޅުގައި ހުރެގެން ކަމަށް ލިޔެފައި އޮތީމަ އެވެ.
ނަމަވެސް ވަރަށް މަސައްކަތުން މިހާރު އޭނާއަށް ވަނީ ޑްރައިވިން ލައިސަންސް ވެސް ލިބިފަ އެވެ. މިހާރު އެހެން މީހެއްގެ ޓެކްސީ އަކަށް ނާރުވާނެތީ ބިރުން އުޅޭކަށް ޝިވްޕާލް އަކަށް ނުޖެހެ އެވެ.