ކޮވިޑް-19 އަށްފަހު އިގްތިސޯދު އަލުން އަނބުރާ ހަމަ މަގަށް އެޅެމުންދާތީ ތެޔޮ އެތެރެ ކުރުން ބޮޑުތަނުން މަތިވެ 62 މިލިއަން ޑޮލަރު، (ގާތްގަނޑަކަށް 957 މިލިއަން ރުފިޔާ) އެއް ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތިންވަނަ ކުއާޓަރުގެ ކްއާޓަލީ ބްލެޓިންގައިވާ ގޮތުން ކޮވިޑް-19 އަށްފަހު ރާއްޖެއަށް މުދާ އެތެރެ ކުރާވަރު ދަނީ ބޮޑު ތަނުން މަތިވަމުންނެވެ. އިމްޕޯޓު އިތުރުވާ ވަރަކަށް އިމްޕޯޓުން ލިބޭ އާމްދަނީ ވެސް ދަނީ މަތިވަމުންނެވެ.
މި މުއްދަތުގައި އެންމެ ބޮޑަށް އިމްޕޯޓުގެ ދާއިރާ އިން މަތިވެފައި ވަނީ ކާބޯ ތަކެއްޗާއި ތެލުގެ ބާވަތްތައް އަދި ޓްރާންސްޕޯޓުގައި ބޭނުން ކުރާ އިކްއިޕްމަންޓްތަކުގެ ސްޕެއާ އެތެރެ ކުރި މިންވަރެވެ. ތެޔޮ އެތެރެކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާނަމަ 62.2 މިލިއަން ޑޮލަރަށް އަރައި، 118 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވެ އެވެ.
އިމްޕޯޓް އިތުރުވި ދާއިރާތައް
- ތެލުގެ ބާވަތްތައް: 62.2 މިލިއަން ޑޮލަރު (118 ޕަސެންޓް)
- ޓްރާންސްޕޯޓް އިމްއިޕްމަންޓް ސާމާނު: 56.7 މިލިއަން ޑޮލަރު (91 ޕަސެންޓް)
- ކޮންސްޓްރަކްޝަން މެޓީރިއަލްސް: 22 މިލިއަން ޑޮލަރު (32 ޕަސެންޓް)
- މެޝިނަރީ މެނޭނިކަލް: 20.4 މިލިއަން ޑޮލަރު (70 ޕަސެންޓް)
ބައެއް ބާވަތްތަކުގެ އިމްޕޯޓް މަތިވިނަމަވެސް ކުރިން ގިނަ އަދަދަކަށް އެތެރެކުރާ ކެމިކަލް އާއި ޕްލާސްޓިކް އެތެރެކުރި މިންވަރު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ. ކެމިކަލް ސާމާނު އެތެރެކުރި މިންވަރު 40 ޕަސެންޓް ދަށްވެފައިވާއިރު، ޕްލާސްޓިކް ސާމާނުގެ އިމްޕޯޓް ވަނީ 19 ޕަސެންޓަށް ވެއްޓިފަ އެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ އިމްޕޯޓް ވަނީ 62 ޕަސެންޓް މަތިވެފަ އެވެ. ޖުމްލަ 9.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.